ހޮނިހިރު ދުވަހު ބާއްވަން ތައްޔާރުވަމުން އަންނަ ރިޔާސީ އިންތިހާބަކީ ދެފުށް ފެންނަ އިންތިހާބަކަށް ވެއްޖެ ނަމަ، ކޮންމެ ގޮތަކަށް ނަތީޖާ ނުކުތް ނަމަވެސް، އެނަތީޖާ ގަބޫލުކުރައްވާނެ ކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އިންތިހާބާ މެދު ރައްޔިތުންގެ މެދުގައި އިތުބާރު އުފައްދާ، އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން އިންތިހާބާ ގުޅުން ހުރި މުއައްސަސާތަކުން ދޭން ޖެހޭނެ ކަމަށް މައުމޫން ވިދާޅުވެފައިވާ ކަމަށެވެ.
"މިއިންތިހާބަކީ ދެށުން ފެންނަ އިންތިހާބަކަށް ވެއްޖެ ނަމަ އިންތިހާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތްކަމުގައި ވީ ނަމަވެސް ޕީޕީއެމްއިން އެނަތީޖާ ގަބޫލުކުރާނެ،" ރައީސް މައުމޫން ވިދާޅުވި އެވެ.
މިބަޔާނުގައި ބުނެފައި ވަނީ މިއިންތިހާބަކީ އަމާން އިންތިހާބަކަށް ހެދުމަށް ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ދެއްވުމަށް މައުމޫން އެދިވަޑައިގެންފައިވާ ކަމަށެވެ.
"އަޅުގަނޑު އެދެން، ހުރިހާ ޕާޓީތަކުން އަދި ކެންޑިޑޭޓުންނާއި އެކެންޑިޑޭޓުންނަށް ތާއީދުކުރައްވާ ހުރިހާ ބޭފުޅުންނާއި ސަރުކާރުގެ މުއައްސަސާތަކުންނާ އަދި އާއްމު ރައްޔިތުން ކުރިއަށް މިއޮތް ރިޔާސީ އިންތިހާބަކީ ސުލްހަވެރި ވަރަށް އަމާން އިންތިހާބެއް ކަމުގައި ހައްދަވައި ދެއްވުމަށް،" ރައީސް މައުމޫން ވިދާޅުވެފައިވާ ކަމަށް އެބަޔާނުގައި ބުނެފައިވެ އެވެ.
އިންތިހާބުގައި ހަތަރު ކެންޑިޑޭޓަކު ވާދަކުރަމުންދާ އިރު، ރައީސް މައުމޫން ދަނީ އެމަނިކުފާނު ނިސްބަތްވާ ޕީޕީއެމްގެ ކެންޑިޑޭޓް އަދި މައުމޫންގެ އެއްބަފާ ކޮއްކޯފުޅު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކެމްޕެއިންކޮށްދެއްވަމުން ނެވެ.
ދެފުށް ފެންނަ ގޮތަށް ނިމިއްޖެ ނަމަ، ނަތީޖާ ގަބޫލުކުރާނަން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ