ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާ ހޯދާ މީހުންނަށް އައު ހަތަރު ކޯހެއް އިފްތިހާހްކޮށްފިއެވެ.
މި ކޯސްތައް އިފްތިތާޙްކޮށް ދެއްވީ، ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ 48 ވަނަ އަހަރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ރޭ ބޭއްވި ޙަފްލާގައި، އިޖުތިމާއީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢާއިޝަތު ޝިހާމްއެވެ.
މި ޙަފްލާގައި ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޚާއްސަކޮށް، އަލަށް ފަށަން ހަމަޖެހިފައިވާ އެކި ކަހަލަ ހުނަރުތައް ދަސްކޮށްދިނުމުގެ 4 ތަމްރީނު ޕްރޮގްރާމެއް ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވަނީ އިފްތިތާޙު ކޮށްދެއްވާފައެވެ. މީގެ ތެރޭގައި ކުރެހުމުގެ ކޯހަކާއި ސްކްރީން ޕްރިންޓިން ކޯހަކާއި، ފަހާ ކޯހެއް އަދި ކައްކާ ކޯހެއް ހިމެނެއެވެ.
މީގެ އިތުރުން ދާދި ފަހުން އެ މަރުކަޒުގައި ޢާއިލާތަކަށް ހަވާލުކުރުމަށް ތައްޔާރުވެފައި ތިބި، ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޕޮލިޓެކްނިކްއާއި ގުޅިގެން ކުރިއަށް ގެންދިޔަ ބޭސިކް ކޭކް ޑެކަރޭޝަން ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުންވެސް މި ޙަފްލާގައި ކުރިއަށްގެންދިޔައެވެ.
މި ޙަފްލާގައި ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ދެއްކެވި ވާހަކަފުޅުގައި މި މަރުކަޒުގައި ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދެއްވަމުން ގެންދަވާ އެންމެހައި ފަރާތްތަކުގެ އަގު ވަޒަން ކުރައްވާ އެފަރާތްތަކަށް ޝުކުރުދެންނެވިއެވެ.
’’އަދުގެ ސަރުކާރުގެ މެނިފެސްޓޯގެ އެންމެ ބޮޑު އެއް ވައުދުގެ ގޮތުގައި ހިމެނިފައިވާ "އޯގާތެރި މުޖްތަމަޢު" މި ޝިޔާރުގެ ދަށުން މަރުކަޒުގެ ޚިދުމަތް ފުޅާ ކުރުމަށް މި އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން. ފަރުވާ ބޭނުންވާ ފަރާތްތަކަށް ފަރުވާދީ، ތަމްރީނާއި ތެރަޕީގެ އެހީތެރިކަމާއެކު މުޖުތަމައުގެ އެހެން ފަރުދުންނާ އެއް ހަމައެއްގައި އުޅެ ދިރިއުޅުމުގެ ޒިންމާތައް އުފުލައި މުޖުތަމަޢުގައި އަބުރުވެރި ދިރިއުޅުމެއް އާއިލާތަކާއެކު އުޅުމުގެ ފުރުޞަތު ހޯދައި ދިނުމަށް މިއަދު މި މަރުކަޒުގައި ގިނަމަސައްކަތްތަކެއް އެބަ ކުރެވޭ.’’ ވަޒީރު ޢާއިޝަތު ޝިހާމް ރޭ ވިދާޅުވެފަވެއެވެ.
ގުރައިދޫ މަރުކަޒުގައި ފަރުވާ ހޯދަމުން އަންނަ ފަރާތްތައް މުޖުތަމަޢަށް އަނބުރާ ހަވާލުކޮށް، އިޖުތިމާޢީ ގުޅުންތަކާއި ހުނަރުތައް ދަސްކޮށްދިނުމުގެ އެކި ޕްރޮގްރާމުތައް ކުރިއަށް ގެންދާއިރު، އަދި 48 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މަރުކަޒުގައި ފަރުވާ ހޯދަމުން އަންނަ ފަރާތްތަކާއި މުވައްޒަފުން ގުޅިގެން ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ރޭ ގުރައިދޫ މަރުކަޒުގައި ބޭއްވުނު މި ޚާއްސަ ޙަފްލާގައި މަރުކަޒަށް 20 އަހަރު ޚިދުމަތް ކުރައްވާފައިވާ 18 ފަރާތަކަށް ހަނދާނީ ޝީލްޑްވެސް ވަނީ ދީފައެވެ.
ވަނަ އަހަރު ޤާއިމްކުރެވުނު ކ. ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ދެވޭ ފަރުވާއާއި، ކުރިއަށް ގެންދެވޭ އެންމެހައި ހަރަކާތްތަކުގެ އެންމެ މުހިންމު މަޤުޞަދަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ފަރުވާ ހޯދަމުން އަންނަ ކޮންމެ ފަރާތަކީ އަބުރުވެރި، އުފާވެރި، އަދި އަމިއްލަ މިނިވަންކަމާއެކު ދިރިއުޅުމުގެ ފުރުޞަތު ލިބިގެންވާ ފަރާތަކަށް ހެދުމެވެ. އަދި އެފަދަ ކޮންމެ ފަރާތަކަށްވެސް އެފަރާތްތަކުގެ ޢާއިލާއާއެކު މުޖުތަމަޢުގައި ހަމަޖެހޭ، ރީތި ދިރިއުޅުމެއް، ބާކީކުރުމެއް އަދި ތަފާތުކުރުމެއް ނެތި އުޅުމުގެ ފުރުޞަތު ހޯދައިދިނުމެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާ ހޯދާ މީހުންނަށް އައު ހަތަރު ކޯހެއް އިފްތިހާހްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ