އެޅިހާ ބަތަކަށް ރިހަވެގެން މެމްބަރުން ނުތިބޭނެ

އެޅިހާ ބަތަކަށް ރިހަވެގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނުތިބޭނެ ކަމަށް، މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގައި ރޭ ވާހަކަފުޅުދައްކަވަމުން ނާޒިމް ވިދާޅުވީ 20 ވަނަ މަޖިލީހަށް އިންތިހާބުވެފައި ތިއްބެވީ ވަރަށް ކެރޭ ގާބިލު ބޭފުޅުން ކަމަށާއި އެ މެމްބަރުންގެ ތެރޭގައި ފުލުހުންގެ ތެރޭގައި މަސައްކަތް ކުރައްވާފައި ތިއްބެވި ބޭފުޅުންނާއި، ކައުންސިލްތަކުގެ ތަޖުރިބާ ހުރި ބޭފުޅުން ވެސް ހިމެނޭ ކަމަށެވެ.
"އެހެންވީމާ އަޅުގަނޑު ގަބޫލެއް ނުކުރާނަން އެޅިހާ ބަތަކަށް ރިހަވެގެން ތިބޭނެ މެމްބަރުންނަށް ވާނެ ކަމަކަށް. ރަބާ ސްޓޭމްޕް ޖަހާނެ ބަޔަކަށް ވާނެ ކަމަކަށް ވެސް. އެ ބޭފުޅުން ވެސް ބުނަން ބޭނުންވާ ހައްގު ބަސް، ހަމަ ބުނާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" ނާޒިމް ވިދާޅުވި އެވެ.
މަޖިލީހުގައި ނިންމުންތައް ނިންމާނީ މެޖޯރިޓީން ކަމަށާއި ބަހުސްތައް ކުރިއަށް ގެންދާނީ ވަރަށް ހުޅުވާލެވޭ މާހައުލެއްގައި ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ. އަދި މަޖިލީހުގައި ޕީއެންސީ އަށް ލިބިފައިވާ މެޖޯރިޓީގެ ބޭނުންކޮށްގެން ގައުމަށް ގެންނަން ބޭނުންވާ އިސްލާހީ ބަދަލުތައް ގެނެވެން ވާނެ ކަމަށާއި އެކަން ކުރުމުގެ ހިތްވަރު މެމްބަރުންގެ ކިބައިގައި ހުންނަން ވާނެ ކަމަށް ވިދާޅުވި އެވެ.
"މި މެޖޯރިޓީގެ ބޭނުން ހެޔޮގޮތުގައި ކޮށްގެން، ގައުމަށް މި ބޭނުންވާ، ގައުމުގެ މައްސަލަތަކަށް މި ބޭނުންވާ ބަދަލުތައް ގެނެވޭނެއޭ،" ނާޒިމް ވިދާޅުވި އެވެ.
ވިހި ވަނަ މަޖިލީހުގައި ޕީއެންސީގެ މެންބަރުންގެ އަދަދަކީ 75 އެވެ. ޖުމްހޫރީ ޕާޓީ، އެމްޑީއޭ އަދި އެމްއެންޕީގެ ގޮނޑިތަކާ އެކު، ސަރުކާރަށް ތާއީދު ކުރާ މެންބަރުންގެ އަދަދު 79 އަށް މިހާރު ވަނީ އަރާފަ އެވެ. މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ ތިއްބަވަނީ 12 މެމްބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ