ބުދަ ދުވަހުން ފެށިގެން، ކުރިއަށް އޮތް ފަސް ދުވަހު ރާއްޖެއަށް މޫސުން ގޯސް ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓު އޮފީހުން ބުނެފިއެވެ.
މެޓު އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ ކައިރީގައި އުފެދިފައިވާ ދެ ކޮޅިގަނޑާ އެކު ކުރިއަށް އޮތް ދުވަސްތަކުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށެވެ.
އެގޮތުން ރާއްޖޭގެ އިރުން ބޭ އޮފް ބޭންގަލްގައި އުފެދިފައިވާ ކޮޅިގަނޑު ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އިތުރަށް ބާރުގަދަވާނެ ކަމަށާއި، ކޮޅިގަނޑަކަށް ބަދަލުވާނެ ކަމަށް ބެލެވޭ ކަމަށް ވެސް ބަޔާނުގައިވެއެވެ.
މި ކޮޅިގަނޑު ދަތުރު ކުރަމުންދާނެ ކަމަށް ބެލެވެނީ ހުޅަނގުއުތުރަށް އިންޑިއާގެ ޓެމިލްނާޑް – ސްރީ ލަންކާގެ އައްސޭރިފަށާ ދިމާލަށް ކަމަށެވެ. މި ކޮޅުގަނޑުގެ އިތުުރުން ރާއްޖެ އާ ދުރުން، ރާއްޖޭގެ އިރުދެކުނުގައި އިތުުރު ކޮޅިގަނޑެއް އުފެދިފައިވާ ކަމަށެވެ.
މި ދެ ކޮޅިގަނޑާ ގުޅިގެން އަންނަ ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ސަރަހައްދުގެ އާންމު ވައި ބާރުވާނެ ކަމަށް ބެލެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ. އެގޮތުން އާންމުގޮތެއްގައި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ބުންޏެވެ.
މެޓް އޮފީހުން ބުނި ގޮތުގައި ވައި ގަދަވުމާ އެކު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމުގައެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން އަދި ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
ބުދަ ދުވަހުން ފެށިގެން، ރާއްޖެއަށް މޫސުން ގޯސް ވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ