ބޭސް ސިޓީ އަށް ސަލާންޖެހުން ހުއްޓުވުމުގެ ވާހަކަ އާއި "ވައުދު" އަދި "މެނިފެސްޓޯ" ފަދަ ބަސްތައް އެހެން ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުން ވެސް ބޭނުންކުރައްވަމުން ގެންދަވާ ކަމަށާއި ނަމަވެސް އެ ކެންޑިޑޭޓުން ވެސް ގެންގުޅުއްވަނީ އެމްޑީޕީގެ މެނިފެސްޓޯ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ސިވިލް ކޯޓު އަމުރާ އެއްގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އުސްފަސްގަނޑު ހައި ކޯޓުގެ ހުކުމާއެކު ފުލުހުން އިއްޔެ ދޫކޮށްލުމާ ގުޅިގެން އެމްޑީޕީން އެ ތަނުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯއަކީ ރާއްޖޭގެ "ތަރައްގީގެ އޮނިގަނޑު" ކަން ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން ބަލައިގެންފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ ކުރިމަތީގައި މިއަދު އޮތް ސުވާލަކީ އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒުކުރަން ރަނގަޅުވާނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްތޯ ނުވަތަ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްތޯ ނުވަތަ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްތޯ ކަނޑައެޅުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"ތަންފީޒުކުރަން މިއުޅެނީ އެމްޑީޕީގެ ފިކުރު. ތަންފީޒުކުރަން މި އުޅެނީ އެމްޑީޕީން އެކަށައެޅި ގޮތެއް. އެކަން ކުރުމަށް ރާއްޖޭގެ ރައްޔިތުންގެ ވޯޓުގައި ހުރިހާ ޕާޓީތަކުން މި އަހަނީ އެމްޑީޕީގެ ފިކުރު ތަންފީޒުކުރަން ރަނގަޅީ ތިމަންނާހޭ ނުވަތަ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްތޯއޭ،" ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި ބައްދަލުވުމުގައި ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ބޭރުގެ ގައުމުތަކުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ތިއްބަވާ ހަ ސަފީރަކާ މިއަދު ބައްދަލުކުރެއްވި ކަމަށާއި ބައިނަލްއަގުވާމީ އެންމެހާ ފަރާތްތައް އެދެނީ ރާއްޖޭގައި ހަމަޖެހުން ގާއިމްކޮށް އަދި އަމާންކަންމަތީގައި، ސުލްހަވެރިކަމާ އެކީގައި ތަރައްގީގެ މަގުގައި ކުރިއަށް ދިއުންކަން އެނގިވަޑައިގެންނެވި ކަމަށެވެ.
"އެ މަގު ހޯދުމަށްޓަކައި، އެ މަގު އަޅުގަނޑުމެންނަށް ލިބިދިނުމަށްޓަކައި ބޭނުން ވަނީ ރިވެތި ގޮތުގައި ހިނގާ ވެރިކަމުގެ ނިޒާމެއް،" އަމިއްލަ ސަލާމަތަށް ކަމަށް ވިދާޅުވެ އިންޑިއަން ހައި ކޮމިޝަނުގައި 11 ދުވަސް ހޭދަކުރެއްވުމަށް ފަހު މިދިޔަ ހޮނިހިރު ދުވަހު އެތަނުން ނުކުމެވަޑައިގެންނެވި ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ 2008ގެ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވިއިރު އެ އިންތިހާބު އެ މަނިކުފާނު ކާމިޔާބުކުރައްވާނެ ކަމުގެ މާ ބޮޑު ޔަގީންކަމެއް އެމްޑީޕީ އަށް އޭރު ނެތް ކަމަށާއި ނަމަވެސް މިއަދު ރައްޔިތުންނަށް ކުޑަކޮށް ވެސް އުފެދޭ ޝައްކަކީ އެ މަނިކުފާނުގެ ނަން ވޯޓު ކަރުދާސްކޮޅުގައި އޮންނާނެތޯ ނުވަތަ ނޫންތޯ ކަމަށެވެ.
ނަޝީދުގެ ވެރިކަމުގައި ގާނޫނު އަސާސީއާ ގާނޫނުތަކާ ހިލާފަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށްގެން ގެންގުޅުނު މައްސަލާގައި އެ މަނިކުފާނުގެ މައްޗަށް ކުރާ ދައުވާ މި އަހަރުގެ ރިޔާސީ އިންތިހާބު ނިމެންދެން ފަސްކޮށްދެއްވުމަށް މިރޭ ވެސް އެ މަނިކުފާނު ވަނީ ގޮވައިލައްވައިފަ އެވެ.
"އަޅުގަނޑުގެ ޝަރީއަތް އިންތިހާބުގެ ފަހަށް ލަސްކޮށްގެން އިތުރު ދިވެހި ރައްޔިތެއްގެ ހައްގަކަށް ގެއްލުމެއް ވާކަށް އަދި ވެވޭކަށް ނެތޭ. އެ ޝަރީއަތް ލަސްނުކޮށްފި ނަމަ ކިތަންމެ ދިވެހި ރައްޔިތެއްގެ ހައްގުތަކަކަށް އެބަ އަރައިގަނެވޭ،" ނަޝީދު ވިދާޅުވި އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް ކުރައްވާ ދައުވާ އަނބުރާ ގެންދަން މިރޭ ގޮވާލެއްވިއިރު އިންޑިއަން ހައި ކޮމިޝަނުން ނަޝީދު ނުކުމެވަޑައިގެންނެވި ސަބަބުތަކާ ބެހޭ ގޮތުން އެއްޗެއް ވިދާޅެއް ނުވެ އެވެ. ނަޝީދު މި މަހުގެ 13 ގައި އިންޑިއަން ހައި ކޮމިޝަނަށް ވަދެވަޑައިގަތުމަށް ފަހު އެ މަނިކުފާނުގެ އަރިސް ބޭފުޅުން ވިދާޅުވަމުން ގެންދެވީ ހުރިހާ ކެންޑިޑޭޓުންނަށް ބައިވެރިވެވޭ އިންތިހާބެއް ބޭއްވެންދެން ނަޝީދު ހުންނަވާނީ އެތަނުގައި ކަމަށެވެ. އެކަމަކު ނަޝީދުގެ ޝަރީއަތް ފަސްކުރަން އަދި އަނބުރާ ގެންދަން ނިންމާފައި ނެތް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލާއި ހުޅުމާލޭ ކޯޓުން ވަނީ ބުނެފަ އެވެ.
އެމްޑީޕީގެ ރޭ ބައްދަލުވުމުގައި ނަޝީދުގެ އިތުރުން އެ ޕާޓީގެ ބައެއް އިސް ބޭފުޅުން ވެސް ވާހަކަ ދެއްކެވި އެވެ. ރާއްޖެ ޓީވީގެ ނިއުސް ހެޑް އިބްރާހީމް ވަހީދު (އަސްވާޑް) އަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ދިން އަނިޔާވެރި ހަމަލާ މި ޖަލްސާގައި ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.
އިބްރާހިމް ވަހީދަށް ދިން ހަމަލާ ކުށްވެރިކުރި ނަމަވެސް އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވަނީ ރާއްޖޭގެ މީޑިއާތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މޫސަ ވިދާޅުވީ ނޫސްވެރިންގެ ފަހަތުގައި އެ ޕާޓީން އަބަދު ވެސް ދެމި އޮންނާނެ ކަމަށާއި ނަމަވެސް ނޫސްވެރިން ވެސް އެއް ބަޔަކު އަނެއް ބައެއްގެ ހިމާޔަތުގައި އެކަތިގަނޑަކަށް ވާންޖެހޭ ކަމަށެވެ. ކިތަންމެ ގިނަ ހިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް ރައްޔިތުން މަޖިލީހާ ދިމާކުރުމުން ހުރިހާ މެންބަރުން ވެސް އެކަތިގަނޑަކަށް ވާ ފަދައިން މީޑިއާ އަށް ހަމަލާ ދިނުމުން ނޫސްވެރިން ވެސް އެކަތިގަނޑަކަށް ވާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. މޫސަ ވަނީ މީގެ ކުރިން ވެސް ތަފާތު އެކި ޖަލްސާތަކުގައި މީޑިއާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
މިރޭގެ ޖަލްސާގައި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ އިބްރާހިމް ވަހީދަށް އަދި ރާއްޖޭގެ މީޑިއާ އަށް ހަމަލާދިނީ މިއަދަކު ނޫން ކަމަށާއި ވެރިކަން ބަދަލުވި ދުވަހު ސަލާމަތީ ބާރުތަކުން އޭރުގެ އެމްއެންބީސީ ވަން އަށް ވަދެ ދިން ހަމަލާއަކީ އޭގެ ފެށުން ކަމަށެވެ.
"ހަތެއް ފެބްރުއަރީ ވަނަ ދުވަހު އެމްއެންބީސީ ވަންއޭ ކިޔާ ޗެނަލް، އެ ތަނަށް ސިފައިންނާއި ފުލުހުންގެ ޔުނީފޯމުގައި، ވަން ބަޔަކު އެ ތަނުގެ ކޮންޓްރޯލްގައި އިން އަންހެން ކުއްޖާ އަށް ބިރު ދައްކައިގެން އެ ތަނަށް ފުރަތަމަ ވީޓީވގެ ލައިވް ފީޑް ނަގާފައި އެ ބަދަލުކުރި ކުރުން އެއީ އަސްވާޑްގައި ޖެހި މީހުންނަކީ. އެއީ އަސްވާޑްގައިގަ ޖެހި ތަނަކީ،" އަލީ ވަހީދު ވިދާޅުވި އެވެ.
މި ތިން ބޭފުޅުންގެ އިތުރުން ވެސް މިރޭގެ ޖަލްސާގައި އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ބައެއް ބޭފުޅުން ވާހަކަ ދެއްކެވި އެވެ.
އެހެން ރިޔާސީ ކެންޑިޑޭޓުން ވެސް ގެންގުޅުއްވަނީ އެމްޑީޕީގެ މެނިފެސްޓޯ: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ