ރާއްޖެއަށް 119 ކިލޯގެ ޑްރަގް އެތެރެކުރި މައްސަލައިގައި ހައްޔަރުކޮށްފައި ތިބި ތިން މީހުންގެ ފޯނުގެ ލޮކްކޯޑާއި ޕާސްވޯޑު ދިނުމަށް އެންގުމުގެ އަމުރަކަށް ފުލުހުން އެދުމުން އެ އަމުރު ނެރެން ކްރިމިނަލް ކޯޓުން ނިންމީ ގޯސްކޮށް ކަމަށް ހައި ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
މައްސަލައިގެ ފެށުން - މިދިޔަ ޑިސެމްބަރު މަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޓެކްސީއެއްގެ އިތުރުން، އަމިއްލަ ކާރަކުންނާއި ސައިކަލަކުން ޖުމްލަ 91 ޕެކެޓުގެ ޑްރަގް ހޯދައި 119 ކިލޯގެ ޑްރަގް އަތުލައިގަތެވެ. އެއީ ޑިސެމްބަރު 12 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި 'ބަންގާ' ނަމަކަށް ކިޔާ ލޯންޗަކުން މާލެއަށް ގެނައި މަސްތުވާތަކެތި ކަމަށް ފުލުހުން ބުނެ އެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައި ތިބި މީހުން:
އަހްމަދު މުޖާހިދު (29އ) - ގދ. ހޯޑެއްދޫ/އަލޯރާ
އަލީ ޒުބައިރު (52އ) - ގދ. ހޯޑެއްދޫ/ގުލޭނޫރަންމާގެ
އަހްމަދު ސުނައިނު (25އ) - ގދ. ހޯޑެއްދޫ/އިރުމަތީގެ
އެ ތިން މީހުން:
ގެންގުޅުނު ފޯނުގެ ލޮކްކޯޑާއި ޕާސްވޯޑު ދިނުމަށް ފުލުހުން އެދުމުން އެ މީހުން އެ މައުލޫމާތު ދީފައެއް ނުވޭ
ލޮކްކޯޑާއި ޕާސްވޯޑު ހޯދުމުގެ އަމުރެއް ހޯދަން ފުލުހުން ކްރިމިނަލް ކޯޓަށް ހުށަހެޅި
ކްރިމިނަލް ކޯޓުން ނިންމީ އެފަދަ އަމުރެއް ނުދިނުމަށް
ކްރިމިނަލް ކޯޓުގެ އެ ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރި
ވީ ކިހިނެއް؟ - އެ އަމުރު ނުނެރެން ކްރިމިނަލް ކޯޓުން ނިންމީ އެ ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކަކާ ހަވާލާދީ އެވެ. ހައި ކޯޓުން އެކަމާ ގުޅިގެން ފާހަގަކުރީ މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކާ ހިލާފަށް، ކްރިމިނަލް ކޯޓުން ކުރިން ނިންމާފައިވާ މައްސަލަތަކުގައި އަމަލުކޮށްފައިވާ ގޮތަށް އަމަލު ކުރުމަކީ ލާޒިމު ކަމެއް ނޫނެވެ. އެކަމަކު، އެ މައްސަލަތަކަށް ރިއާއަތް ކުރެވިދާނެ އެވެ.
ފުލުހުން ހުށަހެޅި ފޯމަކީ އިސްލާހުކުރަން ޖެހޭ ފޯމެއް ކަމަށް މަތީ މަރުހަލާގެ އެއްވެސް ކޯޓަކުން ނިންމާފައި ނުވަނީސް، އެ ފޯމަކީ ގާނޫނީ ގޮތުން ކޮން އުނިކަމެއް ހުރި ފޯމުތަކެއް ކަމަށް ބެލުމެއް ނެތި، ކްރިމިނަލް ކޯޓުގެ ކުރީގެ ދެ ނިންމުމަކާ ހިލާފު ކަމަށް ބުނެ ހަމައެކަނި އެކަމުގެ މައްޗަށް ބަލައި ގޮތް ކަނޑަނޭޅޭނެ ކަމަށް ބުނެފައިވެ އެވެ.
ފުލުހުން ކްރިމިނަލް ކޯޓުގައި އެދުނީ، އެ އަމުރާ މެދު ގޮތެއް ނިންމުމުގެ ކުރިން އަޑުއެހުމެއް ބާއްވައިދިނުމަށެވެ. އެކަމަކު، އަޑުއެހުން ބޭއްވުމަކާ ނުލައި މައްސަލަ ނިންމީ އެވެ. އެއީ ކުރުން ލާޒިމު ކަމެއް ކަމަށް އެއްވެސް ގާނޫނެއްގައި ނޯންނަ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވެ އެވެ. އެ ކޯޓުން ބުނީ، އަޑުއެހުމެއް ނުބޭއްވުމުގައި މައްސަލައެއް ނެތް ކަމަށެވެ.
އެނގުން މުހިންމު - ފުލުހުން ބޭނުންވާ މައުލޫމާތު ދިނުމަށް އަންގައި ހައި ކޯޓުން އަމުރެއް ނުކުރެ އެވެ. ދަށު ކޯޓުގެ އަމުރު ނެރުމާ މެދު ގޮތެއް ނިންމި އިރު ހެކި ގަރީނާއަށް ވަޒަންކޮށްފައި ނުވާއިރު، އަދި ރިއާއަތް ކުރަން ޖެހޭ ކަންކަމަށް ރިއާއަތްކޮށްފައި ނުވާއިރު، އަމުރު ނެރުމާ މެދު ހައި ކޯޓަށް ގޮތެއް ކަނޑައެޅިދާނެ ކަމަށް ނުދޭ ކަމަށް އެ ކޯޓުގެ ނިންމުމުގައިވެ އެވެ.
އެކަމަކު، ފޯނުތަކުން ހެއްކާއި ގަރީނާ ހޯދުމަށް ފޯނުތައް ހިފެހެއްޓުމަށާއި ފޯނުގައި ހުރި ލޮކްކޯޑާއި ޕެޓާން އަދި ޕާސްވޯޑުތައް ފުލުހުން ބޭނުން ވެގެން އަލުން ފުލުހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި ނަމަ ހައި ކޯޓުން ނިންމި ނިންމުމަށް ރިއާއަތްކޮށް، ކްރިމިނަލް ކޯޓަށް ގޮތެއް ކަނޑައެޅިދާނެ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
ފުލުހުން ހުށަހެޅި ހެއްކާއި ގަރީނާގެ ތެރޭގައި ހިމެނެނީ:
ފުލުހުންގެ ބަޔާން
ހެއްކެއްގެ ބަޔާން
ސީސީޓީވީ ފޫޓޭޖުގެ ސްކްރީންޝޮޓުތައް
ޑްރަގްގެ ތަހުލީލު ނަތީޖާ
އިންޓެލިޖެންސް ރިޕޯޓު
މޯބައިލް ފޯނުގެ ޗެއިން އޮފް ކަސްޓަޑީ
ފުލުހުނުގެ ފަރާތުން ހުށަހެޅި ފޯމަކީ
އެނގުން މުހިންމު - މި މައްސަލައިގައި ހިމެނޭ ޑްރަގަކީ މީގެ ކުރިން ޑްރަގް ޓްރެފިކިންގެ ތުހުމަތުގައި ދައުވާކުރި ގދ. ހޯނޑެއްދޫ/އަލޯރާ، އަރުޝަދު ހާލިދު އިސްވެ ހިންގާ ޑްރަގް ނެޓްވޯކުން އެތެރެކުރި އެއްޗެހި ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ.
މި މައްސަލައިގައި އޭނާގެ އިތުރުން، ގދ. ހޯނޑެއްދޫ/ދޯދި، މުހައްމަދު އަކްރަމް އަބްދުލްހަންނާންގެ މައްޗަށް ވެސް ތުހުމަތު ކުރެވެ އެވެ. އެކަމަކު، އެ ދެ މީހުން ވަނީ ޑްރަގް އެތެރެކުރި ދުވަހު ރާއްޖެއިން ބޭރަށް ގޮސްފަ އެވެ.
އަރުޝަދުގެ އިތުރުން، ޒުބެއިރާއި ސުނެއިނުގެ މައްޗަށް މީގެ ކުރިން ވެސް ޑްރަގް ޓްރެފިކިންގެ ދައުވާ ކުރި ނަމަވެސް ދައުވާ ސާބިތު ނުވެ އެވެ. މި 119 ކިލޯގެ ޑްރަގްގެ މައްސަލައިގައި އެ މީހުން ހައްޔަރުކުރީ ކުރީގެ ދައުވާ ސާބިތުނުވުމުން ދޫކޮށްލާފައި ތިއްބަ އެވެ.
119 ކިލޯގެ ޑްރަގް: ފޯނުތަކުގެ ޕާސްވޯޑު ހޯދަން އަމުރު ނުދޭން ކްރިމިނަލް ކޯޓުން ނިންމީ ގޯސްކޮށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ