ގާސިމް މިނިވަންކުރުމަށް ގޮވާލާ ޕެޓިޝަންގައި ސޮއިކުރަން ފަށައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިނިވަންކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށްޓަކައި މާމިގިލީ ރައްޔިތުން އިސްވެ ތައްޔާރުކުރާ ޕެޓިޝަންގައި ސޮއިކުރަން ފަށައިފިއެވެ.
މާމިގިލީ ރައްޔިތުން އިސްވެ ތައްޔާރުކުރާ ޕެޓިޝަނާއި ގުޅޭގޮތުން ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ފްރީ ގާސިމް އިވެންޓްގެ ކޯޑިނޭޓަރު ޝިހާމް މުހައްމަދު ވިދާޅުވީ މިޕެޓިޝަންގައި ސޮއިކުުރުމުގެ ހަރަކާތްތައް މިއަދު ހަވީރު، މާމިގިލީ ޖުމުހޫރީ ޕާޓީ ޖަގަހަައިގައި ފަށާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މިޕެޓިޝަންގައި ސޮއިކުރުމުގެ ފުރުސަތު އާއްމުކޮށް އެންމެންނަށްވެސް ހުޅުވާލެވިފައިވާ ކަމަށާއި، މިއީ މާމިގިލީ ރައްޔިތުން އިސްވެ ތައްޔާރު ކުރާ ޕެޓިޝަނެއް ކަމުގައެވެ.
މި ޕެޓިޝަންގައި މިއަދު ހަވީރު އެކަނިވެސް މާމިގިލިން 700 އަސްވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ކަމަށާ، މިރޭވެސް ޕެޓިޝަންގައި ސޮއިކުރުމުގެ ހަރަކާތް މާމިގިލީގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ޝިހާމް ވިދާޅުވިއެވެ.
ޝިހާމް ވިދާޅުވީ މިރޭ ސަން އައިލެންޑާ، ހޮލިޑޭ އައިލެންޑާއި، އދ.ފެންފުށީގައި ވެސް ޕެޓިޝަންގައި ސޮއިކުރުމުގެ ހަރަކާތް ކުރިއަށް ގެންދާނެ ކަމަށެވެ.
އަދި މާދަމާ ދިގު ރަށުގައި މި ހަރަކާތް ފެށުމަށް ނިންމާފައިވާއިރު، ވަރަށް އަވަހަށް ދަނގެތީގައިވެސް ޕެޓިޝަންގައި ސޮއިކުރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ޝިހާމް ވިދާޅުވިއެވެ.
އޭނަ ވިދާޅުވީ މިޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށްވެސް ހުށައަޅާނެ ކަމަށާއި، އޭގެ އިތުރަށް ސަރުކާރުގެ ކަމާއިގުޅޭ މުއައްސަސާތަކަށް ވެސް ހުށައަޅާނެ ކަމުގައެވެ.
މާމިގިލީ ރައްޔިތުން އިސްވެ ކަމާބެހޭ ފަރާތްތަކަށް ހުށައެޅުމަށް ތައްޔާރު ވަމުންދާ މިޕެޓިޝަނުގައި ބުނެފައިވަނީ، ޤާސިމް އިބްރާހީމަކީ، ރާއްޖޭގެ ރައްޔިތުންގެ ތާއީދާއި ލޯބި ހޯއްދަވައި، އެމަނިކުފާނުގެ މަދަދާއި އެހީތެރިކަމުގައި ދިވެހި އެތަކެއް ރައްޔިތުންނަަށް ތަފާތު އެކި ރޮނގުރޮނގުން ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމުގައެވެ.
އަދި އެމަނިކުފާނަކީ، ދިވެހި ޤައުމުގެ ލާބަޔާއި މަންފާއަށްޓަކައި ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ މަސައްކަތެއްގައި ފަސްނުޖެހި ކުރިޔަށް ވަޑައިގަންނަވާ ބޭފުޅެއް ކަމުގައެވެ.
މީގެ އިތުރަށް އެމަނިކުފާނަކީ 2008 ވަނަ އަހަރު ތަސްދީޤު ކުރެވުނު ފެހި ޤާނޫނު އަސާސީން ދިވެހިންނަށް އެތައް ހައްޤުތަކެއް ހޯއްދަވައިދެއްވުމުގައި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅަކަށްވީ ހިނދު، އެ ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދިން ހައްޤުތައް ބީވެގެން ދިއުމަކީ މިއަދު އޮތް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމުގައިވެސް ޕެޓިޝަނުގައި ބުނެފައިވެއެވެ.
އަދި ޤާސިމް އިބުރާހިމާއި މެދު ކަމާއި ބެހޭ ފަރާތްތަކުން އަމަލު ކުރަމުންދަނީ އިންސާފުން ނޫންކަން ފާހަގަކޮށް، ޤާސިމް އިބްރާހިމްފަދަ ޚިދުމަތްތެރިއަކު ޖަލުގައި ބަންދުކޮށް ބޭއިންސާފުން ކުރަމުންގެންދާ ކަންކަން ހުއްޓާލުމަށާއި، އެމަނިކުފާނު މިނިވަންކޮށް ދޫކޮށްލުމަށް ގޮވާލާ ކަމުގައި ޕެޓިޝަނުގައި ބުނެފައިވެއެވެ.
މިޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީއަށް ހުށައަޅުއްވާނީ ޖުމުހޫރީ ޕާޓީގެ ތޮއްޑޫ ދާއިރާގެ މެމްބަރު އިބުރާހިމް ހަސަނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ