ހުޅުމާލޭގެ އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާގައި ވިޔަފާރިކުރުމަށް ހުއްދަދެނީ

ހުޅުމާލޭގައި ވިޔާފާރިތައް ކުރިއެރުވުމުގެ ގޮތުން އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާއިން ވިޔަފާރިކުރުމަށް ހުއްދަދިނުމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީން ނިންމައިފިއެވެ.
އެޗް.ޑީ.ސީން މިގޮތަށް ނިންމާފައި ވަނީ މިނިސްޓްރީ އޮފް އިކޮނިމިކް ޑިވެލޮޕްމެންޓްގެ އެދިލެއްވުމަކަށް، ކުދި ވިޔަފާރިތަކާއި، މެދުފަންތީގެ ވިޔަފާރިތަކަށް އިތުރު ފުރުޞަތުތަކެއް ދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުންނެވެ. އެގޮތުން، ފިހާރަތަކާއި ރެސްޓޯރެންޓް އަދި އެހެނިހެން ޚިދުމަތްދޭ ވިޔަފާރިތައް ކުރުމަށް އެކޯޕަރރޭޝަނުން ވަނީ ހުއްދަދީފައެވެ.
އެޗް.ޑީ.ސީން ވިދާޅުވީ، ހުޅުމާލެގެ އިމާރާތްތަކުގެ ތިރީބަޔާއި ފުރަތަމަ ފަންގިފިލާގައި ގަރާޖު އަދި ގުދަންކުރުންފަދަ އިންޑަސްޓްރިއަލް ވިޔަފާރިތައް ކުރުމަކީ މަނާކަމެއްކަމަށެވެ.
ފުރަތަމަ ފަންގިފިލާގައި ވިޔަފާކުރުމަށް ހުއްދަ ދިނުމުން ހުޅޫމާލޭގައި ތަފާތު ގިނަ ވިޔަފާރި އިތުރުވެ، ރައްޔިތުންނަށް ބޭނުންވާ ގިނަ ޚިދުމަތްތަކެއް ލިބިގެންދާނެކަން އެޗް.ޑީ.ސީން ވަނީ ފާހަގަކުރައްވާފައެވެ. އަދި މީގެ ސަބަބުން އާންމުންނަށް ލުއިފަސޭހަވުމުގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރައި ދިޔުމަށް މަގުފަހިވެގެންދާނެކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ.
ކޯވީޑާއި ގުޅިގެން އަމިއްލަ ވޔަފާރިކުރާ ފަރާތްތަކުގެ އަދަދު ވަނީ އިތުރުވެފައެވެ، މިވިޔަފާރިތަކުގައި އެންމެ ގިނައިން ހަރަކާތްތެރިވަނީ އަންހެނުންނެވެ. އަމިއްލަ ވިޔަފާރިތަކުގެ ތެރޭގައި ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތަކާއި ހެދުންފަހާ ފަރާތްތަކުގެ އިތުރުން އަތްތެރި މަސައްކަތްކުރާ ފަރާތްތައް ހިމެނެއެވެ.
އިކޮނިމިކް މިނިސްޓްރީއިން ކުދި ވިޔަފާރިތަކާއި، މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ދަނީ ގިނަ މަސައްކަތަތަކެއް ކުރަމުންނެވެ. އެގޮތުން، މިފަދަ ވިޔަފާރިތައް ކުރިއެރުވުމަށް ދޫކުރާ އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯރޕަރޭޝަން، އެސް.ޑީ.އެފް.ސީ ލޯންގެ ދަށުން މިހާތަނަށް ޖުމްލަ 1023 ލޯނު ވަނީ ދޫކޮށްފައެވެ. އަދި ކުދި ވިޔަފާރިތަކާއި، މެދު މެދުފަންތީގެ ވިޔަފާރިތަކަށް ފުރުޞަތައް ފަހިކޮށްދިނުމުގެ ގޮތުން މާލޭގައި އެސް.އެމް.އީ ހަބްގެ ނަމުގައި މޯލެއް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ