ޕީޕީއެމް ހިންގަނީ ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އުސޫލްތަކާއި ފިކުރުގެ މައްޗަށް ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.
މައުމޫން އިސްވެ ހުންނަވައި ބޮޑުތިލަދުންމައްޗަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި، ރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި މައުމޫން މިހެން ވިދާޅުވެފައި މި ވަނީ، ޕީޕީއެމުން ވަކިވެޑައިގެން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ޝިފާގު މުފީދާއި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވި އުމަރު ނަސީރު ޕާޓީއާ ގުޅޭގޮތުން ދައްކަވާފައިވާ ވާހަކަތަކަށް ފުރަތަމަ ފަހަރަށް ރައްދު ދެއްވަމުންނެވެ.
ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ތާއީދުކުރައްވަން ނިންމަވައި ޝިފާގު އަދި އުމަރު ނަސީރު ވެސް ވިދާޅުވެފައި ވަނީ ޕީޕީއެމް ހިންގަނީ ރައީސް މައުމޫންގެ ފިކުރާއި އެމަނިކުފާނުގެ "ސިޔާސަތުތަކާ އެއްގޮތަށް ނޫން " ކަމަށެވެ. އަދި ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި ތިބެ އެ ޕާޓީން ނުކުމެ ގާސިމަށް ތާއީދުކުރަން ނިންމެވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ތާއީދު ކުރަން ބޭނުން ނުވާތީ ކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފަ އެވެ.
މައުމޫން ވިދާޅުވީ އެމަނިކުފާނަށް ތާއީދުކުރައްވާ ބައެއް ބޭފުޅުން އެހެން ސިޔާސީ ޕާޓީތަކަށް ބަދަލުވުމަށް ފަހު ވެސް "ތިމަންނާ ތާއީދުކުރަނީ މައުމޫނަށް" ކަމަށް ވިދާޅުވަމުން ގެންދެވިއަސް އެކަން ބަލައިނުގަނެވޭ ކަމަށެވެ. އެމަނިކުފާނަށް ތާއީދުކުރައްވާ މީހުން ތިބެންޖެހޭނީ ޕީޕީއެމްގައި ނުވަތަ އެމަނިކުފާނުގެ ފިކުރާ އެއްގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.
"ދެން ވިދާޅުވާ އެއްޗަކީ ޕީޕީއެމް ހިނގަނީ މައުމޫން ބޭނުންވާ ގޮތަކަށް ނޫނޭ. ޕީޕީއެމްގެ ފިކުރަކީ މައުމޫންގެ ފިކުރެއް ނޫނޭ. އެހެންވީމައޭ ތިމަންނަމެން ކޮންމެހެން ޕީޕީއެމްގައި ތިބެން ބޭނުން ނުވަނީ. އެއީީ އެއްވެސް ހަގީގަތެއް ނޫން، އަޅުގަނޑު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޔަގީންކޮށް އަރުވަން ޕީޕީއެމްގައި މި އޮތީ އަޅުގަނޑުގެ ފިކުރު،" އެ ޕާޓީއާ ގުޅޭގޮތުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ކަންކަން ހިންގަމުން ދަނީ އެމަނިކުފާނު ވެސް ގަބޫލުކުރާ އުސޫލްގެ މަތިންނެވެ. އެ ޕާޓީއަކީ ޑިމޮކްރެޓިކް އުސޫލުން ހިންގާ ޕާޓީއަކަށްވާއިރު އެމަނިކުފާނު ވިދާޅުވާހާ ގޮތަކަށް ޕާޓީގެ ހުރިހާ ނިންމުންތަކެއް ބައްޓަންކުރަން ނުޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
ޕީޕީއެމް ހިނގަނީ ކައުންސިލާއި މެމްބަރުންގެ މަޝްވަރާ އާއި ލަފަޔާއެކުގައި ކަމަށް މައުމޫން ވިދާޅުވި އެވެ.
އިންތިހާބާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ އިންތިހާބުގައި 18 އަހަރުން މަތީގެ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވީ ނަމަވެސް އެ ހައްގަކީ އެއްވެސް މީހެއްގެ އަމިއްލަ އެއްޗެއް ނޫން ކަމަށާއި ވޯޓަކީ މުޅި ގައުމުގެ ހައްގެއް ކަމަށެވެ. ކުރިއަށް އޮތް އިންތިހާބަށްޓަކައި ރާއްޖޭގެ ރައްޔިތުން ވިސްނުންތެރިކަމާ އެކު ނިންމުންތަކެއް ނިންމަންޖެހޭކަން ފާހަގަކުރައްވައި މައުމޫން ވިދާޅުވީ "އެ ނިންމުމުން ގައުމަށް ލިބޭނީ ފައިދާތޯ ނުވަތަ ގެއްލުންތޯ" ވެސް ވިސްނަންޖެހޭ ކަމަށެވެ. ވެރިކަމަށް ކުރިމަތިލައްވާފައި ތިބި ހަތަރު ކެންޑިޑޭޓުންގެ ތެރެއިން ރައްޔިތުންނަށްޓަކައި ވެރިކަމެއް ކޮށްދޭން އެންމެ ގާބިލް ބޭފުޅަކީ ކޮބައިތޯ ސާފުކޮށް ދެނެގަންނަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މި ވޯޓަކީ އަޅުގަނޑުމެންގެ އަމިއްލަ ހައްގެކޭ ބުންޏަސް އެއީ އަމިއްލަ ހައްގެއް ނޫން، ވޯޓަކީ ގައުމުގެ ހައްގެއް. މުޅި ރާއްޖޭގެ ހައްގެއް. އަޅުގަނޑުމެން ވޯޓުދޭގޮތަކުން މުޅި ރާއްޖެ ބަދަލުކޮށްލަނީ، ރަނގަޅު ގޮތަކަށް ނުވަތަ ނުބައި ގޮތަކަށް. އެހެންވީމާ ވޯޓަކީ އެއްވެސް ބޭފުޅެއްގެ އަމިއްލަ އެއްޗެއް ނޫން،" މައުމޫން ވިދާޅުވި އެވެ.
ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގެ މިނިވަންކަމާއި އިސްލާމީ އަގީދާ ރައްކާތެރިވުމާއި އިޖުތިމާއީ ހަމަޖެހުމާއި އިގްތިސާދު ބިނާވެފައި އޮންނާނީ ރައްޔިތުން ވޯޓުދޭ ގޮތެއްގެ މައްޗަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ސިޔާސީ މައިދާނުގައި ކުރިއަށް ދިއުމަށް މުހިއްމު ތިން ކަމެއް ކުރަންޖެހޭ ކަމަށް އެމަނިކުފާނަށް ތަޖުރިބާކުރެއްވިފައިވާ ކަމަށް ވިދާޅުވެ ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ރަނގަޅު ވިސްނުންތަކެއް ވިސްނުމެވެ. އޭގެ އިތުރުން ރަނގަޅު ނިންމުންތަކެއް ނިންމުމާއި ރަނގަޅު މަސައްކަތްތައް ކުރުމަކީ ސިޔާސީ ގޮތުން ކުރިއަށްދާން ބޭނުންވާ އަނެއް ދެ ކަންތައް ކަމަށް މައުމޫން ވިދާޅުވި އެވެ.
"މި ތިން ކަންތައް ފުރިހަމަވެގެން ނޫނީ އަޅުގަނޑުމެންނަށް ރާއްޖޭގައި ތަރައްގީގެ އެއްވެސް ކަމެއް ނުކުރެވޭނެ. އަޅުގަނޑު ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވިއިރު ރާއްޖެ އޮތް ހާލަތު ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ކާބޯތަކެތީގެ ގޮތުގައި ފުށާއި ހަކުރާއި ހަނޑޫ ހުރީ އެންމެ ތިން ހަފުތާއަށް ފުދޭ މިންވަރަށެވެ. އޭރު ދައުލަތުގެ ހަޒާނާގައި އެއްވެސް ފައިސާއެއް ނެތް ނަމަވެސް ރާއްޖެ އޮތް ހާލަތުން އަރައިގަނެވުނީ ވިސްނުންތެރިކަމާއެކު ރަނގަޅު ނިންމުންތަކެއް ނިންމަވައިގެން ކަން މައުމޫން ފާހަގަކުރެއްވި އެވެ.
މައުމޫން ވިދާޅުވި ގޮތުގައި އިންތިހާބެއް ބޯމަތިވެފައިވާއިރު، ރާއްޖޭގައި ސަލާމަތްކުރަން ނުޖެހޭ އެއް ކަމެއް ވެސް ނެތެވެ. ދިވެހިންގެ ދީނީ އަގީދާ އާއި ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަމާއި އިގްތިސާދާއި ތަރައްގީގެ މަސައްކަތްތައް ވެސް ވަނީ ސަލާމަތްކުރަން ޖެހިފައި ކަމަށް ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ކުޅުދުއްފުށީގައި ވަނީ ތަރައްގީގެ ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައި ކަމަށެވެ. އެ ރަށަކީ އާބާދީގެ ބޮޑު، ތަރައްގީގެ ގިނަ ފުރުސަތުތައް ހުރި ރަށަކަށްވާތީ އިގްތިސާދީ މައި ނާރެހަކަށް އެ ރަށަށް ހެދުމަކީ މުހިއްމު ކަމެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ކުޅުދުއްފުށި ތަރައްގީކުރުމުގެ ވާހަކަ ޕީޕީއެމުން ދައްކަނީ އޮޅުވާލައިގެން ރައްޔިތުންގެ ވޯޓު ހޯދަން ނޫން ކަމަށާއި ވަރަށް ގިނަ ވިސްނުންތަކަކާއި ޕްލޭންތަކެއްގެ މައްޗަށް ކަމަށް މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވައުދުތައް ވަމުން މިދަނީ ތައުލީމީ ގިނަ ބޭފުޅުންތަކެއްގެ ދިރާސާއާއެކު،" މައުމޫން ވިދާޅުވި އެވެ.
ޕީޕީއެމް ހިންގަނީ އަޅުގަނޑުގެ ފިކުރާ އެއްގޮތަށް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ