ކައުންސިލް ބައްދަލުވުން ބޭއްވެން ނެތް ކަމަށް ވިދާޅުވެ މައުމޫން ރައީސް އޮފީހަށް ރައްދު ދެއްވައިފި

ސަރުކާރުން ސިޔާސީ ޕާޓީތަކާ އެކު ކުރަން ނިންމާފައިވާ މަޝްވަރާގައި ބައިވެރިކުރާނެ ބޭފުޅުން ޕާޓީގެ ކައުންސިލުން ފާސްކޮށްގެން ފޮނުވައިދިނުމަށް ރައީސް އޮފިހުގައި އެންގި އެންގުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރައްދުދެއްވައިފިއެވެ. ރައީސް އޮފީހުން އިއްޔެ ޕީޕީއެމަށް ފޮނުވި ސިޓީގެ ޖަވާބުގައި މައުމޫން ސޮއިކުރައްވައި މިއަދު ރައީސް އޮފީހަށް ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ ޕީޕީއެމްގެ ކައުންސިލްގެ ބައެއް މެމްބަރުން ޕާޓީގެ ރައީސާ ދެކޮޅަށް ކޯޓުގައި ދައުވާ ކޮށްފައިވާތީ ކައުންސިލް ބައްދަލުވުމެއް މިވަގުތު ބޭއްވެން ނެތް ކަމަށެވެ. އެ ސިޓީގައި މައުމޫން ވިދާޅުވީ ޕީޕީއެމްގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ކަމަށް ކަނޑައަޅައި އަންގާފައި ވަނީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނަށް އިޚްތިޔާރުގެ ދަށުން ކަމަށެވެ. "އެހެންނަމަވެސް ޕާޓީ ހިންގުމަކީ ޕާޓީގެ ރައީސްގެ މަސްއޫލިއްޔަތަކަށްވާއިރު، ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އަޅުގަނޑަށް ލިބިފައިވާ އިހުތިޔާރުގެ ދަށުން، އަޅުގަނޑު ނިންމާފައި މިވަނީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ޕީޕީއެމްގެ ފަރާތުން މިފަހަރު ބައިވެރިވެ ވަޑައިގަންނަވާނީ މިޕާޓީގެ ކައުންސިލް މެންބަރު އަލްއުސްތާޒު މުހައްމަދު ވަޙީދު އިބްރާހީމް އާއި ޕާޓީގެ މުއައްސިސު އަދި ކައުންސިލް މެންބަރު އަހުމަދު ފާރިސް މައުމޫން ކަމަށެވެ،" މައުމޫން ސޮއިކުރައްވައި ޕީޕީއެމުން ފޮނުވި ސިޓީގައި ވެއެވެ. ރައީސް އޮފީހުން އިއްޔެ އެންގި އެންގުމާ ގުޅިގެން އަދާލަތު ޕާޓީން ވެސް ވަނީ މަޝްވަރާތައް ފެށުމުގެ ކުރިން ޝަރުތުތައް ކުރިމަތިނުކުރުމަށް ގޮވާލައި ރައީސް އޮފީހަށް ސިޓީއެއް ފޮނުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ