ހޫނުމިން 40 ޑިގްރީއަށް: ކަރަންޓް އިސްރާފުނުކުރޭ

ރާއްޖޭގެ ހޫނުމިން ބައެއް ވަގުތުތަކުގައި 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މިއަދު މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނުމާ ގުޅިގެން ބޭނުންކުރާ ކަރަންޓްގެ މިންވަރު ދަށްކޮށް ކޮންމެހެން ބޭނުންނުވާ ގޮތްގޮތަށް ކަރަންޓް ބޭނުން ނުކުރުމަށް ސްޓެލްކޯއިން އިލްތިމާސް ކޮށްފިއެވެ. ކަރަންޓުން އިސްރާފު ނުކުރުމަށް ހުސްވި ހަފްތާގައި ވެސް ސްޓެލްކޯއިން އިލްތިމާސް ކޮށްފައިވެއެވެ. 
މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާގޮތަށް މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރަކަށް ވުމުން، ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށާއި، ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަސްޓަމަރުންނަށް އިލްތިމާސްކޮށް ސްޓެލްކޯއިން ޓްވީޓްކުރީ މިއަދެވެ. 
ހޫނު މޫސުމުގައި ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވެ ކަރަންޓް ބިލު ބޮޑުވެއެވެ. އެކަން ހަނދާން ކޮށްދީ ކަސްޓަމަރުންގެ ސަމާލު ކަމަށް ތަކުރާރުކޮށް އެ ކުންފުނިން ގެނެއެވެ. އެހެންކަމުން ކޮންމެ އަހަރެއްގެ މި ދުވަސްވަރު ހޫނުގަދަވެ ކަރަންޓު ބިލްތަކަށް ބޮޑު ބަދަލެއް އަންނާތީ ކަސްޓަމަރުންގެ ސަމާލުކަމަށް މިކަން ގެނައުމަކީ ސްޓެލްކޯއިން ހުއްޓަނުލާ ކުރާ ކަމެކެވެ. ކަރަންޓުގެ ހަރަދު ކުޑަކުރަން ކުރެއްވެން ހުރި ކަންކަން އޮޅުން ފިލުވައިދީ ހަރަދު ކުޑަކުރުމަށް ސްޓެލްކޯއިން އަބަދުހެން ބާރު އަޅައެވެ.
އެހެން ދުވަސްތަކާއި ހިލާފަށް މި ދުވަސްވަރު ޖައްވު ހޫނުވުމުގެ ސަބަބުން ރޭގަނޑުގެ ވަގުތުގައި ވެސް ކަރަންޓު އުފައްދަން ޖެހޭ މިންވަރު ވަނީ އިތުރުވެފައިވާ ކަމަށް ސްޓެލްކޯގެ ތަފާސް ހިސަބުތަކުން ދައްކައެވެ.  
މިހިގާ އޭޕްރީލް އަދި މެއި މަހަކީ މި އަހަރުގެ އެންމެ ހޫނުގަދަ ދެ މަސް ކަމުން މި ދެމަހު ކަރަންޓަށް ސަމާލުވެ އިސްރާފް ނުކުރުމަށް ސްޓެލްކޯއިން މިދިޔަ ހަފްތާގައި އިލްތިމާސް ކުރިފަހުން އަނެއްކާ މިއަދު އެކަން ކަސްޓަމަރުންގެ ސަމާލުކަމަށް ގެނައީ ކަމުގެ މުހިންމު ކަން ބޮޑުކަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ