ޤާސިމް އިބުރާހިމް މިނިވަންކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށްޓަކައި މާމިގިލީ ރައްޔިތުން އިސްވެ ޕެޓިޝަނެއް ތައްޔާރު ކުރަން ފަށައިފި އެވެ.
މާމިގިލީ ކައުންސިލްގެ ނައިބުރައީސް ޢަބުދުﷲ މުފީދު ވިދާޅުވީ، މިޕެޓިޝަންގައި ސޮއިކުރަން ފަށާނީ މިއަދު ހަވީރު، މާމިގިލީ ޖުމުހޫރީ ޕާޓީ ޖަގަހައިގައި ކަމަށެވެ.
އޭނާ ވިދާޅުވީ މޕެޓިޝަންގައި ސޮއިކުރުމުގެ ފުރުސަތު އާއްމުކޮށް އެންމެންނަށްވެސް ހުޅުވާލެވިފައި ވާކަމަށާއި، މިއީ މާމިގިލީ ރައްޔިތުން އިސްވެ ތައްޔާރު ކުރާ ޕެޓިޝަނެއް ކަމުގައެވެ. އަދި މިޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށްވެސް ހުށައަޅާނެ ކަމަށާއ،ި އޭގެ އިތުރުން ސަރުކާރުން ކަމާއި ގުޅޭ މުއައްސަސާތަކަށް ވެސް ހުށައަޅާނެ ކަމުގައި އޭނާ ވިދާޅުވި އެވެ.
މާމިގިލީ ރައްޔިތުން އިސްވެ ކަމާބެހޭ ފަރާތްތަކަށް ހުށައެޅުމަށް ތައްޔާރު ވަމުންދާ މިޕެޓިޝަނުގައި ބުނެފައި ވަނީ، ޤާސިމް އިބުރާހީމަކީ، ރާއްޖޭގެ ރައްޔިތުންގެ ތާއީދާއި ލޯބި ހޯއްދަވައި، އެމަނިކުފާނުގެ މަދަދައި އެހީތެރިކަމުގައި ދިވެހި އެތަކެއް ރައްޔިތުންނަަށް ތަފާތު އެކި ރޮނގު ރޮނގުން ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނަކީ، ދިވެހި ޤައުމުގެ ލާބަޔާއި މަންފާއަށްޓަކައި ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ މަސައްކަތެއްގައި ފަސްނުޖެހި ކުރިޔަށް ވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނަކީ 2008 ވަނަ އަހަރު ތަސްދީޤު ކުރެވުނު ފެހި ޤާނޫނު އަސާސީން ދިވެހިންނަށް އެތައް ހައްޤުތަކެއް ހޯއްދަވައި ދެއްވުމުގައި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅަކަށްވި ހިނދު، އެޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދިން ހައްޤުތައް ބީވެގެން ދިއުމަކީ މިއަދު އޮތް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމުގައިވެސް އެޕެޓިޝަނުގައި ބުނެފައިވެއެވެ.
އަދި ޤާސިމް އިބުރާހިމާއި މެދު ކަމާއި ބެހޭ ފަރާތްތަކުން އަމަލު ކުރަމުންދަނީ އިންސާފުން ނޫން ކަން ފާހަގަކޮށް، ޤާސިމް އިބްރާހިމްފަދަ ޚިދުމަތްތެރި އަކު ޖަލުގައި ބަންދުކޮށް ބޭއިންސާފުން ކުރަމުންގެންދާ ކަންކަން ހުއްޓާލުމަށާއި، އެމަނިކުފާނު މިނިވަންކޮށް ދޫކޮށްލުމަށް ގޮވާލާ ކަމުގައި އެޕެޓިޝަނުގައި ބުނެފައިވެއެވެ.
މިޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީއަށް ހުށައަޅުއްވާނީ ޖުމުހޫރީ ޕާޓީގެ ތޮއްޑޫ ދާއިރާގެ މެމްބަރު އިބުރާހިމް ހަސަން އެވެ.
ގާސިމް މިނިވަންކުރަން މާމިގިލީ ރައްޔިތުން އިސްވެ ޕެޓިޝަނެއް ތައްޔާރު ކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ