މި އަހަރުގެ ރިޔާސީ އިންތިހާބުގެ ބޭނުމަށް ޖުމްހޫރީ ޕާޓީގެ ކޯލިޝަނާ ގުޅެން މަޝްވަރާ ކުރަމުންދާ ކަމަށް އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
"ހަވީރާ" ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ އޭނާ ޖުމްހޫރީ ޕާޓީ އަށް ސޮއިނުކުރައްވާނެ ކަމަށެވެ. އެހެން ނަމަވެސް ޖުމްހޫރީ ކޯލިޝަނާ ގުޅޭނީ "ޕާޓީއެއްގެ ދަރަޖައިގައި" ކަމަށް އޭނާ ވިދާޅުވި އެވެ.
"މިދަނީ އެ ބޭފުޅުންނާ ނެގޯޝިއޭޓް ކުރަމުން. ޓާމްސްތައް ކަނޑައަޅައި މަޝްވަރާ ކުރިއަށް އެބަ ދޭ،" އުމަރު ވިދާޅުވި އެވެ.
ޕީޕީއެމް އުފެއްދުމުގައި އިސްކޮށް ހުންނެވި އުމަރު ވިދާޅުވި ގޮތުގައި އޭނާ ގުޅުން އެންމެ ގާތީ ވެސް ޖުމްހޫރީ ކޯލިޝަނާ އެވެ. ސަބަބަކީ ޖުމްހޫރީ ކޯލިޝަން ފުޅާކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް އޭނާ ކުރައްވާފައި އޮތުން ކަމަށް އުމަރު ވިދާޅުވި އެވެ.
"އަދާލަތާއި ޖުމްހޫރީ ޕާޓީގެ ނެގޯސިއޭޝަންގައި ވެސް އަޅުގަނޑު ވަރަށް މަސައްކަތް ކުރިން. އެހެންވީމާ އަޅުގަނޑުގެ ވެސް ވަރަށް ބޮޑު ބައިވެރިވުމާ އެކު އަދާލަތު ވެސް ޖުމްހޫރީ ކޯލިޝަނާ އެ ގުޅުނީ،" އުމަރު ވިދާޅުވި އެވެ.
"ދެން އަޅުގަނޑު ޖުމްހޫރީ ކޯލިޝަނާ ގުޅޭއިރު އަޅުގަނޑުގެ ސަޕޯޓަރުންނާ ވާހަކަ ދައްކަން ޖެހޭނެ. މިހާރު ވެސް މެޖޯރިޓީ ސަޕޯޓަރުންނާ މަޝްވަރާ ކުރެވިއްޖެ. އެކަމަކު އިތުރު ބަޔަކާ ވެސް ވާހަކަ ދައްކަން ބޭނުންވޭ."
އުމަރަކީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ރަނިން މޭޓަކަށް ހަމަޖެއްސުމަށް ޝޯޓްލިސްޓްވި ބޭފުޅެކެވެ. އެހެން ނަމަވެސް ޖުމްހޫރީ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީގެ އެންމެ މެމްބަރެއް ފިޔަވައި އެހެން ހުރިހާ ބޭފުޅުންގެ ތާއީދާ އެކު އެ މަގާމަށް އައްޔަން ކުރެއްވީ ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދެވެ.
އުމަރު ވިދާޅުވި ގޮތުގައި ރަނިން މޭޓް ކަނޑައެޅުމުގައި ގާސިމްގެ ނިންމެވުން ގޯހެއް ނޫނެވެ. އަދި ޑރ. ހަސަނަކީ ގާސިމާ އެކު މަސައްކަތް ކުރައްވަން ރަނގަޅު ބޭފުޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރަނިން މޭޓް ކަމަށް ބޭފުޅަކު ކޮންސިޑާ ކުރަން ގާސިމް ބެއްލެވިއިރު އީކުއަލީ ކެލިބާޑް މީހުން ތިއްބެވި. އެމީހުންގެ ތެރެއިން އެންމެ ރަނގަޅު ބޭފުޅާ އެ ނެންގެވީ. އެ ޑިސިޝަނާ ދޭތެރޭގައި އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް،" އުމަރު ވިދާޅުވި އެވެ.
ޖުމްހޫރީ ކޯލިޝަނާ އެކު މިދަނީ ވާހަކަ ދައްކަމުން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ