ފަލަސްތީނުގައި ހަރަކާތްތެރިވާ ހަމާސް ޖަމާއަތުން އިސްރާއީލަށް މެދުނުކެނޑި ދެމުން އަންނަ ހަމަލާތަކާ ގުޅިގެން ފަލަސްތީނަށް ކާއެއްޗިއްސާއި ތެޔޮ އެތެރެ ކުރުން ހުއްޓުވައިފިއެވެ. އަދި ފަލަސްތީނު ރައްޔިތުންނަށް ލިބެން ޖެހޭ އަސާސީ ހައްގެއް ކަމަށްވާ ކަރަންޓުގެ ހިދުމަތުން އެ ރައްޔިތުން މަހްރޫމްކޮށްފިއެވެ.
އިސްރާއީލްގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ވިދާޅުވީ ޣައްޒާ އަށް ފޯރުކޮށް ދެމުން އަންނަ ކަރަންޓާއި ތެލާއި ކާބޯތަކެތި ދިނުން ހުއްޓާލަން އަންގާފައިވާ ކަމަށެވެ.
"ދެން (ޣައްޒާ) އަށް ކަރަންޓެއް، ކާބޯތަކެއްޗެއް އަދި ތެލެއް ނުލިބޭނެ،" އިސްރާއީލްގެ ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.
ޣައްޒާއަކީ 2007 ވަނަ އަހަރުން ފެށިގެން އިސްރާއީލާއި މިސްރުން ހިސޯރުކޮށްފައިވާ ސިޓީއެކެވެ. އިސްރާއީލާއި ފަލަސްތީނުގެ ޣައްޒާއާ ގުޅޭ ހުރިހާ ބޯޑަރަކާއި ވައިގެ ސަރަހައްދު އޮންނަނީ އިސްރާއީލް ސިފައިންގެ ކޮންޓްރޯލްގެ ދަށުގައެވެ. ފަލަސްތީނުގެ ޣައްޒާ އާއި މިސްރާ ގުޅޭ ބޯޑަރު ސަރަހައްދެއް ވެސް އޮންނަ އިރު، އެ ތަނުގެ ކޮންޓްރޯލް ނަގާފައި ވަނީ މިސްރުންނެވެ. އެހެންވެ، ޣައްޒާ އަށް ކާބޯތަކެއްޗާއި އެ ނޫން ވެސް ތަކެތި އެތެރެ ކުރުމަކީ ޣައްޒާ ރައްޔިތުންނަށް ފަސޭހަކަމަކަށް ނުވެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ހެނދުނުން ފެށިގެން އިސްރާއީލަށް އަމާޒުކޮށް މި ހަމަލާތައް ދޭން ފެށީ މުސްލިމުންގެ މުގައްދަސް ބިން ކަމުގައިވާ އަލް އަގްސާ މިސްކިތުގެ ހުރުމަތް އިސްރާއީލް ސިފައިން ކަނޑާލުމާއި އެ ތަނަށްދާ މުސްލިމުންނަށް އަނިޔާކޮށް، ހައްޔަރުކުރަމުންދާތީއެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާކޮށް، ޖަލުތަކުގެ ތޭރިތަކުގައި ހައްޔަރު ކުރަމުންދާ ދިއުމަކީ ވެސް އިސްރާއީލްގެ ސިފައިންނާ ދެކޮޅަށް ހަމާސް ޖަމާއަތުން އަސްކަރީ އޮޕަރޭޝަން ފެށި އެއް ސަބަބެވެ.
މި ހަމަލާތަކުގައި އިސްރާއީލުން 800 އަށް ވުރެ ގިނަ މީހުން މަރާލާފައިވާ އިރު، ރައްދުގައި އިސްރާއީލުން ވެސް ދަނީ ޣައްޒާ އަށް ބޮން އަޅަމުންނެވެ. މި ހަމަލާތަކުގައި ފަލަސްތީނުން 560 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.
އަދި އިސްރާއީލް ސިފައިންނާއި އާންމުން ހިމެނޭ ގޮތަށް 100 އަށް ވުރެ ގިނަ މީހުން ރަހީންކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ހަމަލާތަކާ ގުޅިގެން އިސްރާއީލުން ވަނީ ހަނގުރާމައިގެ ހާލަތު އިއުލާންކޮށްފައެވެ. އަދި އިސްރާއީލް އޮތީ އެއްގަމު މަގުން ޣައްޒާ އަށް އަރައިގަންނަން ތައްޔާރަށެވެ. އެގޮތުން ޣައްޒާގެ ސަރަހައްދީ ރޮނގަށް ބަރު ހަތިޔާރު ޖަމާކޮށް، ލައްކައަކަށް ވުރެ ގިނަ ރިޒާވް ސިފައިން ވަނީ ނެރެފައެވެ.
ޣައްޒާ އަށް ކަރަންޓު ނުލިބޭ، ތެލާއި ކާއެއްޗެހި އެތެރެ ކުރުން ހުއްޓުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ