ކަނޑައެޅިފައިވާ އިޖުރާއަތުތަކާއި ހަމަތަކުގެ މަތިން މަޖިލީހުން އިސްލާހެއް ގެނައުމުން ސުޕްރީމް ކޯޓަށް އެކަމާއި ގުޅިގެން މައްސަލައެއް ނުބެލޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު މުހައްމަދު ޝަމީޒް ވިދާޅުވެއްޖެއެވެ.
ގާނުނު އަސާސީއަށް ގެނައި އިސްލާހާއި ގުޅޭގޮތުން ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ޝަމީޒް ވިދާޅުވީ، އެ އިސްލާހުގެ ސަބަބުން މެމްބަރުންގެ މިނިވަންކަމަށް ހުރަސް އެޅިގެންދާކަމަށް ގަބޫލު ނުކުރައްވާކަމަށެވެ.
މެމްބަރު ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނެއް ވުޖޫދުވެގެން އަންނަންޖެހޭކަމަށާއި އެ ނޫން ހާލަތުގައި އެއް ޕާޓީ މެދުވެރިކޮށް އިންތިހާބުވެގެން އައުމަށްފަހު އެހެން ޕާޓީއަކުން ހަދިޔާއެއް ހުށައެޅުމުން އެ ޕާޓީއަކާއި ގުޅިގެން ދިއުމުގެ މައްސަލަ ފެންމަތިވެގެންދިއުމުގެ ފުރުސަތު އޮންނަކަން ފާހަގަކުރެއްވިއެވެ.
އެހެންކަމުން އެފަދަ ގާނޫނެއް އޮތުމުން އެ މައްސަލަ ނިމިގެންދިއުމުގެ ފުރުސަތު އޮންނަކަމަށް އަލިއެޅުއްވިއެވެ. އަދި އެ ގާނޫނަށް ތާއީދުކުރައްވާކަމަށާއި ވޯޓު ދެއްވާފައިވަނީ ރުހުމުގައިކަމަށް ވިދާޅުވި އެވެ. މެމްބަރު ވިދާޅުވީ، އެކަމަށް ތާއީދުކުރެއްވީ ސަރުކާރުން ނުވަތަ ރައީސް ޑރ މުހައްމަދު މުއިއްޒު އެކަމަށް މަޖުބޫރުކުރުވައިގެން ނޫންކަމަށާއި ޕާޓީއެއް މެދުވެރިކޮށް ހޮވިއްޖެ ހާލަތުގައި އިންތިހާބުވެގެން އައި ގޮތެއްގެ މަތީގައި އެ ފަސް އަހަރު ދެމި ހުންނަންޖެހޭކަމަކީ ގަބޫލުކުރައްވާ އުސޫލުކަމަށެވެ.
ޝަމީޒް ވިދާޅުވީ، މީގެ ތިން ސަރުކާރު ކުރިންވެސް އެ ގާނޫނު ވުޖޫދަށް ގެނައުމަށް މަސައްކަތްތައް ކުރެވިފައިވާކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ދައުރުގައިވެސް ކޮންމެވެސް ވަރަކަށް އެ މަސައްކަތްތައް ކުރެވި މެމްބަރުންތަކެއްގެ މައްސަލަ ފެންމަތިވެގެން އައިކަމަށެވެ.
މެމްބަރު ވިދާޅުވީ ދެން އައީ އެމްޑީޕީގެ ސަރުކާރުކަމަށާއި އެންޓި ޑިފެކްޝަން ގާނޫނު ފާސްކޮށްފައި ވަނީ އެ ސަރުކާރުންކަމަށް ފާހަގަކުރެއްވިއެވެ.
ޝަމީޒް ވިދާޅުވީ، އެ ޕާޓީން މި ގާނޫނު ވުޖޫދު ނުކުރިނަމަ ގާނޫނުއަސާސީގެ ތެރޭގައި ހިމަނަން ނުޖެހުނީސްކަމަށާއި ފާސްކުރާނީ ގާނޫނެއް ކަމަށެވެ. އެހެންކަމުން މިއީ އެ ޕާޓީން ކެނޑި ކަނޑުލެއްގެ ހިތިކަމަށް ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ، އެންޓި ޑިފެކްޝަން ގާނޫނު ވުޖޫދަށް ގެނައުމަކީ ގޯސް ނިންމުމެއް ނޫންކަމަށާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއް ސުޕްރީމް ކޯޓަށް ނުހުއްޓުވޭނެކަން ވެސް މި ފުރުސަތުގައި ފާހަގަކުރައްވާކަމަށެވެ. ޝަމީޒް ވިދާޅުވީ، ސުޕްރީމް ކޯޓަށް އެ މައްސަލައެއް ނުބެލޭނެކަމަށާއި ސުޕްރީމް ކޯޓަށް ބެލޭނީ ކަނޑައެޅިފައިވާ އިޖުރާއަތުތަކާއި ހިލާފަށް ކަމެއް ނިންމައި ހާލަތުގައި އެ މައްސަލައެއްކަމަށެވެ.
ޝަމީޒް ވިދާޅުވީ، އެންޓި ޑިފެކްޝަން އިސްލާހު ގެނެސްފައިވަނީ އޮންނަ ހުރިހާ އިޖުރާއަތުތަކެއް ފުރިހަމަކޮށްގެންކަމަށެވެ. މެމްބަރު ވިދާޅުވީ، އެކަން ކޮށްފައިވަނީ އޮންނަންޖެހޭ އުސޫލުތަކާއި ހަމަތަކުގެ މަތިންކަމަށާއި އެންޓި ޑިފެކްޝަން ގާނޫނުގެ މައްސަލަ ބަލައިގަތުމަށް އެ ކޯޓުން ނިންމާފައިވަނީ ނުބައި ތަސައްވަރަކާއި ނިޔަތެއްގެ މަތިން ކަމަށް ދެކިވަޑައިގަންނަވާކަމަށް ފާހަގަކުރެއްވިއެވެ.
އިޖުރާއަތުތަކާއި އެއްގޮތަށް ގެންނަ އިސްލާހެއްގެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ: ޝަމީޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ