ނަޝީދު ހައްދަވާނީ ކިހިނެއް ؛ ނަޝީދު ހައްދަވާނީ އާ ޕާޓީއެއް

މިހާރު ރައީސް މުހައްމަދު ރާއްވަވާފައިވާ ގޮތަށް ކުރިޔަށް ވަޑައިގެންފިނަމަ "އެމްޑީޕީން ނަޝީދަށް ނަސޭހަތް ދީފި" ނުވަތަ "އެމްޑީޕީން ނަޝީދަށް ފިޔަވަޅު އަޅަން ނިންމައިފި" ފަދަ ހަބަރުތައް މީޑިއާއަށް އަންނަން ދެނެއް ލަހެއް ނެތެވެ.
މިދިޔަ ހޮނިހިރާ ހަމައަށް އެންމެންގެ ސަމާލުކަން އޮތީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޕާޓީގެ މެންބަރުންގެ ނިންމާނެ ގޮތެއް ބަލާށެވެ އެމްޑީޕީ އާއި އެހެން ހުރިހާ ޕާޓީތަކެއް އަދި ހުރިހާ ރައްޔިތުން ވެސް ޝައުގުވެރިކަމާއެކު އެކަމަށް ހުއްޓި އޮތެވެ. ވާދަވެރި އަދި އެކުގައި ސަރުކާރުގައި ތިބި ޕާޓީތަކުން ވެސް ގޮތް ނިންމަން ތިބީ ޕްރައިމަރީގެ ނަތީޖާ ނުކުންނާނެ ގޮތަކަށް ބެލުމަށް ފަހު އެވެ. އެ އިންތިޒާރަށް ނިމުން އައީ އެވެ. ވޯޓް ދިން 40،887 މެންބަރުންގެ 61 ޕަސެންޓް ވޯޓާއެކު ރިޔާސީ ޓިކެޓް ހޯއްދެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. 
އެއޯ ކުރީންވެސް ގިނަ ބަޔަކަށް ޔަގީން ކުރި ގޮތެވެ؛ ނަމަވެސް ނަތީޖާ ނުކުންނާނެ ގޮތަކާމެދު އިތުރު ސުވާލު އުފެދުނީ ނަޝީދު ހިންގެވި މޮޅު އަދި ވަރުގަދަ ކެމްޕޭނާއި އެ ކެމްޕޭނާ އެއް ހަމައިގައި ރައީސް ސޯލިހަށް ހިންގަވަން ޖެހިވަޑައިގެންނެވި ފުޅާ / ބޮޑު ކެމްޕޭނުގެ ސަބަބުންނެވެ. ނަތީޖާ ކޮންމެ ގޮތަަކަށް ނުކުތް ނަމަވެސް ސުވާލުތައް މަދެއް ނޫނެވެ.ޕްރައިމަރީގައި ނަަޝީދުގެ މައްޗަށް ރައީސް ސޯލިހް ކުރި ހޯއްދަވާނެކަން މުޅީން ޔަގީންވާތީ އިންތިހާބުގެ ނާކާމިޔާބަށް ފަހު ދެން ނަޝީދު އަމަލު ކުރައްވާނީ ކިހިނެތްތޯ ކުރިންސުރެ އޮތް އެންމެ ބޮޑު ސުވާލެވެ. ރައީސް ސޯލިހްގެ ފަހަތްޕުޅަށް ވަޑައިގެން އެމަނިކުފާނަށް ދެވަނަ ދައުރެއް ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވާނެ ހެއްޔެވެ؟ ނޫން ނަމަ ދެން ހައްދަވާނީ ކިހިނެއް ހެއްޔެވެ؟ ވަކީން ނުކުންނަވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާފާނެ ހެއްޔެވެ؟ އިދިކޮޅު ކެންޑިޑޭޓަށް  ތާއީދު ދެއްވާފާނެ ހެއްޔެވެ؟ -- ޕީޕީއެމުން ހުއްޓާ ނުލައި އިދިކޮޅު ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީނޭ ބުނަމުން ދިޔަސް އެ މީހަކީ ކާކު ކަމެއް އަދިއެއް ނޭނގެ އެވެ. ނޫނީ ރައީސް ސޯލިހާ ދެކޮޅަށް ކެމްޕޭން ހިންގަވާ ވަކި ކެންޑިޑޭޓެއް އިހްތިޔާރު ނުކޮށް ހުންނަވާނީ ހެއްޔެވެ؟ ނޫންނަމަ ބައެއް މެންބަރުން ގާތުގަައި ކުރީން ވިދާޅުވި ފަދައިން ބަލިވެއްޖެނަމަ ގެއަށް ވަންނަވާ މަޑުމަޑުން ހުންނަވާނީ ހެއްޔެވެ. ގެއަށް ވަޑައިގަތުމާއި މަޑުން ހުންނެވުމަކީ ނަޝީދުގެ މިޒާޖެއް ނޫނެވެ. އެހެން ވެދާނެ ކަމަކަަށް ނުބެލެވެ އެވެ. ގެއަށް ވަޑައިގަންނަވާ ވާހަކަކީ ސިޔާސީ "ހުދު ދޮގެ" ކެވެ. 
ރިޔާސީ ޕްރައިމަރީ ނިމުމުން 24 ގަޑިއިރު ނަޝީދު ހުންނެވީ އެކަހެރި ހިމޭންކޮށެވެ. އިންތިހާބުގެ ނަތީޖާ ގަބޫލުކުރަން ދަތި ކަމަށް ކެމްޕޭން ޓީމުގައި ވިދާޅުވުން ފިޔަވަ އެވެ. ބޭރަށް އެއްވެސް ވާހަކައެއް ނުނެރުއްވަ އެވެ. އިންތިހާބުގައި ހުރި މައްސަލަތައް ބޭރަށް ނެރެ އެ ވާހަކަތައް ދެއްކުމުގައި އުޅުނީ ކެމްޕެއިން ޓީމެވެ. ޕްރައިމަރީއާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ނަޝީދު ވާހަކަ ދެއްކެވީ އިއްޔެ އެވެ. ވަރަށް ހެނދުނާ އެމްޑީޕީގެ ގަައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް ދިގު މެސެޖެއް ފޮނުއްވެވި އެވެ. ކުޑަ ތަފާތަކުން ނަމަވެސް ރައީސް ސޯލިހް މޮޅުވެއްޖެ ކަމަށް އެއްބަސްވެވަޑައިގެންނެވި އެވެ. ނަމަވެސް އެ މެސެޖްގައި އިންތިހާބުގެ ނަތީޖާއާމެދު ސުވާލު އުފެއްދެވި އެވެ. އަދި އެހެން އެކަން އޮތަސް ރައީސް ސޯލިހާއެކު ކުރިއަށް ވަޑައިގެންނެވުމަށް ތައްޔާރު ނޫންކަން އަންގަވާލެއްވި އެވެ. ރައީސް ނަޝީދު ވިދާޅުވާ ވާހަކައަކީ ރައީސް ސޯލިހަށް ދެވަަނަ ދައުރެއް ހޯއްދެވޭނެ ފަދަ ތާއީދެއް ނެތެވެ. އެމަނިކުފާނާއެކު ނުކުންނަ އިންތިހާބަކުން އެމްޑީޕީ މޮޅުވާނެ ގޮތެއް ނެތެވެ. ދެން ކުރިއަށް ދާން ނިންމަވާފައިވާ ގޮތްވެސް ވިދާޅުވެ އެވެ. އެއީ "ފިކުރެއްގެ ދިރުމުގެ" ނަމުގައި ހުރިހާ ރަށެއްގައި ޕާޓީގެ ގޮފިތައް އަލުން ހެދުމާއި ޕާޓީން ކަނޑާލި 39،000 މީހުން އަލުން ޕާޓީއަށް ވައްދައި، އެ މީހުންނާއެކު ގޮތެއް ނިންމުމެވެ. އަދި އެ މެންބަރުންގެ ވިސްނުމާއެކު "ފިކުރެއްގެ ދިރުމުގެ" ރިޔާސީ ކެންޑިޑޭޓެއް ވެސް ކަނޑައަޅާ އިންތިހާބަށް ނެރުމެވެ.ފަހު ގޮތަކަށް އޮތީ އިންތިހާބުގެ ކުރިން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން އެއްބަސްވާ ކެންޑިޑޭޓަކަށް ތާއީދު ކުރުމެވެ.
ނަޝީދުގެ މި ހުށައެޅުންތަކަކީ ރައީސް ސޯލިހަށް ގަބޫލު ކުރެއްވޭނެ ހުށައެޅުންތަކެއް ނޫނެވެ. އެމްޑީޕީން ވެސް އެކަންކަމާއި ދެކޮޅު ހަދާނެ ހުށައެޅުންތަކަކެވެ. ބައެއް ހުށައެޅުންތައް ޕާޓީގެ އަސާސީ ގަވާއިދު މިހާރު އޮތްގޮތުން ބަލައިގަނެވެން ވެސް ނެތެވެ. އެކަން ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވެސް ވަނީ ފާހަގަ ކުރައްވާފަ އެވެ. ވަޓްސްއެޕް މެސެޖަށް ފަހު ހުދު ގަމީހާއި ނޫ ޓައިގައި ނަޝީދު ދެން ފެނިވަޑައިގަތީ ކެމްޕޭން ޓީމްތަކާއެކު މެންދުރުގެ ކެއުމަކުންނެވެ. "ދޮންމަނިކު ސްކައި ވިއު" ގައި ކެމްޕެއިން ޓީމުގެ އެތައް މެންބަރުންނަކާއެކު ނުކުންނަވައި އިއްޔެ ހެނދުނު ފޮނުއްވި މެސެޖުން ހުށައެޅުއްވި ކަންކަން ތަކުރާރު ކުރައްވާ ތަފުސީލު ކޮށް ދެއްވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއިން އެއްވެސް ކަމެއް ކުރަން އެމްޑީޕީގެ އަސާސީ ގަވާއިދު ހުރަހެއް ނާޅަ އެވެ. ނަޝީދު ވިދާޅުވާ ގޮތުން އެއިން ކަމެއް ނުކުރެވޭ ހާލަތެއް އަތުވެއްޖެނަމަ އެހެން ގޮތެއް ހޯދަން ޖެހޭ ސަބަބެއް ނޯންނާނެ އެވެ. ހުންނަވާނީ އެމްޑީޕީގަ އެވެ. އެދިވަޑައިގަންނަވާ ގޮތް ޕާޓީގެ ތެރެއިން ހޯއްދެވޭނެ އެވެ. "ސިޔާސީ މަސައްކަތް ހިނގަނީ އިންތިޒާމް ވެގެން! އަޅުގަނޑު ދަންނަ ސިޔާސީ ޕާޓީއަކީ އެމްޑީޕީ އެކަނި... އަދި އަޅުގަނޑު ދެކޭ ގޮތުގައި އެމްޑީޕީއަކީ ރޫޅޭނެ ޕާޓީއެއް ވެސް ނޫން! އަދި ބަލިވާނެ ޕާޓީއެއް ވެސް ނޫން އެއީ ގަދަ ޕާޓީއެއް!"
އެއީ ސިޔާސީ ވާހަކަފުޅެކެވެ؛ ކަން ހިނގާނެ ގޮތެއް ނޫނެވެ. ހަގީގަތަކީ ނަޝީދު މިހާރު ބޭނުންފުޅުވެ ވަޑައިގަންނަވާ ކަންކަން އެމްޑީޕީގައި ހުުންނަވައިގެނެއް ނުކުރެއްވޭނެ އެވެ. އެއީ އެއްވެސް ޕާޓީއެއްގައި ވެސް ފުރުސަަތު ދޭނެ ކަމެއް ނޫނެވެ.އެއް ޕާޓީއަކުން ދެ ކެންްޑިޑޭޓަކު ރިޔާސީ ރޭހަށް ނެރެވޭނެ ގޮތެއް އޮންނާނެ ހެއްޔެވެ؟ އެއް ބޭފުޅަކު ޕާޓީގެ ނަމުގައި ރިޔާސީ ޓިކެޓްގަ އެވެ. އަނެއް ބޭފުޅަކު "ފިކުރެއްގެ ދިރުން" ނަމުގައި އެމްޑީޕީގެ ތެރެއިންނެވެ. މިއީ ވާނެ ކަމެއް ނޫނެވެ. ދެން އޮތީ އެމްޑީޕީގައި ހުންނަވާ "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ފެކްޝަނެއް ހަދައިގެން މަސައްކަތް ކުރެއް ވުމެވެ. ޕާޓީގެ ދަފްތަރުން އުނިކުރި 39،000 މެންބަރުން އަލުން ޕާޓީއާ ގުޅުވާ ވަކީން މަސައްކަތް ކުރުމެވެ. މިއީވެސް ވާނެ ގޮތެއް ނޫނެވެ. އެ މަގުން ހިނގަން ފުރުސަތު ދީގެން ޕާޓީގެ ލީޑަރުން ނުތިއްބަވާނެ އެވެ. ތިއްބަވައިފިނަމަ އެމްޑީޕީގެ ދުވަސް ދިޔައީ އެވެ. ރިޔާސީ އިންތިހާބާމެދު އުންމީދު ކުރުން ދޫކޮށްލަންވީ އެވެ.އެމްޑީޕީގައި "ފިކުރެއްގެ ދިރުން" ނަމުގައި ވެސް ގޮތްޕެއް ހެދިދާނެ އެވެ. އެކަމަކު އެއީ ރައީސް ނަޝީދުގެ އޯޑަރަށް ހިންގަވާ ފެކްޝަނަކަށް ނުހެދޭނެ އެވެ. ގޮތްޕެއް ވެސް ހިންގޭނީ އުސޫލުގެ ތެރެއިން ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށެވެ. އެހެން ކަމުން މިއިން އެއްވެސް ކަމަކީ އެމްޑީޕީގައި ކުރެވެން އޮތް ކަމެއް ނޫނެވެ.ދެން އޮތީ އިންތިހާބުގެ ކުރިން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން އެއްބަސްވާ ކެންޑިޑޭޓަކަށް ތާއީދު ކުރުމެވެ. މިއީ ސީދާ ރައީސް ސޯލިހަށް ނަޝީދު ދެއްވާ ފަހު ފުރުސަތެވެ. އެކުގައި ހުންނެވޭނެ ހަމަ އެކަނި ގޮތެވެ. ނަމަވެސް ރައީސް ސޯލިހް ވަނީ ނިޒާމު ބަދަލު ކުުރުމުގެ މައްސަލާގައި ވަރަށް ސާފުކޮށް އެތައް ފަހަރަކު ޖަވާބު ދެއްވާފަ އެވެ. އެއީ މި ދައުރުގައި ކުރެވެން އޮތް ކަމެއް ނޫން ކަމަށް / އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަަމަށްވެސް ވަނީ ވިދާޅުވެފަ އެވެ. އެހެންވީމަ މިއީވެސް ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ. އޮތް ސުވާލަކީ މިއީ އެވެ. ދެން ވާނީ ކިހިނެތް ހެއްޔެވެ.؟ 
އެމްޑީޕީން ވަކިވެވަޑައިގަތުމަށް ނަޝީދު ނިންމަވާނެ ކަަމަކަށް އެއްގޮތަކަށް ވެސް ނުބެލެވެއެވެ. ނަމަވެސް މިހާރު މިދާ މިސްރާބުން އެމަނިކުފާނު ވަކިކޮށްފާނެ ހާލަތެއް އައުމަކީ ވަރަށް ގާތް ކަމެކެވެ. ނަޝީދު އެ ވިދާޅުވާ ކަންކަން ކުރެއްވުމަށް އެމަނިކުފާނު މަސައްކަތް ކުރައްވާނެ އެވެ. އެވަރުގެ ޓީމެއް އެމަނިކުފާނާއެކު އެމްޑީޕީގައި އެބަ އޮތެވެ. މަޖިލީހުގައި 14 ވަރަކަށް މެންބަރުން އެބަ ތިއްބެވި އެވެ. ފަނަރަ ހާހެއްހާ އާންމު މެންބަރުން އެބަ ތިއްބެވެ. ނަމަވެސް އެމްޑީޕީގައި ހުންނަވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާއި ދެކޮޅަށް މަަސައްކަތް ކުރާނަމަ ޕާޓީން ފިޔަވަޅު އަޅާނެ އެވެ. އެކަމަށް މިހާރު ފަހެއް ނުޖެހޭނެ އެވެ. ފިޔަވަޅު އަޅަން ޖެހެނީ ރައީސް ނަޝީދަށް ނަމަވެސް ފަހަތަށް ޖެހޭނެ ކަމަކަށް ނުބެލެވެއެވެ.ފަހަތަށް ޖެހެން ވަގުތެއް ވެސް ނެތެވެ. ރިޔާސީ އިންތިހާބާމެދު ދެން އޮތީ އެންމެ ހަތް މަސް ދުވަހެވެ. ޕާޓީގެ ތެރޭގައި ހުރި މައްސަލަތަކަށް ހައްލު ހޯދަން ދިގު މަގެއް ހިޔާރު ކުރާނެ ވަގުތެއް ނެތެވެ. އެހެންވެއްޖެނަމަ ނަޝީދަށް ފިޔަވަޅު އެޅުން އޮތީ ދާދި ގާތުގައި ކަމުގައި ވެދާނެ އެވެ.އެ ޕާޓީގައި ފިޔަވަޅު އަޅާނެ އުސޫލުތައް އެބަހުއްޓެވެ. ފުރަތަމަ ނަސޭހަތެވެ. ދެން އަދަބު ދިނުމެވެ. އޭގެ ފަހަށް ޕާޓީން ވަކިކުރުމެވެ. ގޮތް ދޫނުކުރައްވާ މިހާރު ނިންމަވާފައިވާ ގޮތަށް ކުރިއަށް ވަޑައިގަންނަވާނަމަ ނަޝީދު އެމްޑީޕީން ވަކިކުރުމަކީ ދުރު ކަމެއް ނޫނެވެ. ވަރަށް ގާތް ކަމެކެވެ.ދެން އޮތީ އެ ހާލަަތުގައި ނަޝީދު ކަން ކުރައްވާނެ ގޮތެވެ. އެމްޑީޕީގައި ހުންނަވާނެ ކަމަށް ނަޝީދު ވިދާޅުވިޔަސް މިހާރު ނިންމަވާފައިވާ ގޮތުގައި ދެމި ހުންނަވާ ކުރިއަށް ވަޑައިގަންނަވާނަމަ ޕާޓީން ވަކި ކުރައްވާނެކަން ނަޝީދަށް ވެސް އެނގިވަޑައިގަންނަވާނެ އެވެ. ޕާޓީ ހިންގަވަން ތިއްބެވީ އެ ފިޔަވަޅު އަޅަން ފަސްޖެހޭނެ ބޭފުޅުން ނޫންކަން ވެސް ނަޝީދަށް ޔަގީންވެ ވަޑައިގަންނަވާނެ އެވެ.
އެހެންވީމަ އެމަނިކުފާނު އަޅުއްވާ ކޮންމެ ފިޔަވަޅެއް އަޅުއްވާނީ އެކަމަށް ވިސްނާ ވަޑައިގެން ހުންނަވައެވެ. ވަރަށް ގިނަ މީހުން ދެކޭ ގޮތުގައި އަދި އެމަނިކުފާނުގެ ވަފާތެރި ސަޕޯޓަރުންގެ ވެސް އެއް އެދުމަކީ ނަޝީދު އިސްވެ އަމިއްލަފުޅު އާ ޕާޓީއެއް އުފެއްދެވުމެވެ. ފަހަރުގައި ވަރަށް ހިކުމަތްތެރިކަމާ ރޭވުންތެރިކަމާއެކު އެމަނިކުފާނު އެ ހިންގަވަނީ އެ މަގުން ކަމަށްވެސް ވެދާނެ އެވެ.ނަމަވެސް އެގޮތް އިހްތިޔާރު ކުރައްވާނީ އެންމެ ފަހުގެ ޗޮއިސް އަކަށެވެ. ހަމަ އެއްވެސް ގޮތެއް / މަގެއް ނެތުމުންނެވެ. ޕާޓީއެއް އަލުން އުފައްދާ ބޮޑުކޮށް ކާމިޔާބު ހޯދުމަކީ ކިހާ ބުރަ މަސައްކަތެއްކަން އެމަނިކުފާނަށް މާ ބޮޑަށް ސާފުވެ ވަޑައިގަންނަވާނެ އެވެ. ޑީއާރުޕީގައި މައުމޫން ޒެޑް ފެކްޝަން ހެއްދެވިހެން އަދި ފަހުން ނިކުންނަވާ ޕީޕީއެމް ހައްދަވާ ބޮޑު / ވަރުގަދަ ޕާޓީއަކަށް ހެއްދެވިހެން ނަޝީދަށް އެ މަސައްކަތް ކުރެވޭނެ ޖާގައެއް ނެތެވެ.މައުމޫންގެ ޒެޑް ފެކްޝަން ވުޖޫދުވިއިރު މުޅި ޑީއާރުޕީ އޮތީ އެމަނިކުފާނުގެ އަތްމަތީ އެވެ. އަހުމަދު ތަސްމީނާއެކު ވަޑައިގެންނެވީ އާއިލީ ބޭފުޅުންކޮޅަކާއި އެކުވެރި ދެތީން ހަތަރު ބޭފުޅުންނެވެ. ހުރިހާ މެންބަރުން ވެސް މައުމޫނަށެވެ. އާ ޕާޓީއެއް ހަދަން މެންބަރުން ތިބީ ފުރިހަމަަށް ތައްޔާރު ވެގެންނެވެ.އެކަަމަކު ނަޝީދަށް މި ދިމާވި ހާލަތު މުޅީން ތަފާތެވެ. އެމްޑީޕީގެ ކޮންޓްރޯލެއް ނެތެވެ. ގައުމީ މަޖިލިހާއި ޕާޓީގެ އަޣުލަބިއްޔަތެއް ނެތެވެ. މަޖިލީސް މެންބަރުންގެ ބޮޑު އަގުލަބިއްޔަތެއް ދެކޮޅެވެ. އިސް ލީޑަރު ހުންނެވީ ރައީސުލްޖުމްހޫރިއްޔާ ކަމުގައެވެ. އެހެންވީމަ ކާމިޔާބު ހޯދުން ވާނީ ދަތި ވަރަށް ދަތި ކަމަކަށެވެ.ދެން އޮތީ ނަޝީދު ނަންގަވާ ފިޔަވަޅެއް ބަލަން ތިބުމެވެ. މިހާރު ރާއްވަވާފައިވާ ގޮތަށް ވަޑައިގެންފިނަމަ "އެމްޑީޕީން ނަޝީދަށް ނަސޭހަތް ދެއްވައިފި" ނުވަތަ "އެމްޑީޕީން ނަޝީދަށް ފިޔަވަޅު އަޅަން ނިންމައިފި" ފަދަ ހަބަރުތައް އަންނަން ލަހެއް ނުވާނެ އެވެ. "ނަޝީދު އެމްޑީޕީން ވަކިކޮށްފި" ކަަމަށްވެސް އިވިދާނެ އެވެ. އަދި "ނަޝީދު އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށައިފި" ފަދަ ހަބަރުތައްވެސް އިވުމަކީ ވަރަށް ކައިރި ކަމެކެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ