ހުރި ހަމައެކަނި ޖަނަރޭޓަރު ހަލާކުވެ މަޑަވެލިން ކަރަންޓު ކެނޑުމުން އިންޖީނުގެ ބަންދުކޮށްފި

ގދ. މަޑަވެލީ އިންޖީނުގޭގައި އެންމެ ޖަނަރޭޓަރެއް ބޭނުންކުރަން ޖެހުމުން ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވެފައިވާ ވަނިކޮށް އެންމެފަހުން އެ ޖަނަރޭޓަރު ވެސް ހަލާކުވެ ބުދަ ދުވަހުން ފެށިގެން އެ ރަށުގައި ކަރަންޓު ދެވޭނެ ގޮތެއް ނެތި އިންޖީނުގެ ބަންދުކޮށްފި އެވެ.
މަޑަވެލީ ކައުންސިލްގެ ރައީސް އީމާން މުހައްމަދު ރަޝީދު ވިދާޅުވީ ކުރިން ބޭނުންކުރަމުން ދިޔަ ދެ ޖަނަރޭޓަރު ހަލާކުވެގެން ހަދަން މާލެ ފޮނުވާފައިވާ ކަމަށާއި މިދިޔަ މަހުން ފެށިގެން އެންމެ ޖަނަރޭޓަރެއް ބޭނުންކުރަން ޖެހުމުން ކަރަންޓު ކެނޑުމުގެ މައްސަލަ ކުރިމަތިވެފައިވާ ކަމަށެވެ. އަދި ރަށުގައި ކަރަންޓު ދޭ ހަމައެކަނި ޖަނަރޭޓަރު އިއްޔެ ހަވީރު ހަލާކުވުމުން އިންޖީނުގެ މިހާރު ބަންދުކޮށްފައިވާ ކަމަށާއި ރަށް އޮތީ އަނދިރީގައި ކަމަށް އޭނާ ވިދާޅުވި އެވެ.
މަޑަވެލީ ކައުންސިލުން ބުނީ ކަރަންޓު ލޯޑު ބޮޑުވާތީ، ރަށުގެ ބަނދަރުމަތީގައި ހުންނަ ބައްތިތަކާއި މަގު ބައްތިތައް މިދިޔަ މަހުން ފެށިގެން ނުދިއްލާ ކަމަށެވެ. އެކަމަކު އޭރު ވެސް ވަރަށް ގިނައިން ކަރަންޓު ކެނޑޭ ކަމަށް ކައުންސިލުން ބުންޏެވެ.
"އެންމެ ޖަނަރޭޓަރެއް ހުރުމުން ލޯޑު ބޮޑުވާތީ މަގުބައްތިތަކެއް އަޅުގަނޑުމެން ނުދިއްލަން. އެކަމަކު ހަމަ ހުރެފައި ކުއްލި ކުއްލިއަށް ކަރަންޓު ކެނޑެމުން ދަނީ. އެހެންވެ، އޭގެ ސަބަބުން އިލެކްޓްރޯނިކް ސާމާނު ހަލާކު ވަމުންދާތީ ރައްޔިތުން ވަރަށް ގިނައިން ޝަކުވާ ކުރަމުންދޭ،" އީމާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަރަންޓުގެ ހިދުމަތް ނުލިބޭތީ ބުދަ ދުވަހުގެ ރޭ ގިނަ ބަޔަކު އިންޖީނުގެ ދޮށަށް އެއްވެ ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ. އެކަމަކު ކުރިއަށް އޮތް ދެ ދުވަހު ވެސް ކަރަންޓު ލިބޭނެ ކަމުގެ އުއްމީދެއް ނެތް ކަމަށް އީމާން ވިދާޅުވި އެވެ.
މަޑަވެލީ ކައުންސިލުން ބުނިގޮތުގައި ރަށުގެ ޖަނަރޭޓަރު ހަލާކުވެ، ކަރަންޓު ނެތް މައްސަލަ އެ ރަށު އިންޖީނުގެ ހިންގާ އަޕަ ނޯތު ޔުޓިލިޓީސްއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ރޭ އެ ތަނުގެ އިންޖިނިއަރުން ގޮސް، ޖަނަރޭޓަރު ބަލައި އެއިން ކަރަންޓުގެ ހިދުމަތް ނުދެވޭނެ ކަން އަންގާފައިވާ ކަމަށް އެތަނުން ބުންޏެވެ.
އީމާން ވިދާޅުވީ އެ ރަށުގައި ކުރިން ބޭނުން ކުރި ދެ ޖެނެރޭޓަރު ހަލާކުވެ، ހަދަން ފޮނުވާފައި ވާއިރު އިމަޖެންސީ ގޮތުން ބޭނުންކުރާނެ ޖަނަރޭޓަރެއް ވެސް ނެތް ކަމަށެވެ.
"އަޅުގަނޑުމެންނަކަށް ނޭނގޭ ކިހާ ދުވަހަކު ކަމެއް މިގޮތަށް އަނދިރީގައި ތިބެން ޖެހޭނީ. ޖަނަރޭޓަރު ހެދޭނެ ކަމުގެ ޔަގީން ކަމެއް ނެތް،" އީމާން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ