ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީ އުފައްދަން އެތައް އަހަރެއް ވަކާލާތު ކުރެއްވުމަށްފަހު އުފެއްދި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ދޫކުރައްވައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެންނެވީ ޖުލައި، 2023، ގަ އެވެ.
ޕާޓީ އިން ވަކިވެވަޑައިގަތީ، ރިޔާސީ ޕްރައިމަރީއަށްފަހު އެއިރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު ޖެހިފައި އޮތް މައްސަަލަ އިތުރަށް ގޯސްވުމުންނެވެ.
ނަޝީދުގެ ވަކިވެވަޑައިގަތުމަށްފަހު އެމްޑީޕީއަށް ވިދިވިދިގެން ބޮޑު ދެ ބައްޔާ ކުރިމަތިލާން ޖެހުނެވެ. އެންމެ ފުރަތަމަ ރިޔާސީ އިންތިހާބެވެ. ރިޔާސީ އިންތިހާބަށްފަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އެމްޑީޕީއަށް ކުރިމަތިލާންޖެހުނީ ބޮޑު ބައްޔަކާ އެވެ.
ރިޔާސީ އިންތިހާބަށްފަހު ސިޔާސީ މައިދާނާ ދުރަށް ނަޝީދު ޖެހިވަޑައިގަތެވެ. އަދި ވަޒީފާ އާއި ދިރިއުޅުން ވެސް އެފްރިކާގެ ގާނާއަށް ބަދަލު ކުރެއްވި އެވެ.
ނަޝީދު އެފްރިކާގައި ހުންނެވިއިރު، އެމަނިކުފާނުގެ ސަބަބުން އެމްޑީޕީއަށް ގެއްލުމެއް ލިބިނުތޯ އާއި އެމްޑީޕީގެ ބައްޔަށް ނަޝީދު ޒިންމާވެވަޑައިގަންޖެހޭތޯ އާއި އެހެން ނަމަ ކިހާވަރަކަށްތޯ އައީ ބަހުސް ކުރެވެމުންނެވެ.
ގިނަ ޕާޓީ އެކުލެވޭ ފުރަތަމަ ރިޔާސީ އިންތިހާބު 2008 ގައި ކާމިޔާބު ކުރެއްވި ރައީސް އަލުން ޕާޓީއަށް ގަބޫލު ކުރާނީތޯ ނުވަތަ ނޫންތޯ ވެސް އައީ ބަހުސް ކުރެވެމުންނެވެ.
އެ ވާހަކަތަކުގެ ތެރެއިން ނަޝީދުގެ އަތުގައި ހިފީ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެވެ. ނަޝީދުއާ ބައްދަލު ކުރައްވަން ފައްޔާޒް އެފްރިކާއަށް ވެސް ވަޑައިގެންނެވި އެވެ. އެއަށްފަހު، ނަޝީދަށް އެމްޑީޕީ އިން މަރުހަބާ ކިޔަން ވާންޖެހޭ ތައްޔާރީތައް ބާރަށް ފެށުނެވެ.
ޖޫން 23، 2025، ގައި ވެރި ރަށް މާލޭގެ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާއެއްގައި ނަޝީދު އަލުން އެނބުރި އެމްޑީޕީއާ ގުޅިވަޑައިގަތެވެ. ޕާޓީއާ ގުޅިވަޑައިގަތުމަށްފަހު އެމްޑީޕީގެ މެންބަރުންނަށް އަދި ޖުމްލަކޮށް އެންމެހާ ދިވެހިންނަށް ނަޝީދު ދެއްވީ އުއްމީދީ މެސެޖެކެވެ.
"ރާއްޖޭގެ ރައްޔިތުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް އެ އިތުބާރު ފުރިހަމަ ގޮތުގައި ރައްދުކޮށްދޭނެ. ސިޔާސީ މަސައްކަތަކީ މާތް މަސައްކަތެއް. ސިޔާސީ ވެރިއަކަށް ސިޔާސީ މަސައްކަތުގައި އަޅުގަނޑުމެން މި އުޅެނީ ހަމައެކަނި އެންމެ ބޭނުމަކަށް، ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ކަމެއް ކޮށްދެވޭތޯ އަޅުގަނޑުމެން ބެލުމަށް. ރާއްޖޭގެ ރައްޔިތުންގެ އާންމު ހާލަތު ބަދަލުކޮށްދެވޭތޯ އަޅުގަނޑުމެން ބެލުމަށް،" ނަޝީދު އެ ދުވަހު ވިދާޅުވި އެވެ.
އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމުން ހިތު ތެރޭގައި އުފެދުނު ޝުއޫރުތައް ވެސް އެ ރޭ ނަޝީދު ހިއްސާ ކުރެއްވި އެވެ.
"އަޅުގަނޑު ޕާޓީއާ ދުރުގައި ދެ އަހަރެއްވަރުވެއްޖެ. އެހެންނަމަވެސް މިރޭ، މިތަނަށް އައިސް ހުންނަ އިރު، އިންތިހާއަށް އަޅުގަނޑު އުފާވޭ. އަލުން އަނބުރާ ރަށަށް އާދެވުމުން، ގެއަށް އާދެވުމުން އެނގިވަޑައިގަންނަވާނެ، އަޅުގަނޑު ދިރިއުޅެނީ އެފްރިކާގައި. އަލުން އަނބުރާ ގެއަށް އާދެވުމުން އެ ވާ އުފާ، އެ ލިބޭ ހިތްހަމަޖެހުން އެ އަންނަ ހިނި، އަޅުގަނޑަށް އަޅުގަނޑު ހިތުން ދުވަހަކު ވެސް ހިތުން ފިލައެއްނުދާނެ، ތިބޭފުޅުންނަށް ވަރަށް ވަރަށް ބޮަޑަށް ޝުކުރިއްޔާ،" އެމަނިކުފާނު ވިދާޅުވި އެވެ.
އެއަށްފަހު ޕާޓީގެ ސިޔާސީ ކަންކަމުގައި ނަޝީދު ވެސް އަލުން މަސައްކަތް ކުރައްވަން ފެށްޓެވި އެވެ. އަދި ދިރިއުޅުން ވެސް ރާއްޖެއަށް ބަދަލު ކުރައްވާ، ޕާޓީ އާއި ގައުމުގެ މުހިންމު މަސައްކަތްތަކުގައި މަސްއޫލުވެ އުޅުއްވަން ފެށްޓެވި އެވެ.
ދެން ފެނުނީ ޕާޓީގެ އެކި ފެކްޝަންތަކުގެ ތެރޭގައި އޮތް މައްސަލަތައް ރައްޔިތުންނާ ހަމައަށް ތިލަވި މަންޒަރެވެ. އެ ހާދިސާ ހިނގީ މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް ލިބުނު ބޮޑު ބައްޔާއެކު އެވެ.
މައްސަލަ ޖެހުނީ ކާމިޔާބީ ފާހަގަ ކުރަން ބާއްވަން އުޅުނު ޖަލްސާގައި ނަޝީދަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ނުދިނުމުންނެވެ. އެއާއެކު ޕާޓީގެ ފެކްޝަންތަކުގެ މެދުގައި ކޯލިޝަނެއް ހެދުނެވެ. ގުޅުނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މެންބަރު އަހުމަދު ޝަމްހީދުގެ ކޯލިޝަނެވެ.
ދެން އޭޕްރީލް 19، ގައި ފެނުނީ "ބޮޑު ބަދަލު" ގެ ނަމުގައި ނަޝީދާއި ފައްޔާޒް ހުށަހެޅުއްވި ކަރުދާހެވެ. ބޮޑު ބަދަލުގެ މުހިންމު އެއް ބަޔަކީ ދައުލަތުގެ ވެރިޔަކާއި ސަރުކާރުގެ ވެރިޔަކު ނެގުމެވެ. އެ ބަދަލު އިއުލާނު ކުރެއްވި ދުވަހު، ރިޔާސީ ޕްރައިމަރީގައި ވާދަ ނުކުރައްވައި އެ އިންތިހާބުގައި ފައްޔާޒް އިސްމާއިލްއަށް ތާއީދު ކުރައްވަން ނަޝީދު ނިންމެވި އެވެ.
މިއަދު ބޭއްވި ޗެއާޕާސަންގެ އިންތިހާބުގައި ވެސް ނަޝީދު ވިއްކެވީ "ބޮޑު ބަދަލު" އެވެ. އެހެންކަމުން މިއީ ނަޝީދާއި ފައްޔާޒްގެ މެނިފެސްޓޯއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ބުނެވިދާނެ އެވެ.
އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިން ނަޝީދުގެ ފަރާތުން ފެނުނީ އާދަޔާ ހިލާފު ބުންވަރެކެވެ. ގާތްގަނޑަކަށް 84 ރަށަށް ވަޑައިގެން 1500 އެއްހާ ގޭބީސީތަކަށް ޒިޔާރަތް ކުރެއްވި އެވެ. އަދި އަވައްޓެރި ލަންކާގައި ވެސް ނަޝީދު ކެމްޕެއިން ކުރެއްވި އެވެ.
ކެމްޕެއިނުގެ ތެރެއިން، ސަރުކާރުން ނޫސްވެރިކަމަށް ހަމަލާތަކެއް ދޭން ފެށުމުން، އެކަމާ ދެކޮޅަށް ބޭއްވި ބައެއް މުޒާހަރާތަކުގައި ވެސް ނަޝީދު ބައިވެރިވެވަޑައިގަތެވެ. އަދި ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދިފާއުކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ހެއްދެވި ކޯލިޝަނުގައި ވެސް ނަޝީދު ބައިވެރިވެވަޑައިގަތެވެ.
~~
މި އިންތިހާބު ބޭއްވުމުގެ ކުރިން ވެސް، އިންތިހާބުން މޮޅުވާނީ ނަޝީދު ކަމަށް އޮތީ ބެލެވިފަ އެވެ. ވޯޓު ގުނަން ފަށައި ގަޑިއިރެއް ނުވަނީސް އެކަން ޔަގީންވެއްޖެ އެވެ. ގިނަ ފޮށިތަކުން ނަޝީދު ހޯއްދަވާފައި ވަނީ ވަރަށް ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މިހާތަނަށް ގުނި ވޯޓުގެ ނަތީޖާތައް ދައްކާ ގޮތުން މި އިންތިހާބުގައި ނަޝީދު 70 ޕަސެންޓާ ގާތް ކުރާ އަދަދެއްގެ ވޯޓު ހޯއްދަވާނެ އެވެ. މިއީ، އެމްޑީޕީ އިން ވަކިވެވަޑައިގަތުމުން ދަށްވި މަގުބޫލުކަން އަނބުރާ ނަޝީދަށް ލިބިވަޑައިގެންފިކަމުގެ ވަރުގަދަ ހެއްކެކެވެ.
ދެން އޮތީ ރައީސް ޔާމީން ވިދާޅުވި ގޮތަށް އެމްޑީޕީ އަލުން ހަރުދަނާ ކުރުމުގެ މަސައްކަތް ކުރުމެވެ. ޔާމީން ވިދާޅުވި ގޮތަށް އެމްޑީޕީއަކީ "ބައިބޯ، އިލްމީ މީހުންތަކެއް ތިބި ޕާޓީ" އެކެވެ. ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި އޮވެ، ސަރުކާރު ޒިންމާދާރު ކުރުމުގެ މަސައްކަރް ބާރަށް ފަށަންވީ އެވެ.
ބޮޑު ބަދަލުގެ ފޮނި ތަސްވީރާއެކު ނަޝީދު އެނބުރި އެމްޑީޕީގެ ހުންގާނަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ