އަލްހާންގެ ފަރާތުން ހުށަހެޅި މައްސަލަ ހައި ކޯޓުން ބަލައިނުގަތުމުން ދަށު ކޯޓަށް ހުށަހަޅަނީ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފޭދޫ ދާއިރާ އަށް ކުރިމަތިލުމަށް އެމްޑީޕީގެ ޓިކެޓް ލިބުނު މުހައްމަދު ނިހާދުގެ ކެންޑިޑެސީ ބާތިލްކުރަން، އެ ޕްރައިމަރީގައި ނާކާމިޔާބުވި ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމުން އެ މައްސަލަ ދަށު ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.
ޕްރައިމަރީގައި ނާކާމިޔާބުވުމުން އަމިއްލަ ގޮތުން އެ އިންތިޚާބަށް ވާދަކުރައްވާ އަލްހާންގެ ފަރާތުން އެ މައްސަލަ ހައި ކޯޓަށް ހުށަހެޅީ މިދިޔަ ބުދަ ދުވަހު އެވެ. އަލްހާންގެ ކޮއްކޮ އަދި ގާނޫނީ ވަކީލު ނޫރުބާން ފަހުމީ ވިދާޅުވީ އެ މައްސަލަ ބަލައިނުގަތީ ޕާޓީގެ އެތެރޭގެ އިންތިޚާބެއްގެ މައްސަލަ ހައި ކޯޓަށް ނުބެލޭނެތީ އާއި އެ ކޯޓުން ބަލާނީ އިލެކްޝަންސް ކޮމިޝަނުން ބާއްވާ އިންތިޚާބުތަކާ ބެހޭ މައްސަލަތައް ކަމަށް ހައި ކޯޓުގެ ރެޖިސްޓްރާ އަންގާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުރަތަމަ މަރުހަލާ އިން ބަލަންޖެހޭނީ ދަށު ކޯޓަކުން ކަމަށް ރެޖިސްޓްރާގެ ނިންމުމުގައިވާތީ އެ މައްސަލަ މާދަމާ ދަށު ކޯޓަށް ހުށަހަޅާނެ ކަމަށް ނޫރުބާން ވިދާޅުވި އެވެ.
" ދަށު ކޯޓަކީ ސިވިލް ކޯޓު ކަމަށްވާތީ މާދަމާ އަޅުގަނޑުމެން އެ މައްސަލަ އެ ކޯޓަށް ހުށަހަޅާނަން" ނޫރުބާން ވިދާޅުވި އެވެ.
ހައި ކޯޓުގެ ގަވާއިދު އޮންނަ ގޮތުން އެ ކޯޓުގެ ރެޖިސްޓްރާ ނިންމާ ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ނަމަ އެ ނިންމުން ރިވިއުކޮށް ދިނުމަށް އެދި އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅިދާނެ އެވެ.
އަލްހާން ވިދާޅުވެފައިވާ ގޮތުގައި އެމްޑީޕީގެ ޕްރައިމަރީ ސައްހަ ނޫން ކަމަށާއި އެ މައްސަލަ އެމްޑީޕީގެ އެތެރޭގެ ގުނަވަންތަކުން އެކަށީގެންވާ މިންވަރަށް ބަލާފައިނުވާ ކަމަށެވެ. އެގޮތުން އެ ޕްރައިމަރީގައި އެހެން ޕާޓީތަކުގެ 130 މީހަކު ވޯޓުލާފައިވާ ކަމަށާއި ވޯޓު ލިސްޓުގައި ވެސް މައްސަލަ އުޅޭ ކަމަށް އަލްހާން ވަނީ ވިދާޅުވެފަ އެވެ.
ފޭދޫ ދާއިރާގެ ޕްރައިމަރީ ނިހާދު ކާމިޔާބުކުރީ 316 ވޯޓާ އެކުގަ އެވެ. އަލްހާނަށް ލިބިވަޑައިގަތީ 154 ވޯޓެވެ.
އަލްހާންގެ ބުރަކަށްޓައް ވަޅި ހެރުމުގެ ސަބަބުން އޭނާގެ މައިބަދަ އަށް ލިބުނު ގެއްލުންތަކުގައި އޭނާގެ ކަނާތު ފައިގެ ވާގި ވަނީ ގޮސްފަ އެވެ. ނަމަވެސް ލަންކާގައި އޭނާ އަށް ފަރުވާދެމުން އަންނައިރު މިހާރު ހާލު ރަނގަޅުވަމުން އަންނަ ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ