ގާސިމް އިބްރާހީމްއާއި ޖޭޕީގެ ހިތްވަރު އަދިވެސް ދައްކާނަން: އަލީ ސާލިހް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއާއި، ޕާޓީގެ ހިތްވަރު ކުރިޔަށްއޮތްތަނުގައިވެސް ފެންނާނެކަމަށް އެޕާޓީގެ އިސްތަރުޖަމާނު އަދި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ އަލީ ސާލިހް ވިދާޅުވެއްޖެއެވެ.
އަލީ ސާލިހު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ރާއްޖޭގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި، ޖުމްހޫރީ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމާއި ގުޅިގެންނެވެ.
ނާޒިމް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެންނެވެ. އިންޓަވިއުގައި ނާޒިމް ވިދާޅުވީ، އެ ގޮނޑި ކާމިޔާބުކުރެއްވީ އަމިއްލަ މަސައްކަތުންކަމަށެވެ. މިހާރު އެ ދާއިރާގައި ޖުމްހޫރީ ޕާޓީއަށް އެހާވަރަށް ތާއީދެއް ނެތްކަމަށާއި، ގޮނޑި ކާމިޔާބުކުރުމަށް ވަރަށް ބުރަ މަސައްކަތެއް ކުރެއްވިކަމަށް ނާޒިމް ވިދާޅުވިއެވެ. އެހެންނަމަވެސް އޭރު ޖުމްހޫރީ ޕާޓީގެ މެމްބަރަކަށް ވީމަ ކޮންމެވެސް ވަރެއްގެ އެއްބާރުލުމެއް ޕާޓީން ދިންކަމަށާއި އެކަމަކު، ގޮނޑިއަށް ހޮވުމަށް ކުރި މަސައްކަތުގެ 80 އިންސައްތައަކީ އަމިއްލަ މަސައްކަތްކަމަށާއި ޕާޓީން ދިނީ ކުޑަކުޑަ އެއްބާރުލުމެއްކަމަށެވެ. ނާޒިމް ވިދާޅުވީ ވޯޓު ލުމުގައި ރައްޔިތުން ބަލަނީ ޕާޓީއަށް ނޫންކަމަށާއި މީހާއަށް ކަމަށެވެ. އެމީހާ ރައްޔިތުންނަށް ކޮށްދިން ހިދުމަތްތަކަށްކަމަށެވެ.
ނާޒިމްގެ މި ވާހަކަތަކަށް ރައްދުދެއްވައި އަލީ ސާލިހު ވަނީ، ޖޭޕީގެ ފަރާތުން އެ ދާއިރާއަށް ކުރިމައިލައްވައި، ޖޭޕީގެ ނަމުގައި ގޮނޑިއެއް ލިބުމުން، ޖޭޕީން ވަކިވެވަޑައިގެން، ގޮނޑިއަށް ހޮވުނީ، ޖޭޕީގެ ފަރާތުން ނޫންކަމަށް ބުނާ ބޭފުޅުން ނިކަން ކެރިވަޑައިގަންނަނީނަމަ، އިސްތިއުފާދީ އަލުން އެ ދާއިރާތަކަށް ވާދަކުރެއްވުމަށް އެދިވަޑައިގެންފައެވެ.
އަލީ ސާލިހު ވިދާޅުވީ، ކޮންމެ ބަޔަކު ކޮންމެ އެއްޗެއް ކީނަމަވެސް، ޖޭޕީއާއި ގާސިމް އިބްރާހީމްގެ ހިތްވަރު އަދިވެސް ދައްކާނެކަމަށްކަމަށާއި، ޕާޓީ އަދިވެސް ދާނީ ކުރިޔަށްކަމަށެވެ.
އިންޓަވިއުގައި ނާޒިމް ވަނީ، ޖުމްހޫރީ ޕާޓީއަށް ރައްޔިތުންގެ ތާއީދު އޮތްނަމަ، މާމިނގިލީ ދާއިރާއަށް ކިރިޔަ ކިރިޔާ ގާސިމް އިބްރާހީމް ހޮވިވަޑައިގެންނެވީ ކީއްވެތޯ ސުވަލުކުރައްވާފައެވެ.
މި ސުވާލަށް ރައްދުވެއްވާ އަލީ ވިދާޅުވީ، ރާއްޖޭގެ ސިޔާސީ ލީޑަރުންގެ މެދުގައި އަނެކަކަށް އޮންނަ ވާދަވެރިކަން ބޮޑުކަމަށެވެ. އެގޮތުން ގާސިމްގެ އިތުރުން ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް މި ވާދަވެރިކަމާއި ކުރިލަތިލައްވަން ޖެހިވަޑައިގެންނެވިކަމަށެވެ. އެހެންކަމުން ގާސިމް އިބްރާހީމްއާ ދެކޮޅަށް ވާދަކުރުމަށްވެސް ސިޔާސީ ލީޑަރުން ތިއްބަވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ