ރާއްޖެއިން ކަނޑުގެ ސަރަހައްދުން ބައެއް ގަތީ އިންޑިއާއިން: އުމަރު

ރާއްޖެއިން ކަނޑުގެ ސަރަހައްދެއް ގަތީ އިންޑިއާއިން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މިފަދައިން އޭނާ ވިދާޅުވީ ޗާގޮސްއާއި ރާއްޖޭގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދުން ފުށުއަރާ ބައިގެ އިންވަކިކުރި މައްސަލާގައި، ރާއްޖޭގެ ދެކުނުގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދުން ބޮޑު ބައެއް ގެއްލިގެންދިއުމާ ގުޅިގެން، ކަނޑުން ބައެއް ވިއްކައިލުމާ ދެކޮޅަށް އެކުލަވައިލާފައިވާ އިއްތިހާދުން މިރޭ ޖެން ހޮޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
ކަނޑުން ބައެއް ވިއްކާލާފައިވާކަމަށް ތުހުމަތުކުރާއިރު އެބައި ގަތީ ކޮން ބައެއްކަމާއި ވިއްކާލީ ކޮން ބައެއްކަމާއި ބަދަލުގައި ލިބުނު އެއްޗަކީ ކޮބައިތޯ ނޫސްވެރިޔާ ކުރި ސުވާލަށް ޖަވާބުދެއްވަމުން އުމަރު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން އަބަދުވެސް ބުނަމުން އައީ ޗާގޮސްއަކީ މޮރިޝަސްގެ ތަނެއް ނޫން ކަމަށެވެ. އެފަދައިން ބުނި ސަބަބަކީ ޗާގޮސްއަކީ މޮރިޝަސްގެ ތަނެއްކަމަށް ބުނާ ހިސާބުން މޮރިޝަސްއިން ވަކިކުރަން އުޅޭނެކަން ވިސްނޭތީ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
އެހެންނަމަވެސް މި ސަރުކާރުން އެ ސްޓޭންޑު ބަދަލުކުރިކަން ފާހަގަކުރައްވައި އުމަރު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގަތީ މޮރިޝަސްއިން ނޫން ކަމަށެވެ. މުޅި އެކަމުގެ ފަހަތުގައި އޮތީ އިންޑިއާކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. އެގޮތުން އޭނާ ތުހުމަތުކުރެއްވި ގޮތުގައި ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދަށް އދގެ އާންމު މަޖިލީހުގެ ރިޔާސަތު ލިބުމަކީވެސް މިފަދަ ކަންކަމުގެ ބަދަލުގެ ގޮތުގައި ލިބޭ ކަންކަން ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު އިތުރަށް ވިދާޅުވީ މިކަމުގައި ވަކިވަކި ފަރާތްތަކަށް ފައިސާގެ ގޮތުގައި ބަދަލު ލިބިފައިވަނީ ކިހާ މިންވަރެއްކަން އެނގޭނީ މިހާރު އޮތް ސަރުކާރު ބަދަލުވެ، އެކަމުގެ ތަހުގީގެއް ހިންގުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ