ފުރަތަމަ ހަ މަސް ދުވަހު 200 އަށް ވުރެ ގިނަ މައްސަލަ ހައި ކޯޓުން ނިންމައިފި

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު 200 އަށް ވުރެ ގިނަ މައްސަލަ ބަލައި ނިންމާފައިވާ ކަމަށް ހައި ކޯޓުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކައިފި އެވެ.
ތަފާސްހިސާބު ބުނާ ގޮތުން ފުރަތަމަ ހަ މަސް ދުވަހު ނިންމި 206 މައްސަލައިގެ ތެރޭގައި ހިމެނެނީ 105 މަދަނީ މައްސަލަ އާއި 69 ޖިނާއީ މައްސަލައިގެ އިތުރުން ވަޒީފާއާ ބެހޭ 22 މައްސަލައަކާއި ދުސްތޫރީ 11 މައްސަލައަކާއި އާއިލީ ނުވަ މައްސަލައެކެވެ.
އެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ހައި ކޯޓަށް ހުށަހެޅިފައިވަނީ 214 މައްސަލަ އެވެ.
ހައި ކޯޓުގެ ބެންޗަށް ފަނޑިޔާރުން ހަމަވި ފަހުން އެ ކޯޓުން ނިންމާ މައްސަލަތަކުގެ އަދަދު އަހަރުން އަހަރަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން 2011 ވަނަ އަހަރުނިމުނުއިރު އެ ކޯޓުން ނިންމީ 328 މައްސަލަ ކަމަށް ވާއިރު މިދިޔަ އަހަރު ނިމުނުއިރު 500 އަށް ވުރެ ގިނަ މައްސަލަ ނިންމާފައިވެ އެވެ.
ހައި ކޯޓުން މައްސަލައެއް ބަލަނީ މަދުވެގެން ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުންނެވެ. އެ ކޯޓުގައި ތިއްބަވަނީ އިސް ފަނޑިޔާރާ އެކު ޖުމްލަ ނުވަ ފަނޑިޔާރުންނެވެ. ނަމަވެސް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެ ކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ޝަރީފް ސަސްޕެންޝަންގައި ހުންނެވުމުން އެ ކޯޓުގައި މިހާރު މަސައްކަތް ކުރައްވަނީ އަށް ފަނޑިޔާރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ