ޖިއާންގެ މަރުގެ ބަދަލު ނަގައިދިނުމުގެ މައްސަލަ ހައި ކޯޓުން ބަލަން ސުޕުރީމް ކޯޓުން އަންގައިފި

އިމާރާތެއްގެ މަތިން ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓި މަރުވި ރައުޝަން ޖިއާންގެ މަރުގެ ބަދަލެއްގެ ގޮތުގައި އެ އިމާރާތުގައި މަސައްކަތް ކުރަމުން ދިޔަ ޑަބްލިއު ކޮންސްޓްރަކްޝަނުން 4.5 މިލިޔަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބަލަން ސުޕްރީމް ކޯޓުން އަންގައިފި އެވެ.
ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން އަށް އަހަރުގެ ޖިއާން މަރުވި
ހާދިސާ ހިނގީ ޑިސެމްބަރު 2018 ގަ އެވެ. އެ މަންޒަރު ލޮލަށް ފެނުނު އޭނާގެ މައިންބަފައިންނަށް
ލިބިފައިވާ، ލިބެމުންދާ އަދި ލިބޭނެ މާލީ އަދި ނަފްސާނީ ގެއްލުމުގެ ބަދަލު،
ޑަބްލިއު ކޮންސްޓްރަކްޝަންގެ ފަރާތުން ނަގައިދިނުމަށް އެދި ސިވިލް ކޯޓަށް
މައްސަލަ ހުށަހެޅީ 2019 ގަ އެވެ. ސިވިލް ކޯޓުން ހުކުމް ކުރީ ޖިއާން މަރުވި ހާދިސާގައި ޑަބްލިއު ކޮންސްޓްރަކްޝަންގެ މުވައްޒަފުންގެ އިހުމާލު އޮތް ކަމަށެވެ.
މައްސަލައިގައި ކަން ހިނގާފައިވާ ގޮތް:
ޖިއާންގެ މައިންބަފައިންގެ ފަރާތުން އެދުނީ 17.4 މިލިއަން ރުފިޔާގެ ބަދަލަކަށް
އެކަމަކު، 4.5 މިލިޔަން ރުފިޔާ ދެއްކުމަށް އެ ކުންފުނީގެ މައްޗަށް ހުކުމް އިއްވި
ބާކީވާ 12.9 މިލިއަން ރުފިޔާ ހޯދަން ޖިއާންގެ މައިންބަފައިން ދަށު ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކުރި
ހައި ކޯޓުގެ ރަޖިސްޓްރާ އަދި ފަހުން ފަނޑިޔާރުން ވެސް ނިންމެވީ މައްސަލަ ބަލައިނުގަތުމަށް
ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި
ސުޕްރީމް ކޯޓުން މިދިޔަ އާދީއްތަ ދުވަހު ހައި ކޯޓަށް އެންގީ، އެ މައްސަލައިގެ ނިންމުން ބަލައި، 10 ދުވަހުގެ ތެރޭގައި އަލުން މައްސަލަ ހުށަހަޅައިފި ނަމަ މައްސަލަ ބަލައިގަތުމަށެވެ.
ހައި ކޯޓުން މައްސަލަ ބަލައިނުގަތީ އިސްތިއުނާފުގެ މުއްދަތު ހަމަވެފައިވާ ކަމަށް ބުނެ އެވެ. އެކަމަކު، ސުޕްރީމް ކޯޓުން ނިންމީ، އިސްތިއުނާފު ނުކުރެވުމަށް މަގުބޫލު ސަބަބެއް އެބަ އޮތް ކަމަށެވެ.
އެ މައްސަލައިގައި ދަށު ކޯޓުގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ޖިއާންގެ މައިންބަފައިންނަށް ދޫކުރީ އިސްތިއުނާފު މުއްދަތު ހަމަވި ފަހުންނެވެ. ކޯޓަށް މައްސަލަ ހުށަހެޅި އިރު ވެސް ރިޕޯޓު ނުލިބޭކަން ހައި ކޯޓަށް ސިޓީއަކުން އަންގާފައިވާތީ އިސްތިއުނާފު ކުރުމުގެ ނިޔަތް އޮތްކަން އެނގޭ ކަމަށް ސުޕްރީމް ކޯޓުގެ ނިންމުމުގައިވެ އެވެ.
ސުޕްރީމް ކޯޓުން މި ގޮތަށް ނިންމެވި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުސްނުއްސުއޫދު ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.
އެނގުން މުހިންމު - ޖިއާންގެ މަރުގެ މައްސަލައިގައި ދައުލަތުން ޑަބްލިއު ކޮންސްޓްރަކްޝަންގެ އިސްވެރިންތަކެއްގެ އިތުރުން މުވައްޒަފުންގެ މައްޗަށް ދައުވާ ކުރި އެވެ. ސައިޓް ސުޕަވައިޒަރުގެ އިތުރުން މަސައްކަތުގައި އުޅުނު ބައެއް މުވައްޒަފުންގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް، ޑަބްލިއު ކޮންސްޓްރަކްޝަންގެ އެމްޑީގެ މައްޗަށް ކުށް ސާބިތެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ