އޮސްކާ ތަފާތު ދައްކައި 22 އަހަރަށް ފަހު އީސްޓް ބެންގޯލަށް އިންޑިއާގެ ޗެމްޕިއަންކަން

ކަލްކަތާ، އިންޑިއާ (މެއި 22) - ދެކުނު އޭޝިއާ ސަރަހައްދުގައި އާދަޔާހިލާފު ކާމިޔާބީތަކެއް ހާސިލްކުރަމުން އަންނަ ސްޕެއިނުގެ ކޯޗު، އޮސްކާ ބްރުޒޮންގެ އެހީއާ އެކު، އީސްޓް ބެންގޯލް އެފްސީން 22 އަހަރަށް ފަހު އިންޑިއާގެ މައި ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ. 
މިއީ، އިންޑިއަން ސުޕަ ލީގު (އައިއެސްއެލް)ގެ ޗެމްޕިއަންކަން އީސްޓް ބެންގޯލުން ހޯދި ފުރަތަމަ ފަހަރެވެ. މީގެ ކުރިން، އީސްޓް ބެންގޯލުން ލީގު ހޯދި ތިން ފަހަރު ވެސް އެއީ އިންޑިއަން ނެޝަނަލް ލީގު އެވެ. އެ ގޮތުން، އީސްޓް ބެންގޯލުން މީގެ ކުރިން ލީގު ޗެމްޕިއަންކަން ހޯދީ 2000/2001 އާއި 2002/2003 އަދި 2003/2004 ވަނަ އަހަރު އެވެ. 
އީސްޓް ބެންގޯލުން ލީގު ޗެމްޕިއަންކަން ހޯދީ ދެ ވަނައިގައި ނިންމި މޯހަން ބަގާންއާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް ލަނޑުގެ ތަފާތުންނެވެ. ރޭ ކުޅުނު ލީގުގެ ފަހު މެޗުގައި، ކަލްކަތާ ޑާބީގައި، އީސްޓް ބެންގޯލް އާއި މޯހަން ބަގާން ވަނީ 1-1 އިިން އެއްވަރުވެފަ އެވެ. 
މިއާ އެކު، 2024 ވަނަ އަހަރު، އީސްޓް ބެންގޯލްގެ ކޯޗުކަމާ ހަވާލުވި އޮސްކާ މި ވަނީ އެ ޓީމަށް ތާރީހީ ކާމިޔާބެއް ހޯދައިދީފަ އެވެ.
ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ އެކު، ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައި، ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއާ އެކު، ބަންގްލަދޭޝް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި އޮސްކާ މި ވަނީ ދެކުނު އޭޝިއާ ސަރަހައްދުގެ ތިން ގައުމުގެ މައި ލީގުގެ ޗެމްޕިއަންކަން ހެޑް ކޯޗެއްގެ ގޮތުގައި ހުރެ ހޯދައިފަ އެވެ. 
މީގެ 22 ވަރަކަށް އަހަރު ކުރިން އަނިޔާއާ ހެދި ފުޓްބޯޅަ ކެރިއަރު ނިންމާލަން ޖެހުނު ސްޕެއިނުގެ ސެލްޓަ ވީގޯ އަށް ނިސްބަތްވާ އޮސްކާ، ކޯޗިން ލައިސަންސް ފުރިހަމަ ކުރަންދެން މަަސައްކަތް ކޮށްފައިވަނީ، ޕާޓް ޓައިމްކޮށް ބޭންކެއްގަ އެވެ.  
ކޯޗިން ލައިސަންސް ހޯދި ގޮތަށް 2007 ވަނަ އަހަރު ކޯޗިން ކެރިއަރު ރަސްމީކޮށް ފަށައި، އޮސްކާގެ ކެރިއަރުގެ ބޮޑުބައި ހޭދަކޮށްފައިވަަނީ ދެކުނު އޭޝިއާގަ އެވެ. އެ ގޮތުން، ދެކުނު އޭޝިއާގައި އޭނާގެ ފުރަތަމަ މަންޒިލަަކީ ވެސް އިންޑިއާ އެެވެ.
ސްޕޯޓިން ގޯއާގެ ހެޑް ކޯޗަކަށް 2012 އިން 2014 އަށް މަސައްކަތްކުރި އޮސްކާ ދެން ފެނުނީ 2015 އާއި 2016 ގައި، މުމްބައި ސިޓީގައި ނިކޮލަސް އަނެލްކާގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ. އޭގެ ފަހުން، އެއް ސީޒަނުގައި މަޔޯކާގެ އެސިސްޓަންޓް ކޯޗަކަށް ހުރުމަށް ފަހު، އެނބުރި އައިސް 2017 ވަނަ އަހަރު ކުރީކޮޅުގައި މުމްބައި އަށް ކޯޗުކޮށްދިނެވެ. އަދި، އެ އަހަރު މެދުތެރެއިން ރާއްޖޭގެ ނިއު ރޭޑިއަންޓާ ހަވާލުވި އެވެ. އަދި، ނިއުގައި ދެ އަހަރު ހޭދަކުރުމަށް ފަހު، 2019 ވަނަ އަހަރު ސެޕްޓެމްބަރުގައި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއާ ހަވާލުވި އެވެ. އަދި، އެ ޓީމު ދޫކޮށްލައި، އީސްޓް ބެންގޯލާ ހަވާލުވީ 2024 ގަ އެވެ. އޮސްކާ، ވަނީ ބަޝުންދަރާގެ ކޯޗަކަށް މަސައްކަތްކުރިއިރު، 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް ގައުމީ ޓީމުގެ ކޯޗުކަން ވެސް ކޮށްފަ އެވެ. 
ދެކުނު އޭޝިއާގެ ތިން ގައުމެއްގައި ކާމިޔާބު ހޯދި ގޮތާ ބެހޭގޮތުން، އޮސްކާ ވަނީ އޭނާ ދެކޭގޮތް، އިންޑިއަން ސުޕަ ލީގުގެ މީޑިއާ އަށް އިންޓަވިއުއެއް ދީފަ އެވެ. 
"މިއީ އަހަރެންގެ ކެރިއަރުގެ އެންމެ މަތީ ލެވަލް. އެކަން ފޮރުވޭކަށެއް ނެތް. މިދިޔަ 15 ވަރަކަށް އަހަރަކީ ވަރަށް މުއްސަނދި ކެރިއަރެއް ވަރަށް ކެރިގެން އަހަރެން ކުރިއަށްގެންދިޔައީ. އާއިލާއާ ދުރުގައި ތަފާތު އެކި ގައުމުތަކުގައި، އެކި ސަގާފަތްތަކުގެ ތެރޭގައި މަސައްކަތްކުރީ ތަފާތު ލީގުތަކުގައި،" އޮސްކާ ކިޔައިދިނެވެ. 
"އަހަންނަށް ރާއްޖޭގައި (ނިއު ރޭޑިއަންޓްގައި ހުރެ) ލީގު ހޯދުނީ ވަރުގަދަ ޓީމެއްގެ ގޮތުގައި މާޒިޔާ އޮއްވައި. ބަންގްލަދޭޝްގައި އަހަރެން (ބަޝުންދަރާއާ އެކު) ލީގު ހޯދިިއިރު ވަރުގަދަ ޓީމަކީ އަބަހާނީ. މިހާރު އަހަރެން ހުވަފެން މި ހާސިލްކުރީ އީސްޓް ބެންގޯލްގައި ހުރެ ވަރުގަދަ ޓީމެއްގެ ގޮތުގައި މޯހަން ބަގާން އޮއްވައި." 
"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ