ސިޓީތައް ހާމަކުރުމަކީ ޑިޕްލޮމެޓިކް ޕްރެކްޓިސް ހިއްވަރުދޭ ކަމެއް: ޝަހީދު

ރައީސުލްޖުމުހޫރިއްޔާ ބޭރުގެ ގައުމުތަކުގެ ވެރިންނަށް ފޮނުއްވާ ސިޓީފުޅުތައް ހާމަކުރުމަކީ ޑިޕްލޮމެޓިކް ޕްރެކްޓިސް ހިއްވަރުދޭ ކަމެއްކަމަށް ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު ޑރ.އަހްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޝަހީދު މިފަދައިން ވިދާޅުވީ ރައީސް ބޭރުގެ ގައުމުތަކުގެ ވެރިންނަށް ފޮނުއްވާ ސިޓީފުޅުތައް މީޑިޔާގައި ހާމަކުރާނަމަ ރާއްޖެއާއި ވާހަަކަ ދައްކާނެ ގައުމެއް ނޯންނާނެ ކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު އަބުދު ﷲ ޝާހިދު ވިދާޅުވުމާއި ގުޅިގެން ދެއްވި ރައްދެއްގައެވެ.
ފޯޅަވަހީގެ މައްސަލައާއި ގުޅިގެން ރައީސް އޮފީހުގައި މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝާހިދުވަނީ ރާއްޖޭގެ ރައީސް ބޭރުގެ ގައުމުތަކުގެ ވެރިންނަށް ފޮނުއްވާ ސިޓީފުޅުތައް މީޑިޔާގައި އާންމުކުރާނަމަ ރާއްޖެއާއި ވާހަކަދައްކާނެ ބޭރު ގައުމެއް ނޯންނާނެކަމަށާއި ރާއްޖޭގެ ގައުމީ ސަލާމަތާއި ގުޅުންހުރި ކަންކަމާއި ގުޅޭގޮތުން ބޭރުގައުމުތަކާއެކު ކުރާ މަޝްވަރާތައް ރައްޔިތުންނަށް އާންމުކޮށް ހާމަކުރާނަމަ ރާއްޖެއާއި ގުޅިގެން ކަންކަން ކުރާނެ ގައުމުތަކެއް ނުވާނެކަމަށް ބުނެފައެވެ.
ޝާހިދު ވިދާޅުވީ ރާއްޖެއިން ބައިނަލްއަގުވާމީ އުސޫލުތައް ބަލައިގަނެ އެ އުސޫލުތަކަށް ތަބާވާންޖެހޭ ކަމަށާއި އެގޮތުން ދޭދޭ ގައުމުތަކުގެ ދެމެދު ހިނގާ އެފަދަ މުއާމަލާތްތަކަށް އިހްތިރާމް ކުރަންޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.
މިކަމަށް ރައްދު ދެއްވައި ޝަހީދު ވިދާޅުވީ ބައިނަލްއަޤުވާމީ ޓްރައިބިއުނަލްއެއްގައި އޮތް މައްސަލައަކާއި ގުޅުން ހުރި ކަމެއްގައި ބަދަލު ކުރެވޭ ލިޔެކިޔުންތައް އާއްމުކުރުމަށް ޑިޕްލޮމެޓިކް ޕްރެކްޓިސް ހިއްވަރުދޭ ކަމަށެވެ.
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއެރި ސަރަހައްދާ މެދު ގޮތެއް ނިންމުމުގެ މައްސަލާގައި، ރާއްޖެއިން ޒަމާނުއްސުރެ ބޭނުންކުރަމުން އައި ކަނޑުގެ ސަރަހައްދެއް ގެއްލޭގޮތަށް، ހުސްވި އޭޕްރިލް މަހުގެ 28 ވަނަ ދުވަހު، އިޓްލޮސް އިންވަނީ ނިންމާފައެވެ.
ޝަހީދު މިފަދައިން ވިދާޅުވިއިރު ފޯޅަވައްސަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގަން ޖެހޭ އަތޮޅެއްކަމަށް ދިވެހި ސަރުކާރުން ގަބޫލު ކުރިކަން އަންގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ފޮނުއްވި ކަމަށްބުނާ ސިޓީފުޅެއް އާއްމުކުރުމަށް ގިނަ އަދަދެއްގެ ރައްޔިތުންނާއި ސިޔާސީ ބާރުތަކުން މިހާރުވެސް އަންނަނީ ގޮވާލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ