ޔާމީން ދަނީ ހުރަސް އަޅަމުން އަދި ނަޝީދަކަށް ތާއީދެއް ނުކުރާނަން: ގާސިމް

އިންތިޚާބުގެ ދެވަނަ ބުރަށް އޭނާ ހިނގައިދާނެތީ އެކަމަށް ހުރަސް އެޅުއްވުމަށް ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށާއި އަދި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވެރިކަމަށް ގެންނަވަން "ދުވަހަކު ވެސް މަސައްކަތް ނުކުރައްވާނެ ކަމަށް" ގާސިމް އިބްރާހިމް ބުދަދުވަހު ވިދާޅުވެއްޖެ އެވެ.ށ. ކަނޑިތީމުގައި ބޭއްވި ޖަލްސާގައި ޔާމީނަށް ފާޑުކިއުއްވަމުން ގާސިމް ވިދާޅުވީ ކުރީގެ ރައީސް ނަޝީދަށް އޭނާ ތާއީދުކުރައްވާ ކަމަށް ޔާމީން ވާހަކަ ދައްކަވަނީ އިންތިޚާބުގެ ދެވަނަ ބުރަށް ވަޑައިގަތުމަށް ހުރަސް އެޅުއްވުމަށާއި އަދި އިންތިޚާބުގައި ޔާމީނަށް ތާއީދުކުރައްވާނެ ވާހަކަ ވިދާޅުނުވެގެން ކަމަށެވެ.ސުޕްރީމް ކޯޓުން ބާތިލުކުރި އިންތިޚާބުގައި ގާސިމާއި ޔާމީނާ ދެމެދު އުޅެނީ 2،600 ވޯޓުގެ ފަރަގު ކަމަށް ވާއިރު، އޭނާ ނަޝީދުގެ ފަހަތަށް ވަޑައިގަންނަވާނެ ކަމަށް ޔާމީން ދައްކަވާ ވާހަކަ އަށް ރައްޔިތުން ވިސްނަން ޖެހޭނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.މި ފަހަރުގެ ރިޔާސީ ކެމްޕޭނުގައި ރާއްޖޭގެ އެންމެ ރަށަކަށް ފިޔަވައި އެހެން ހުރިހާ ރަށަކަށް ވަޑައިގެންނެވިއިރު، އެ ރަށްރަށުގައި ވެސް ނަޝީދަށް ފާޑު ވިދާޅުވެފައިވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އެކަމަކު އޭނާ ވިދާޅުވީ ޔާމީންގެ ފަރާތުން އެފަދަ ކަމެއް ފެނިވަޑައިނުގެންނެވި ކަމަށެވެ.ގާސިމް ވިދާޅުވި ގޮތުގައި އަލުން ބާއްވާ އިންތިޚާބުގައި ނަޝީދަށް ގާސިމް ތާއީދުކުރައްވާނެ ވާހަކަ ޔާމީން ދައްކަވަނީ "މިކަން މަތިޖަހަން ވެގެން، އަޅުގަނޑުމެންނަށް ވޯޓު މަދުކުރަން ވެގެން" ކަމަށް ގާސިމް ވިދާޅުވި އެވެ.ކުރީގެ ރިޔާސީ އިންތިޚާބުގައި ނަޝީދު ވެރިކަމަށް ގެންނަވަން މަސައްކަތް ކުރެއްވި ނަމަވެސް ގާސިމް ވިދާޅުވީ އަލުން ނަޝީދު ވެރިކަމަށް ގެންނަވަން އޭނާ ދުވަހަކު ވެސް ދެން މަސައްކަތެއް ނުކުރައްވާނެ ކަމަށެވެ. ސަބަބެއް ކަމަށް ގާސިމް ވިދާޅުވީ ގާނޫނާ ހިލާފު ކަންކަން ނަޝީދު ކުރައްވަން އުޅުއްވާތީ އާއި ގައުމުގެ ހަރު މުދާ ވިއްކާލަން މަސައްކަތް ކުރައްވާތީ ކަމަށެވެ."އަޅުގަނޑު ބުނެފައި އޮންނާނީ މުއުމިނެއްގެ ގައިގައި ދެ ފަހަރަކަށް އެއް ހަރަކުން ކައްޓެއް ނުޖަހާނޭ. އެއީ ﷲގެ ރަސޫލާގެ ހަދީސްފުޅެއް. މުއުމިނެއްގެ ގައިގައި އެއް ހަރަކުން ދެ ފަހަރަކު ކައްޓެއް ނުޖަހާނޭ. މާތް ﷲ ވާގިފުޅާ އެކު އަޅުގަނޑު ކެނެރީގޭ މުހައްމަދު ނަޝީދަށް ވެރިކަން ހޯދައިދޭން އަންނާނެ ދުވަހެއް ދުވަހަކު ވެސް މި ގައުމަށް ނުދައްކަވާށި،" ނަޝީދުގެ ވެރިކަމުގައި އެންމެ 21 ދުވަހު މިނިސްޓަރުކަމުގައި ހުންނެވި ގާސިމް ވިދާޅުވި އެވެ.ނަޝީދު ވެރިކަމަށް ގެންނެވުމަށް 2008 ގައި ޖާނާއި މާލުން ގުރުބާންވެވަޑައިގެން މަސައްކަތްކުރެއްވީ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ގެނެސްދެއްވުމުގެ ބޭނުމުގައި ކަމަށް ގާސިމް ވިދާޅުވި އެވެ. ނަމަވެސް ނަޝީދުގެ ވެރިކަމުގައި ލިބުނު ވަރުގެ ނިކަމެތި ކަމެއް ރައްޔިތުންނަށް ލިބިފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.ނަޝީދުގެ އިތުރުން އެހެން އެއްވެސް ބޭފުޅަކު ވެރިކަމަށް ގެންނަވަން ވެސް ތާއީދުނުކުރައްވާނެ ކަމަށާއި އެއްވެސް ބޭފުޅެއްގެ ރަނިން މޭޓަކަށް ވެސް ވެވަޑައިނުގަންނަވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.ޖުމްހޫރީ ޕާޓީގައި އެމްޑީޕީގެ އެޖެންޓުން ތިބި ކަމަށް ޕީޕީއެމުން ބުނާ ކަމަށާއި ނަމަވެސް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޔާމީން ހޯއްދެވީ އެމްޑީޕީގެ ގާތްގަނޑަކަށް 7،000 މެމްބަރުންގެ ވޯޓާ އެކުގައި ކަމަށް ގާސިމް ތުހުމަތުކުރެއްވި އެވެ."އަބްދުﷲ ޔާމީން ދެވަނަ އަށް ގެނެސްފިއްޔާ އޭނާ އަށް ]ނަޝީދު[ އެނގޭ ވެރިކަން ކާމިޔާބު ކުރެވޭނެކަން. ގާސިމް އިބްރާހިމް ފުރަތަމަ ބުރުން އެއް ވަނަ އަށް ނުވަތަ ދެ ވަނަ އަށް އަތުވެއްޖިއްޔާ އޭނާ ބައިބައި ކިޔާފައި، ގުޑް ބާއި ކިޔާފައި ވެރިކަން ނުލިބޭނެ ކަން އޭނާ އަށް އެނގޭ،" ގާސިމް ވިދާޅުވި އެވެ.ޔާމީނަށް ވެރިކަން ލިބިވަޑައި ނުގަންނަވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. ސަބަބުތަކުގެ ތެރޭގައި ކުރީގެ ރައީސް މައުމޫންގެ 30 އަހަރުގައި ރައްޔިތުންނަށް ލިބުނު ނިކަމެތިކަން ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވެވި އެވެ. އަދި ރައްޔިތުންނަށް ލިބުނު އެ ނިކަމެތިކަން ހިތުންފިލައި ނުދާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.މި އިންތިޚާބުގައި ނަޝީދުގެ ފަހަތަށް ވަޑައިގެންނެވުމަށާއި އިންތިޚާބު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންދަވަން ނަޝީދު އެދިވަޑައިގެންނެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެގޮތަށް ކަންތައް ކުރައްވާތޯ ގިނަ ކަންކަން ހުށަހެޅުއްވި ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.އޭނާ ވިދާޅުވީ އެ ފުރުސަތުތައް ޔާމީނަށް ލިބިވަޑައިގެންނެވި ނަމަ ޔާމީން މިހާރު ހުންނަވާނީ ނަޝީދުގެ ފަހަތްޕުޅުގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ