ރޯދަ މަހު ބޮޑެތި އިނާމްތަކާ އެކު "ހަވީރު" ބޮޑު ބަދަލެއްގެ ތެރެއަށް

ކޮންމެ އަހަރަކު ވެސް ރޯދަމަހު "ހަވީރު" ގައި ޚާއްސަ ލިޔުންތައް ޝާއިއުކުރެ އެވެ. ދީނީ މައުލޫމާތު، ޕްރޮފައިލް، އެހާރާއި މިހާރުގެ ފޮޓޯތައް އަދި ރެސިޕީތައް ވެސް ހަވީރު ނޫހާއި ހަވީރު އޮންލައިނުން ރޯދަ މަހު އަންނަނީ ގެނެސްދެމުންނެވެ. ނަމަވެސް މި ރޯދަމަހަކީ އެހެން ހުރިހާ އަހަރުތަކަށް ވުރެ ތަފާތު ކަންތައްތަކަކާ އެކު ކިޔުންތެރިންނަށްޓަކައި "ހަވީރު" ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ފަހަރެކެވެ.
މާދަމާ "ހަވީރު" ގައި ފަށާ ރޯދަ ކަވަރޭޖަކީ، އެޑިޓަރު މޫސާ ލަތީފު ސިފަކުރެއްވި ގޮތުން ނަމަ، މީގެ ކުރިން ގެނެސްދީފައި ނުވާ ފަދަ "ވަރަށް ރަނގަޅު، ވަރަށް ބޮޑު ޕެކޭޖެކެވެ."
މި ފަހަރު "ހަވީރު" ގެ މައިގަނޑު އަމާޒަކަށް ވީ ހަމައެކަނި ލިޔުންތަކެއް ދޫކޮށްލުމަށް ވުރެ ފުޅާކޮށް މައުލޫމާތު ފޯރުކޮށްދީ މުނިފޫހިފިލުވައިދިނުމެވެ.
"ކިޔުންތެރިން ކިޔާހިތްވާ، އަދި ކިޔުންތެރިންނަށް ވެސް ބައިވެރިވެވޭ އެއްޗެހިތަކެއް މި ގެނެސްދެނީ ވަރަށް ޝައުގުވެރި ގޮތަކަށް. ޓެކްސްޓް އަދި ފޮޓޯގެ އިތުރުން ވަރަށް ބޮޑަށް ވީޑިއޯ ހިމަނާފައި ވާނެ. ހިއެއް ނުވޭ ރާއްޖޭގެ އެހެން އެއްވެސް މީޑިއާއެއްގައި މި ގޮތަށް، ހުރިހާ މީޑިއަމެއް ނުވަތަ ހުރިހާ ފޯމެޓެއް ގެނެސްދީފައި ހުންނާނެހެނެއް. ހަވީރުގެ ތާރީޚުގައި ވެސް މިހާ ބޮޑު ޕެކޭޖެއްގެ ގޮތުގައި ކޮންޓެންޓް ގެނެސްދީފައެއް ނޯންނާނެ،" މޫސަ ވިދާޅުވި އެވެ.
ޝައުގުވެރި ބައިތަކެއް މި ފަހަރު މުޅިން އަލަށް ތައާރަފްކުރާ އިރު ކުރިންސުރެ ގެނެސްދެމުން އައި ސޮފްހާތައް ވެސް ވަނީ ވަރަށް ބޮޑަށް މުއްސަނދިކޮށްފަ އެވެ. އެއާއެކު، ރޯދަމަހުގެ ޚާއްސަ ކޮންޓެންޓް ހަވީރުން ހުށަހަޅައިދެނީ ކިޔުންތެރިން ވަރަށް ބޮޑަށް ބައިވެރިކޮށްގެން އަގުހުރި އިނާމްތަކާ ވެސް އެކުގަ އެވެ.
މި ރޯދަ މަހު މައުލޫމާތާއި މުނިފޫހިފިލުވުމުގެ ގިނަ ފުރުސަތުތަކެއް ހަވީރު ނޫހާއި ހަވީރު އޮންލައިނުން ކިޔުންތެރިންނަށް ލިބޭނެ އެވެ. އަދި "ހަވީރު" ގެ ބައެއް އުފެއްދުންތައް "ޗެނަލް9" އިން ވެސް މި ރޯދަމަހު ފެންނާނެ އެވެ.
ރަންމުތް، އަގުހުރި ދީނީ އިރުޝާދު
މި ރޯދަ މަހު ހަވީރު ނޫހާއި ހަވީރު އޮންލައިންގެ ދީނީ ސޮފުހާ އަކީ "ރަންމުތް" އެވެ. ކޮންމެ ދުވަހަކު ވެސް ތަފާތު މައުލޫއެއް ގެނެސްދޭނެ އެވެ.
އެލައިޑް އިންޝުއަރެންސްގެ އެހީތެރިކަމާ އެކު ގެނެސްދޭ ދީނީ ސޮފްހާ ލިޔުއްވާނީ ބައިނަލްއަގުވާމީ ޔުނިވަސިޓީތަކުން ދީނީ ރޮނގުން މަތީ ތައުލީމް ހާސިލްކުރައްވާފައި ތިއްބެވި ރާއްޖޭގެ މަޝްހޫރު އިލްމުވެރިންނެވެ. އޭގެ ތެރޭގައި ޑރ. އަހްމަދު ޒިޔާދު ބާގިރު، ޝައިޚް މުހައްމަދު ރަޝީދު އިބްރާހީމް ރަޝީދު، ޝައިޚް ހަސަން ތައުފީގު، އަލްއުސްތާޒް އަހްމަދު ނިޒާމް، އަލްއުސްތާޒާ އަނާރާ ނައީމް، އަލްއުސްތާޒާ އާއިޝާ ޚަލީލާ، އަލްއުސްތާޒާ ހައްވާ ލަތީފް ހިމެނިވަޑައިގަންނަވަ އެވެ.
"އެހެންވީމާ މި އަހަރުގެ ދީނީ ސޮފުހާ ކުރީ އަހަރުތަކަށް ވުރެ މުއްސަނދިވާނެ. އަދި މި އަހަރު ހަވީރު އޮންލައިންގެ ދީނީ ސޮފުހާ މިދިޔަ އަހަރުތަކަށް ވުރެ ވެސް މުއްސަނދިވާނެ. ކޮންމެ ދުވަހަކު ވެސް ދީނީ މައުލޫއަކަށް ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ހިމެނިފައިވާނެ،" ރޯދަމަހު ހަވީރުން ގެނެސްދޭ ދީނީ މައުލޫމާތުގެ ބައި އަބަދުވެސް ވިލަރެސްކުރައްވާ ސީނިއާ އެސިސްޓެންޓް އެޑިޓަރު އަހްމަދު އަބްދުﷲ ސައީދު ވިދާޅުވި އެވެ.
ފޮޓޯ މުބާރާތް، މަޖާ ކަމަކުން ބޮޑު އިނާމެއް
ރޯދަ މަހު ކުރާ ކަމެއް އާއްމުންނާ ހިއްސާކޮށްލަން ބޭނުން ހެއްޔެވެ؟ ކައްކާ އެއްޗެއް ދައްކާލަން ބޭނުންވޭ ހެއްޔެވެ؟ މި ރޯދަ މަހު "ހަވީރު"ން ބާއްވާ ފޮޓޯ މުބާރާތުގައި އަވަހަށް ބައިވެރިވާށެވެ. ރޯދަ މަހާ ގުޅޭ ކޮންމެވެސް ކަމެއްގެ ފޮޓޯ، 7901236 ނުވަތަ 9901236 އަށް ވައިބާކޮށްލާށެވެ. "ހަވީރު"ގައި ގާއިމްކޮށްފައިވާ ހާއްސަ ސެކްޝަނަށް އެ ފޮޓޯ އެރުމުން، ރަށްޓެހިން ލައްވާ ފޭސްބުކްގައި ލައިކްކުރަން ފަށާށެވެ. އިނާމު ލިބޭނީ އެންމެ ގިނަ ލައިކް ލިބޭ ފޮޓޯއަކަށެވެ.
ފޮޓޯ މުބާރާތުން އެއްވަނަ އަށް ދާ ފަރާތަކަށް ފަރުނީޗަރު ފިހާރަ "އީވޯ ހޯމް" އިން 17،000 ރުފިޔާގެ އަގުހުރި މީޑިއާ ސެޓެއް ދޭނެ އެވެ. ދެވަނަ އަށް 5،000 ރުފިޔާގެ ފައިސާގެ އިނާމަކާ އެކު "ކޮޕިއާ ޕްލަސް" އިން ދޭ "ބްރަދާ" ޕްރިންޓަރެއް ލިބޭ އިރު ތިންވަނަ އަށް ދާ ފަރާތަކަށް ވެސް 3،000 ރުފިޔާ ލިބޭނެ އެވެ. ފޮޓޯ މުބާރާތުން އެއްވަނަ އަށް ދާ ފަރާތަކަށް "އީވޯ ހޯމް" އިން ހުށަހަޅާފައިވާ މީޑިއާ ސެޓް.
"ރޯދަ މަހަކީ އެހެން މަސްމަހާ ހިލާފަށް ވަރަށް ގިނަ ތަފާތު ކަންތައްތަކެއް ކުރާ މަހެއް. އެއިން ކަމެއް ކޮށްލައިގެން ރަނގަޅު އިނާމެއް ހޯދަން މިއީ ރަނގަޅު ފުރުސަތެއް،" އެސިސްޓެންޓް އެޑިޓަރު އަދި އޮންލައިން ބަލަހައްޓަވަމުން ގެންދަވާ އަލީ ނާފިޒް ވިދާޅުވި އެވެ.
ހަވީރު ބަދިގެ، ރެސިޕީ އެކަންޏެއް ނޫން!
މި ރޯދަމަހު ކައްކާނެ އެއްޗެއް ނޭނގިއްޖެއްޔާ "ފޮސްޓަ ކްލާކްސް ހަވީރު ބަދިގެ" އަށް ވަދެލާށެވެ! އެތައް ބައިވަރު ރެސިޕީއެއްގެ އިތުރުން ކައްކާނެ ގޮތް ވެސް ފެންނާނެ އެވެ. "އެމްއެޗްއޭ" އިން ސްޕޮންސަކޮށްފައިވާ މި ބައިގައި ކެއްކުންތެރިން ކަމަށްވާ ނާދިޔާ އަލިމަނިކާއި އަހުމަދު ނާޒިމް (އަލިކާ) ރަހަތައް ހެޔޮވަރުކުރާ މަންޒަރު ވީޑިއޯ އިން ބަލައިލެވޭނެ އެވެ.
"އަޅުގަނޑުމެން ބަލާފައިވާނީ ތަފާތު ވައްތަރުގެ ޑިޝްތައް ގެނެސްދެވޭތޯ. އޭގެ ތެރޭގައި ހިމެނޭނެ ފަސޭހައިން ހަދާލެވޭ ޑިޝްތަކާއި ތަންކޮޅެއް އުދަނގޫވިޔަސް ވަރަށް މީރު ޑިޝްތަކެއް. އޭގެ އިތުރުން ވެސް، ވަރަށް ގިނަ ރެސިޕީތައް ހަވީރު އޮންލައިން އިން ފެންނަން ހުންނާނެ،" ކިޔުންތެރިންނަށް "ފޮސްޓަ ކްލާކްސް ހަވީރު ބަދިގެ" ގެނެސްދިނުމުގައި ބުރަކޮށް އުޅުއްވި ނާފިޒް ވިދާޅުވި އެވެ."ހަވީރު ބަދިގެ" ޝޫޓްކުރުމުގެ މަސައްކަތުގައި: ކެއްކުމުގެ އިތުރުން ވެސް ރޯދަމަހާ ގުޅޭ ޝައުގުވެރި މައުލޫމާތާއި މުނިފޫހިފިލުވުމުގެ ފުރުސަތު ހަވީރުގެ ކިޔުންތެރިންނަށް ލިބޭނެ.
ކުއިޒް، މައުލޫމާތު މުއްސަނދިކޮށްލާނެ
މި ރޯދަ މަހު "ހަވީރު އޮންލައިން" ކިޔުންތެރިންނާ ބައްދަލުކުރަނީ އަގުހުރި ފައިސާގެ އިނާމްތައް ލިބޭ ކުއިޒް މުބާރާތަކާ ވެސް އެކުގަ އެވެ. "ބީއެޗްއެމް ޓްރޭޑާސް" އިން ވަނީ "ހަވީރު ރޯދަ ކުއިޒް" ގެ އެއް ވަނަ އިނާމަކަށް 10،000 ރުފިޔާ، ދެވަނަ އަށް 5،000 ރުފިޔާ އަދި ތިންވަނަ އަށް 3،000 ރުފިޔާ ހުށަހަޅާފަ އެވެ.
ކުއިޒްގައި އެކި ދާއިރާތަކުން އާއްމު މައުލޫމާތުތާއި ހަވީރުގެ ބައެއް ކަވަރޭޖުތަކާ ގުޅޭ ގޮތުން ވެސް ސުވާލުތައް ހިމަނާފައިވާނެ އެވެ.
ވާހަކަ މުބާރާތް، ލިޔަން ބޭނުންވާ ކިޔުންތެރިންނަށް ހަދިޔާއެއް
"ހަވީރު" ގެ ކިޔުންތެރިން އަބަދުވެސް އެންމެ ބޮޑު ޝައުގުވެރިކަމެއް ދޭ އެއް ބަޔަކީ ވާހަކަ ސޮފްހާ އެވެ. އަދި ވާހަކަ ލިޔުމަކީ ވަރަށް ގިނަ ބަޔަކު ކުރާ ހިތްވާ ކަމެއްގެ ގޮތުގައި ވަނީ ފާހަގަވެފަ އެވެ. މި ދެ ސަބަބާ ހެދި ހަވީރުން ވަނީ ރޯދަމަހާ ދިމާކޮށް ކިޔުންތެރިންނަށް ޚާއްސަ ފުރުސަތެއް ދީފަ އެވެ.
"ފިނި ހަވީރު" ވާހަކަ މުބާރާތް ހުޅުވާލީ އެއް ވަނަ އަށް 10،000 ރުފިޔާގެ އިނާމަކާއި "ހަވީރު" ގައި ދާއިމީކޮށް ވާހަކަ ލިޔުމުގެ ފުރުސަތާ އެކުގަ އެވެ. އެ މުބާރާތަށް ހޫނު ތަރުހީބެއް ލިބި، ރޯދަ މަހުގެ ކޮންމެ ދުވަހަކު ވެސް ކިޔުންތެރިންގެ ވާހަކައެއް ގެނެސްދޭން "ހަވީރު" ވަނީ ތައްޔާރުވެފަ އެވެ.
"މިއީ ހަވީރުގައި ވާހަކަ ލިޔަން ބޭނުންވެފައި ތިބި މީހުންނަށް ދިން ރޯދަ ހަދިޔާއެއް. ހަވީރުން ހުޅުވާލި ފުރުސަތުގައި އެތައް ބަޔަކު ވާހަކަ ފޮނުވި. އެކަމަކު މުބާރާތެއް ގޮތަށް ކުރިއަށް ގެންދާތީ އޭގެ ތެރެއިން ހޮވާލާފައި ވަނީ 30 ވާހަކަ. ރޯދަ މަހުގެ ކޮންމެ ދުވަހު ތަފާތު ލިޔުންތެރިއެއްގެ ތަފާތު ވާހަކައެއް ކިޔާލަން ލިބޭނެ،" މުބާރާތް ކުރިއަށް ގެންދެވި ސީނިއާ އެސިސްޓެންޓް އެޑިޓަރު ނިއުމަތުﷲ އިދުރީސް ވިދާޅުވި އެވެ.
"އެންޒީ" ގެ އެހީތެރިކަމާ އެކު ގެނެސްދޭ "ފިނި ހަވީރު" ގެ ދެވަނަ އަދި ތިން ވަނަ ވާހަކަ އަށް ވެސް ފައިސާގެ އިނާމު ދޭނެ އެވެ. އެއީ ދެވަނަ ވާހަކަ އަށް 5،000 ރުފިޔާ އަދި ތިންވަނަ އަށް ހޮވޭ ވާހަކަ އަކަށް 3،000 ރުފިޔާ އެވެ.
"ފިނި ހަވީރު" ގެ އެއް ފަނޑިޔާރު މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހިމް ވަހީދު ފާހަގަކުރެއްވި ގޮތުގައި ފެންވަރު ރަނގަޅު ވާހަކަތަކެއް ކިޔާލުމުގެ ފުރުސަތު ކިއުންތެރިންނަށް ލިބޭނެ އެވެ.
"އަޅުގަނޑު ފަހަތު ސީޓަށް ޖެހިލާފައި ކުރީ ސީޓުން ޖާގަ ދޭ ހިތްވާ ލިޔުންތެރިން ވެސް އެބަ ތިބި،" ބިންމާ ވިދާޅުވި އެވެ. "ފިނި ހަވީރު ވެގެން ދާނީ ލިޔުންތެރިންނަށްޓަކައި ތައްޔާރުކުރެވުނު ވަރަށް އެކަށޭނަ ސިޑިއަކަށް."
މީހުން، ތަފާތު ގޮތަކަށް
އެކި ގޮތްގޮތުން ފާހަގަކުރެވޭ މީހުން ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ހަވީރުން އަބަދުވެސް ވަރަށް ބޮޑު އިސްކަމެއް ދެ އެވެ. މި ރޯދަ މަހުގެ ކޮންމެ ދުވަހަކު ވެސް އާ "މީހެއް" ކިޔުންތެރިންނާ ބައްދަލުކުރާނެ އެވެ.
"ވެލިގާ ހާޑްވެއާ" އިން ސްޕޮންސަކޮށްފައިވާ "މީހުން" ސޮފްހާ އިތުރަށް ފުރިހަމަކޮށްދެނީ ވީޑިއޯ އެވެ. ޕްރޮފައިލް ގެނެސްދޭ މީހުންގެ ވާހަކަ ކިޔާލައި ފޮޓޯ ފެނުމުގެ އިތުރުން އެ މީހުންގެ އިންޓަވިއުތަކާއި މަސައްކަތްތައް ވީޑިއޯ އިން ވެސް ބަލައިލެވޭ ގޮތަށް ހަވީރު އޮންލައިންގައި ގެނެސްދޭނެ އެވެ.
"މި ފަހަރު ހަވީރުގެ ވިސްނުމަކަށް ވީ މަޝްހޫރު މީހުން ގެނެސްދިނުމަށް ވުރެ ބޮޑަށް، ތަފާތެއް ހުރި މީހުން ގެނެސްދިނުން. އެހެންވީމާ ވަރަށް ޝައުގުވެރި، ވަރަށް ތަފާތު ބަޔަކު މި ފަހަރު ކިޔުންތެރިންނަށް އަލަށް ވެސް ތައާރަފްވެގެންދާނެ،" ސީނިއާ އެސިސްޓެންޓް އެޑިޓަރު އާސިޔަތު މުހައްމަދު ސައީދު ވިދާޅުވި އެވެ.
ރޯދަ މެނޫތައް އެއް ތަނަކުން
ރޯދަމަހުގެ ބައެއް ދުވަސްދުވަހު ރެސްޓޯރެންޓްތަކުން ރޯދަ ވީއްލުމަކީ ގިނަ ބައެއްގެ އުފަލެކެވެ. އާއިލާ އާއި ރައްޓެހިންނާއި މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކޮށްލުމުގެ ފުރުސަތަކަށް ވެސް އެކަން ވެ އެވެ. އެހެންވެ، ރޯދަ މެނޫތައް ބަލައިލަން އެންމެން ވެސް ތިބެނީ ބޭނުންވެފަ އެވެ. މި ރޯދަ މަހުގެ ރެސްޓޯރެންޓް މެނޫތައް "ހަވީރު" ނޫހާއި "ހަވީރު އޮންލައިން" ގައި ކޮންމެ ދުވަހަކު ވެސް ޝާއިއުކުރަމުންދާނެ އެވެ. "ޝީޝާ" އިން ސްޕޮންސަކޮށްފައިވާ މި ބަޔަކީ އެއް ތަނަކުން ގިނަ މެނޫތަކެއް ބަލައިލަން ކިޔުންތެރިންނަށް ލިބޭ ފުރުސަތަކަށް ވާނެ އެވެ.
"ހަވީރު" ގެ ކިޔުންތެރިންނަށް ރޯދަ މަހު މިހާ ބޮޑު ޕެކޭޖެއް ގެނެސްދީފައި ވަނީ، މެނޭޖިން އެޑިޓަރު އިސްމާއީލް ނަސީރު ފާހަގަކުރެއްވި ގޮތުގައި، ދުރާލާ ރާވައިގެން މުވައްޒަފުން ކުރި ބުރަ މަސައްކަތުންނެވެ.
"އަޅުގަނޑުމެން އަބަދުވެސް ގަބޫލުކުރަނީ ރޯދަ މަހު ކިޔުންތެރިންނަށް ޚާއްސަ ސޮފްހާތަކެއް އަދި މުއްސަނދި ކޮންޓެންޓްތަކެއް ގެނެސްދޭން ވާނެ ކަމަށް. އެހެންވީމާ ހަވީރުގެ ނިއުސް ޓީމާއި މާކެޓިން ޓީމު އަދި އޮންލައިން ޓީމު މި ފަހަރު ވަރަށް ބޮޑަށް ތައްޔާރުވެ، ވަރަށް ބޮޑު ހިތްވަރެއް ކޮށްގެން މި ޕެކޭޖު ހަގީގަތަކަށް ވެފައި މި އޮތީ،" އިސްމާއީލް ވިދާޅުވި އެވެ.
"އަޅުގަނޑު އުއްމީދުކުރަނީ ކިޔުންތެރިން ބަލައިގަންނަ، ޝައުގުވެރި ބައިތަކެއް އަޅުގަނޑުމެންނަށް ގެނެސްދެވިފައި ވާނެ ކަމަށް."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ