ސިޔާސީ މުވައްޒަފުންނަށް ހަރަދުކުރަނީ ބަޖެޓުގެ %0.9: ޒަމީރު

ސިޔާސީ މުވައްޒަފުންނަށް ކޮންމެ މަހަކު ހަރަދުކުރަނީ ސަރުކާރުގެ ޖުމްލަ ހަރަދުގެ ތެރެއިން %1އަށް ވުރެ ވެސް ދަށް އަދަދެއް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޒަމީރު މިހެން ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމަައިގެ އަސަރުތައް ކުޑަކުރަން އުފައްދާފައިވާ ވަޒީރުންގެ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ނޫސްވެރިޔާ ސުވާލުކުރީ:
ސަރުކާރުން ހަރަދު ކުޑަކުރުމުގެ ވާހަކަދައްކާއިރު ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުން ވަޒީފާތަކުގައި އެބަތިބި 
މެލޭޝިއާ އެމްބަސީގައި ވެސް ގިނަ އަދަދެއްގެ މުވައްޒަފުން ތިބިއިރު، ތިން މަހުން ތިން މަހުން އެތަނުގައި ސިޔާސީ މުވައްޒަފުން ބަދަލުކުރާކަމުގެ މައުލޫމާތު ލިބޭ؛ އެއީ ކިހާ ވަރެއްގެ ހަގީގަތެއްތޯ
ބުނީ ކީކޭ؟ - ޖަވާބުގައި ޒަމީރު ވިދާޅުވީ، ހަރަދު ކުޑަކުރުމަށް ސަރުކާރުން ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށާއި މިހާރު ވަޒީފާތަކުގައި ތިބި މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ. 
އެކަމަކު މުވައްޒަފުން މަދުކުރުމަކީ އެއް ދުވަހުން ވަގުތުން ކަނޑާލެވޭ ވަރަށް ވުރެ ތަންކޮޅެއް އުނދަގޫ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ކުރަންޖެހޭ ބައިވަރު މަސައްކަތްތައް ހުންނައިރު، އެ މަސައްކަތްތައް ކުރެވޭނެ އިންތިޒާމެއް ހަމަޖައްސާފައި ނޫނީ، މުވައްޒަފަކު ކަނޑާލުމަކީ ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް ޒަމީރު ވިދާޅުވި އެވެ.
ދައުލަތުގެ ބަޖެޓުން ސިޔާސީ މުވައްޒަފުންނަށް މާ ބޮޑު އެއްޗެއް ހަރަދު ނުވާ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
"ސަރުކާރުގެ ޖުމްލަ ހަރަދުގެ %0.9، %1އަށް ވުރެ ދަށް އަދަދެއް އެއީ ބަޖެޓުގެ ހަރަދުގެ ތެރޭގައި ސިޔާސީ މުވައްޒަފުންނަށް މި ހަރަދުކުރެވެނީ. މުޅި ދައުލަތުގެ މަހު ޕޭ ރޯލަށް ބަލައިފި ނަމަ އެއީ %3.9ގެ އަދަދެއް،" އޭނާ ވިދާޅުވި އެވެ.
ޒަމީރު އިތުރަށް ވިދާޅުވީ، މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުތަކުގެ ތެރޭގައި ވެސް ސިޔާސީ މުވައްޒަފުންގެ މުސާރަ އިތުރުކޮށްފައިނުވާނެ ކަމަށާއި، މިދިޔަ އަހަރުން ފެށިގެން އެ މީހުންގެ މުސާރައިން ވާނީ %10 އުނިކޮށްފައި ކަމަށެވެ.
"އެހެންވީމަ އިތުރުވެގެންނެއް ނުދާނެ. ދެން ހަމަ ސްޓާފުން މަދުކުރުމުގެ މަސައްކަތް ރައީސް [މުހައްމަދު މުއިއްޒު] ވިދާޅުވިހެން އެބަދޭ. އެކަމުގެ ތަފްސީލުތަކެއް އަޅުގަނޑުމެންނަށް އަދި ނުލިބޭ. ލިބުނީމަ އިދާރާތަކުން ހާމަކުރަމުން ގެންދަވާނެ،" ޒަމީރު ވިދާޅުވި އެވެ.
މެލޭޝިއާ އެމްބަސީގައި އެކަށީގެންވާ މިންވަރަށް ވުރެ އިތުރަށް ސިޔާސީ މުވައްޒަފުން ތިބުމާ ބެހޭ ގޮތުން ކުރި ސުވާލަށް މިނިސްޓަރު ސީދާ ޖަވާބެއް ނުދެއްވަ އެވެ. މިފަހުން ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވި އިރުތިޝާމް އާދަމް ވިދާޅުވެފައިވަނީ، އެތަންތަނުގައި މުވައްޒަފުން ބޭތިއްބުމުގައި ބައްލަވަނީ، މިނިސްޓްރީގެ ލަނޑުދަނޑިތައް ހާސިލުކުރެވޭނެ މިންވަރަށް ގާބިލު މުވައްޒަފުން ލެއްވޭތޯ ކަމަށެވެ.
އެނގުން މުހިންމު - ވެރިކަންކުރާ ޕާޓީގެ އެކްޓިވިސްޓުންނަށް ސިޔާސީ ވަޒީފާ ދިނުމަކީ މި ގައުމުގައި އޮތް ސަގާފަތެކެވެ. މި ސަރުކާރުގައި ވެސް 1000އަށް ވުރެ ގިނަ ސިޔާސީ މަގާމު އުފައްދާފައިވާކަން އެނގޭއިރު، މި ކަމަށް ކުރާ ހަރަދާއި ސިޔާސީ މުވައްޒަފުންގެ ސީދާ އަދަދު އަދާހަމަކޮށް ހާމަނުކުރާތީ އާންމުންގެ ފާޑުކިއުން ވެސް ބޮޑެވެ.
ހާއްސަކޮށް އިންތިހާބުތަކާ ދިމާކޮށް ސިޔާސީ ވަޒީފާތައް ދިނުން އިތުރުވެ އެވެ. އެކަމަކު، ނިމިދިޔަ ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓުން ސަރުކާރަށް ލިބުނު ނާކާމިޔާބީއަށް ފަހު ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، އެކަން އެގޮތަށް ދެން ނުކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ