ޕީޕީއެމް ރިޔާސީ ޕްރިމަރީގެ ކެންޑިޑޭޓް ނަމްބަރު 1 ޔާމީނަށް، 2 އުމަރަށް

މި މަހު 30 ގައި ބާއްވާ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަބްދުﷲ ޔާމީނާއި އެ ޕާޓީގެ އިންތިގާލީ ނައިބު ރައީސްކަން ކުރެއްވި އުމަރު ނަސީރުގެ ނަން މިއަދު ތަރުތީބުކޮށްފި އެވެ.
ގުރުއަތުގައި ކެންޑިޑޭޓް ނަމްބަރު އެކެއް ޔާމީނަށް ލިބިވަޑައިގެންނެވި އިރު ދޭއް ލިބިވަޑައިގަތީ އުމަރަށެވެ.
ޕީޕީއެމް އޮފީހުގައި ބޭއްވި ގުރުއަތު ނެގުމުގައި އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު  އަހުމަދު މުސްތަފާ ޔާމީންގެ ފަރާތުން ބައިވެރިވެވަޑައިގެންނެވިއިރު އުމަރުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޕީޕީއެމްގެ ޒުވާނުންގެ ގޮފީގެ ރައީސް އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ނާޒިމެވެ.
ޕީޕީއެމްގެ އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު އަދި ޔޫތު މިނިސްޓަރުގެ ޓެކްނިކަލް އެޑްވައިޒަރު މުހައްމަދު ތޮލާލް ވިދާޅުވީ ރިޔާސީ ޕްރައިމަރީ އަށް އުމަރާއި ޔާމީން ޝަރުތު ހަމަވެފައިވާކަން އެ ދެ ބޭފުޅުންނަށް އަންގާފައިވާ ކަމަށެވެ. ރިޔާސީ ޕްރައިމަރީގެ ތައްޔާރީތައް ޝެޑިއުލްކޮށްގެން ކުރިއަށް އެބަދާ ކަމަށާއި ޕީޕީއެމްގެ މެމްބަރުން ތިބި ހުރިހާ ރަށެއްގައި ވޯޓު ފޮއްޓެއް ބެހެއްޓުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާސީ ޕްރައިމަރީގައި ވޯޓުލާން ބޭނުންވާ މެމްބަރުންގެ ތެރެއިން އެ މީހަކު ރަށްވެހިވެފައިވާ ރަށް ނޫން، މީހުން އުޅޭ އެހެން ރަށެއްގައި ވޯޓުލާން ބޭނުންވާ މީހުން ރަޖިސްޓްރީކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. ޕީޕީއެމުން ބުނީ މާޗް 11 އާ ހަމައަށް ފުރުސަތު ހުޅުވާލާފައިވާއިރު ރަޖިސްޓްރީކުރުމުގެ ފޯމު ޕީޕީއެމްގެ އޮފީހުންނާއި ވެބްސައިޓުން ވެސް ލިބެން ހުންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ