މުހްޔިއްދީން ޔާސީންއާ ގުޅިގެން މަސައްކަތްކުރަން ތައްޔާރު: ޑރ. މަހާތީރު

ކުރީގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީންއާ އެކުގައި މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް، ޑރ. މަހާތީރު މުހައްމަދު ވިދާޅުވެއްޖެއެވެ.
1981 އިން 2003 އަށް 22 އަހަރުވަންދެން އަދި އޭގެފަހުން 2018 އިން 2020 އަށް 22 މަސްވަންދެން މެލޭޝިޔާގައި ބޮޑުވަޒީރުކަން ކުރެއްވި ޑރ. މަހާތީރު މުހައްމަދު، މެލޭޝިޔާގެ ނޫހަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ދެފަރާތުން ވާސިލްވުމަށް އެއްބަސްވެވޭ އަމާޒެއް ކަނޑައަޅައިގެން މުހްޔިއްދީން ޔާސީންއާއެކު މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.
އެގޮތުންވެސް، އެންމެ އިކަމެއް ދޭންޖެހޭނީ މެލޭ ދަރިކޮޅުގެ މީހުންނަށް ކުރިއެރުމާއި، ފާގަތިކަން ހޯދައިދިނުމުގެ މައްޗަށް ކަމަށް މަހާތީރު ވިދާޅުވިއެވެ.
މާޒީވެދިޔަތަން ދޫކޮށް މެލޭ ރައްޔިތުންގެ ހައްގުގައި މުހްޔިއްދީން ޔާސީންއާ ގުޅިވަޑައިގެން މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވިކަން މަހާތީރު ހާމަކުރެއްވިއެވެ.
ޑރ. މަހާތީރު މުހައްމަދުއާއި، މުހްޔިއްދީން ޔާސީންއާ ދެބޭފުޅުން ގުޅިވަޑައިގެން "ޕާޓީ ޕްރިބުމި ބަރްސަތު" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވީ 2016 ވަނަ އަހަރުއެވެ. އެ ޕާޓީގެ ޗެއަރމަންއަކަށް ޑރ. މަހާތީރު އައްޔަން ކުރެވުނުއިރު، މުހްޔިއްދީން ޔާސީން އައްޔަން ކުރެވުނީ ޕާޓީގެ ރައީސްކަމުގެ މަގާމަށެވެ.
2018 ވަނަ އަހަރުގެ އާންމު އިންތިޚާބަށް ބަރްސަތު ޕާޓީ ނުކުތީ، ޕަކަތަން ހަރަޕަންގެ ކޯލިޝަނާ އެކުގައެވެ.
އެފަހަރުގެ އާންމު އިންތިޚާބުގައި، އެ ކޯލިޝަނުން ވަނީ އޭރު ވެރިކަމުގައިއޮތް ބަރިސަން ނޭޝަނަލް ބަލިކޮށް ވެރިކަމުން ދުރުކޮށްފައެވެ.
އިންތިޚާބު ކާމިޔާބުކޮށް ޑރ. މަހާތީރު ދެވަނަ ފަހަރަށް ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައި ގެންނެވިއެވެ.
އޭރު މަހާތީރުގެ އުމުރުފުޅަކީ 92 އަހަރެވެ. ދުނިޔޭގެ ގައުމެއްގެ ވެރިކަމާ މިހާތަނަށް ހަވާލުވެވަޑައިގެންނެވި އެންމެ އުމުރުފުޅުން ދޮށީ ބޭފުޅަކީވެސް މަހާތީރެވެ.
އެކަމަކު، 2020 ވަނަ އަހަރު ސަރުކާރު ހިންގާ ކޯލިޝަން ތެރޭގައި ހިނގި އަރާރުންތަކެއްގެ ތެރޭގައި، ޕާލަމެންޓުގެ ގިނަ މެމްބަރުންތަކެއް ސަރުކާރު ހިންގާ ކޯލިޝަނުން ވަކިވެވަޑައިގަތުމާ ގުޅިގެން ޑރ. މަހާތީރުގެ އަމިއްލަފުޅު ޕާޓީ، ބަރްސަތުން އެމަނިކުފާނު ވަކިކުރެވުނެވެ.
ނަތީޖާއެއްގެގޮތުން މަހާތީރުގެ ސަރުކާރު ވެއްޓުނެވެ. އޭގެފަހުން މެލޭޝިޔާގެ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީ މުހްޔިއްދީން ޔާސީންއެވެ.
މިދިޔަ އަހަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މަހާތީރު މުހަންމަދު ވިދާޅުވެފައިވަނީ، އެމަނިކުފާނު ބޮޑުވަޒީރުކަމުން ވަކިވެވަޑައި ގަތުމުން، މެލޭ ދަރިކޮޅުގެ މީހުން އިތުރަށް ނިކަމެތިވެ ފަގީރުވެފައިވާ ކަމަށެވެ.
ދެވަނަ ފަހަރަށް ބޮޑުވަޒީރުކަމަށް ވަޑައިގަތުމުންވެސް، މެލޭ ދަރިކޮޅުގެ މީހުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށާއި، ނަމަވެސް ސަރުކާރު ވައްޓާލުމުން، ކުރައްވަމުން ގެންދެވި ހުރިހާ މަސައްކަތެއް ހުއްޓުނީ ކަމަށް ވިދާޅުވިއެވެ.
މެލޭ ދަރިކޮޅަކީ މެލޭޝިޔާގެ އަޣުލަބިއްޔަތު އޮންނަ ނަސްލުގެ މުސްލިމުންނެވެ.
މަހާތީރުވަނީ، މެލޭ ދަރިކޮޅުގެ މީހުންގެ މަސްލަހަތުތައް ހިމާޔަތް ކުރުމާއި، މެލޭ ދަރިކޮޅު އެއްބައިވަންތަ ކުރުމާއި، މެލޭ ދަރިކޮޅުގެ މީހުންގެ ސިޔާސީ ބާރު އަލުން އަނބުރާ ހޯދުމާ ގުޅޭ 12 ނުކުތާގެ ކަރުދާހެއް އެކުލަވާލައްވާފައެވެ.
މި ކަރުދާހަށް ތާއީދުކުރާކަން ބަރްސަތު ޕާޓީންވަނީ ހާމަކޮށްފައެވެ.
ޑރ. މަހާތީރު ވިދާޅުވީ، މުހްޔިއްދީން ޔާސީންއާއެކު މަސައްކަތް ކުރައްވަން ބޭނުންފުޅުވާ އަނެއް ސަބަބަކީ، ކޮރަޕްޓް މީހުންނާއި، މުޖުރިމުންނާ ދެކޮޅަށް މަސައްކަތް ކުރެއްވުމަށް ކަމަށެވެ.
މިހާތީރު ކުރިން ނިސްބަތްވެވަޑައިގެންނެވި އަދި މިހާރު ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޮގަނައިޒޭޝަން، އުމްނޯއަށް ނިސްބަތް ކުރައްވައި މަހާތީރު ވިދާޅުވީ، މެލޭޝިޔާގެ ރައްޔިތުން މިހާރު އެ ޕާޓީއަށް އިތުބާރު ނުކުރާ ކަމަށާއި، މިދިޔަ އަހަރުގެ އާންމު އިންތިޚާބުގައި އެ ޕާޓީއަށް ލިބުނު ކުޑަ ތާއީދުން އެކަން ހާމަވާ ކަމަށެވެ.
މަހާތީރު ވިދާޅުވެފައިވަނީ، މެލޭޝިޔާގެ މިހާރުގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްއާއެކު މަސައްކަތް ކުރެއްވުމަކީ އެމަނިކުފަނަށް ދަތިފުޅު ކަމެއް ކަމަށެވެ.
މެލޭ ރައްޔިތުންގެ މައްސަލަތައް ހައްލުކުރުމުގައި އަންވަރު ސީރިއަސް ނުވުމަކީ އޭނާއާއެކު މަސައްކަތް ކުރެއްވެން ނެތް އެއް ސަބަބު ކަމަށްވެސް މަހާތީރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ