ޑޮލަރު ނޫޓަށް ފަހު އެމެރިކާގެ ޕާސްޕޯޓުގައި ވެސް ޓްރަމްޕްގެ ފޮޓޯ ޖަހަަން ނިންމައިފި

އެމެރިކާގެ ބައެއް ޕާސްޕޯޓުތަކުގައި އެ ގައުުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފޮޓޯ ޖަހަން ނިންމާފައިވާ ކަަމަށް ވައިޓް ހައުސްއިން ބުނެފިއެވެ. ފޮކްސް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ޕާސްޕޯޓް ދޫކުރާނީ އެމެރިކާގެ މިނިވަން ކަމަށް 250 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުންނެވެ. ވައިޓް ހައުސްގެ އޮފިޝަލަކާ ހަވާލާދީ ބީބީސީން ބުނީ އާ ޑިޒައިންތައް ރޯލްއައުޓް ފެށުމުން ޕާސްޕޯޓަށް އެދި ހުށަހަޅާ "އެމެރިކާގެ ކޮންމެ ރައްޔިތަކަށް" އެ ލިބޭނެއެވެ. ޓްރަމްޕްގެ ފޮޓޯ ހިމެނޭ ޕާސްޕޯޓު ލިބޭނީ ހަމައެކަނި ވޮޝިންޓަންގައި ހުންނަ އޮފީހަށް އަމިއްލައަށް ހާޒިރުވެގެން ޕާސްޕޯޓް ހަދާ މީހުންނަށް ކަމަށާއި އެކަމަށް އިތުރު ޚަރަދެއް ނުހިނގާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ސޯޝަލް މީޑިއާގައި މި ޕާސްޕޯޓުގެ ނަމޫނާއެއް ދައްކާލާފައެވެ. އޭގައި ފެންނަނީ ޖުލައި 4، 1776 ގެ މިނިވަންކަމުގެ ބަޔާނުގެ މަތީގައި، ޓްރަމްޕްގެ ފޮޓޯއެކެވެ. އޭގެ ތިރީގައި ޓްރަމްޕްގެ ސޮއި ރަންކުލައިން ޖަހާފައިވެއެވެ. ދެވަނަ ލިމިޓެޑް އެޑިޝަން ޕާސްޕޯޓެއްގައި ފެންނަނީ އެމެރިކާގެ ބާނީންގެ ތާރީޚީ ކުރެހުމެކެވެ. އެމެރިކާގެ މިހާރުގެ ޕާސްޕޯޓްތަކުގައި އެގައުމުގެ ތާރީޚުގެ މަންޒަރުތައް ދައްކުވައިދޭއިރު، ހަނދަށް ދިޔަ މަންޒަރުތަކާއި، ސްޓެޗޫ އޮފް ލިބާޓީ ފަދަ އެމެރިކާގެ ރަމްޒުތައް ވެސް ދައްކުވައިދެއެވެ. މިއީ ސަރުކާރުގެ މުއައްސަސާތަކުގައި ރައީސްގެ ނަމާއި ފޮޓޯ ޖެހުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އެންމެ ފަހުން ނިންމި ނިންމެވެ. އެމެރިކާގެ މިންޓުން ދާދި ފަހުން ވަނީ 250 ވަނަ އަހަރީ ދުވަހުގެ މާޒީގެ ގޮތުގައި ޓްރަމްޕްގެ ހަނދާނީ ރަން ފައިސާ ފޮއްޗެއް ހެދުމަށް ރާވާފައިވާކަން ވެސް އިއުލާންކޮށްފައެވެ. އެމެރިކާގެ ޑޮލަރު ނޫޓުތަކަށް ޓްރަމްޕްގެ ސޮއި އެރުވުމަށް ނިންމާފައިވާކަން ވެސް މިދިޔަ މަހު ޓްރްޜަރީ ޑިޕާޓްމަންޓުން ވަނީ ބުނެފައެވެ. ސާވޭތަކުން ދައްކާ ގޮތުގައި އެމެރިކާގެ ރައްޔިތުންގެ ތެރެއިން ސައްހަ ޕާސްޕޯޓެއް އޮންނަނީ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންގެ އަތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ