ގާސިމް ހާޒިރުކުރަނީ ބިރުދައްކަން: ނަޝީދު

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިރޭ ފުލުސް އޮފީހަށް ހާޒިރުކުރަނީ ސިޔާސީ ބޭނުމަށް، ބިރުދައްކަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ގާސިމް ފުލުސް އޮފީހަށް ހާޒިރުކުރުމާ ދެކޮޅަށް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވީހާވެސް ގިނަ ބަޔަކު ގާސިމާ އެކު ފުލުސް އޮފީހަށް ދާން އެދިވަޑައިގަތެވެ.
ގާސިމް ފުލުސް އޮފީހަށް ހާޒިރުވާން އެންގީ މިރޭ 8:30 އަށެވެ. ނަމަވެސް ފުލުސް އޮފީހަށް ހާޒިރުވާން އެންގި ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
ކުރިއަށް އޮތް 30 ދުވަސް ވަންދެން ރާއްޖެ އިން ބޭރަށް ފުރާވަޑައިނުގެންނެވޭނެ ކަން ވެސް ފުލުހުން ގާސިމަށް އެންގި ކަމަށް ވެ އެވެ.
ގާސިމް ފުލުސް އޮފީހަށް ހާޒިރުކުރާއިރު، އިިދިކޮޅު ސިޔާސީ ލީޑަރުން ވަނީ ސަރުކާރާ ދެކޮޅަށް މަސައްކަތްކޮށް ގައުމު ހަމަމަގަށް އެޅުވުމަށް އެއްބަސްވުމެއް އެކުލަވާލައިފަ އެވެ. އެ އެއްބަސްވުމުގައި ގާސިމްގެ އިތުރުން ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވަނީ ސޮއިކުރައްވައިފަ އެވެ.
ގާސިމް ފުލުސް އޮފީހަށް ހާޒިރުވާން އެންގިއިރު، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވަނީ މިދިޔަ ހޯމަދުވަހުގެ ރޭ ފުލުސް އޮފީހަށް ހާޒިރުކޮށް އޭނާގެ ފޯނު އަތުލައިފަ އެވެ. އަދި ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް އޭނާ ވަނީ އިއްޔެ ހަވީރު ވެސް ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. އެއާއެކު، ނަޝީދުގެ މައްޗަށް އަނެއްކާވެސް ޓެރަރިޒަމްގެ ދައުވާއެއް އުފުލާފައިވާއިރު، ގޭބަންދަށް ބަދަލުކޮށްފައި ހުންނެވި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިއަދު ވަނީ އަނބުރާ ޖަލަށް ގެންގޮސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ