ރ. އުނގޫފާރުން: މުރުޝިދު އަބްދުލްހަކީމް
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަށް ހަމަލާދީ އަވަހާރަކޮށްލުމުގެ އަޑީގައި ތިބީ އިސްލާމް ދީން ދެކެ ލޯބި ނުވާ އަދި އަދި އިސްލާމް ދީން މި ގައުމުން ފޮހެލުމަށް މަސައްކަތްކުރާ ބައެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ދީނީ ގޮފީގެ ރައީސް ޑރ. އަފްރާޝީމަށް ހަމަލާދީ ހަވަހާރަކޮށްލުމާ ގުޅިގެން އެ މަނިކުފާނުގެ ހަނދާނުގައި ޕީޕީއެމުން މި ރަށުގައި ރޭ ބޭއްވި ތައުބީން ޖަލްސާގައި އެ ޕާޓީގެ އިންތިގާލީ ރައީސް މައުމޫން ވިދާޅުވީ އަފްރާޝީމަށް ހަމަލާދީ އެ މަނިކުފާން އަވަހާރަކޮށްލީ އިސްލާމް ދީނަށް އަދާވަތްތެރިވެ، އިސްލާމް ދީނާ ހަނގުރާމަ ކުރާ ބައެއްކަން ހަނދާން ކުރަން ޖެހޭ ކަމަށެވެ.
"މީގެ ފަހަތުގައި ތިބި މީހުންނަކީ އިސްލާމްދީނަށް ލޯބިނުކުރާ، އިސްލާމްދީނާ ދޭތެރޭގައި ހަސަދަވެރިވެ، އިސްލާމްދީނާ މެދު ހަނގުރާމަ ކުރާ ބަޔަކު. ދިވެހި ރާއްޖެ އަމާންކަމާއި ސިޔާދަތަށް ލޯބި ނުކުރާ، ދިވެހި ރާއްޖޭގެ ބޭރުގެ އަތްދޮށުގައި ބޭއްވުމަށް ބޭނުންވާ ބަޔަކު ކުރިކަމެއް ކަން މިއީ އަޅުގަނަޑުމެން ދެކެންވީ ހަގީގަތް،" މައުމޫނު ވިދާޅުވި އެވެ.
މި ރަށު ބަނދަރުމަތީގައި ރޭ ބޭއްވި ޖަލްސާގައި މައުމޫން ވިދާޅުވީ އަފްރާޝީމަކީ ހައްގު ބަސް ވިދާޅުވުގައި މާތްﷲ ފިޔަވައި އެހެން ފަރާތަކަށް ބިރުވެތި ބޭފުޅެއް ނޫން ކަމަށާއި އެފަދަ ބޭފުޅަކު އަވަހާރަކޮށްލުމަށް ދިން ހަމަލާއަކީ އިސްލާމް ދީނަށާއި ރާއްޖޭގެ ޑިމޮކުރަސީ އަށް ދީފައިވާ ހަމަލާއެއް ކަމަށެވެ.
"އެފަދަ ބޭފުޅަކު އަވަހާރަ ކޮށްލުމަކީ ހަމަ އެކަނި އެ ބޭފުޅަކަށް ދިން ހަމާލާއެއް ނޫން. ހަމަ އެކަނި އެބޭފުޅާ އުފަންވެވެވަޑައިގެންނެވި ރަށަށް ދިން ހަމަލާއެއް ނޫން. ހަމަ އެކަނި އެބޭފުޅާގެ އާއިލާއަށް ދިން ހަމަލާއެއް ނޫން. އެ ހަމަލާއަކީ އެ ބޭފުޅަކު ނިސްބަތްވެޑައިގަންނަވާ ދީނަށް ދިން ހަމަލާއެއް. އިސްލާމް ދީނަށް ދިން ހަމަލާއެއް. އެބޭފުޅާ ނިސްބަތްވެވަޑައިގަންނަވާ ގައުމަކަށް ދިން ހަމަލާއެއް. ދިވެހި ރާއްޖެ އަށް ދިން ހަމަލާއެއް. އެ ބޭފުޅާ ގަބޫލުފުޅުކުރައްވާ އުސޫލަކަށް ދިން ހަމަލާއެއް. ރާއްޖޭގެ ޑިމޮކުރަސީ އަށް ދިން ހަމަލާއެއް،" މައުމޫނު ވިދާޅުވި އެވެ.
ރޭ މައުމޫނު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ދީނީ ތައުލީމް އުނގެނިވަޑައިގެން ތިއްބެވި ބޭފުޅުންގެ ތެރެއިން އަފްރާޝީމް ފަދަ، ކުރު މުއްދަތެއްގައި ގިނަ ގުނަ ހިދުމަތްތަކެއް ކުރައްވާފައި ތިބި ބަޔަކު މި ރާއްޖޭގައި އެބަތިބިތޯ މައުމޫނު ވަނީ ސުވާލު އުފައްދަވައިފަ އެވެ.
މައުމޫނު ވިދާޅުވީ ޑރ. އަފްރާޝީމް ޕީއެޗުޑީ ނަންގަވައިގެން ރާއްޖެ ވަޑައިގެން ހިދުމަތް ކުރައްވަން ފެއްޓެވި ފަހުން ވޭތުވި ފަސް އަހަރު ދުވަހު ގައުމަށް ކޮށްދެއްވާފައިވާ ހިދުމަތްތަކަކީ 50 އަހަރު ދުވަހުން ވެސް މީހަކަށް ކޮށްދެއްވޭނެ ފަދަ އަގު ހުރި ހިދުމަތްތަކެއް ނޫން ކަމަށެވެ.
"އެމަނިކުފާނު ޕީއެޗްޑީ ހާސިލް ކުރެއްވުމަށް ފަހު 2007 ވަނަ އަހަރު ރާއްޖެ ވަޑައިގެން ފައި މި ވޭތުވެ ދިޔަ ފަސް އަހަރަކީ އެމަނިކުފާނުގެ މާތް ދޫފުޅުންނާއި ގަލަމުންނާއި އަދި އެ މަނިކުފާނުގެ ހިދުމަތްތަކުން މުޅި ދިވެހި ގައުމު އިތުރު މުއްސަނދި ކަމަކާއި އިތުރު ކުރިއެރުމެއް ލިބިގެން ދިޔަ ފަސް އަހަރު. އާދެ އަޅުގަނޑު ދަންނަވާނީ ކުރު ފަސް އަހަރުގެ ތެރޭގައި އެމަނިކުފާނު އެ އަދާކުރެއްވި ހިދުމަތަކީ އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކަށް ފަސް އަހަރު ދުވަހުގެ ތެރޭގައި ވެސް އަދާ ނުކުރެއްވޭ ފަދަ ގިނަ ގުނަ ބޮޑެތި ހިދުމަތްތަކެކޭ. މިއީ އެއްވެސް ގޮތަކަށް ތައުރީފް ކުރުމުގެ ގޮތުން، ހުޝާމަދު ކުރުމުގެ ގޮތުން ބުނާ ވާހަކައެއް ނޫން، މިއީ ހަގީގަތް،" މައުމޫނު ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި މައުމޫން ވަނީ އަފްރާޝީމްގެ ތައުޒިޔާ ދަފުތަރުގައި ލިޔުއްވައިފަ އެވެ.
ޑރ. އަފްރާޝީމުގެ ތައުބީންގެ ޖަލްސާ އަށް އަތޮޅުގެ ގިނަ ބަޔަކު އައިސް ޖަލްސާގައި ބައިވެރިވި އެވެ.
އަފްރާޝީމް އަވަހާރަކޮށްލީ އިސްލާމް ދީން ގައުމުން ފޮހެލަން ބޭނުންވާ ބަޔަކު: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ