ކޮންމެ އަހަރެއްގެވެސް ޢަޟްޙާ ޢީދަކީ އަތޮޅު ތެރޭގެ ރަށްތަކަށް ގިނަ ބަޔަކު ޢީދު ފާހަގަކުރުމަށް ދާ ދުވަސްވަރެކެވެ. ރަށްރަށުގެ ޢިޖްތިމާޢީ ގުޅުން އެންމެ ރަނގަޅަށް ދައްކުވައިދެނީވެސް މި ދުވަސްވަރުއެވެ. މިފަހަރުގެ ޢީދުގެ ހަރަކާތްތައްވެސް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިހެން ކޮންމެވެސް ސިފައެއްގައި ކުރިއަށްގެންދާއިރު، ބައެއް ރަށްރަށުގައި ދުރާލާ ތައްޔާރުވެގެން ވަރަށް ކުލަގަދަކޮށް ފާހަގަކުރެއެވެ.
ރާއްޖޭގެ އެކި ރަށްތަކުގައި އަޟްޙާ ޢީދު ފާހަގުރަން މިފަހަރުވެސް ގިނަ ހަރަކާތްތަކެއް ރޭވިފައިވެއެވެ. އެންމެ އުތުރުން ފެށިގެން ދެކުނަށް މިފަހަރުވެސް ޢީދުގެ ހަރަކާތްތައް ރާވާފައިވަނީ އެކި ދުވަސްތަކަށް ބަހާލައިގެންނެވެ. ޢީދުގެ ހަރަކާތްތަށް އެކި ރަށްރަށުގައި ފަށަނީ އެކި ގޮތްތަކަށެވެ. އާންމުކޮށް ގިނަ ރަށްރަށުގައި ކުރިއަށްގެންދާ މައިގަނޑު ހަރަކާތްތަކުގެ ތެރޭގައި ސަޤާފީ އެކި ކުޅިވަރުތަކުގެ އިތުރުން ޒަމާނީ އެކި ހަރަކާތްތައް ހިމެނެއެވެ. ނަމަވެސް ދިވެހިން ސަޤާފަތުގެ ކުލަތައް ޢީދުގެ ހަރަކާތްތަކުން ގެއްލިގެން ނުދެއެވެ. ޒަމާނަށް އަންނަ ބަދަލާއެކު އިތުރުވަނީ ކުރިއަށް ގެންދާ ހަރަކާތްތަކެވެ.
ތާޜީޚަށް ބަލާއިރު އިހުގައި ރާއްޖޭގެ އެކި ރަށްރަށުގައި ޢީދު ފާހަގަކުރާއިރު ވަރަށް ދުރާލާ އެކަމަށް ތައްޔާރުވާން ފަށައެވެ. ޢަޟްޙާ ޢީދަށް އެކަނި ބަލާނަމަ އެ ހަރަކާތްތައް ޙައްޖު ދުވަހުގެ އިރު އޮއްސުމާއެކުހެން ފެށިގެން ދެއެވެ. ޢީދު ހަރަކާތްތައް ފެށުނުކަން ޢީއުލާން ކުރަނީ ޢީދު މަޅިއާއެކު އެވެ. މިހާރުވެސް މި ސަޤާފާތް ދެމިގެއް އައިސް އެބައޮތެވެ. އިހު
ޢީދު ދުވަހުގެ ހަރަކާތްތައް ފެށިގެން އައިސް ދެން ތައްޔާރުވަނީ ޢީދު ނަމާދަށާއި ޢީދު ސަޔަށެވެ. ރަށުގެ ބޮޑު މައިދާނަކަށް މީހުން ޖަމާވެ ޢީދު ނަމާދު ކުރުމަށްފަހު ބައެއް ރަށްރަށުގައި އަވަށްތަކުން ޢީދު ސައި ތައްޔާރުކުރެއެވެ.
ޢީދުގެ ހަރަކާތްތަކުގެ ތެރެއިން ރަށްރަށުގައި އެންމެ ބޮޑަށް ފެންނަނީ ސަޤާފީ ހަރަކާތްތަކާއި ކުޅިވަރުތަކެވެ. މީގެ ތެރޭގައި ކޯޑި ކެނޑުމާއި، ބޮޑުބެރުގެ ހަރަކާތްތަކާއި، މާލި ނެށުމުގެ އިތުރުން ދަނޑިޖެހުމާއި ބަނޑިޔާ ޖެހުން ފަދަ ދިވެހި ސަޤާފަތުގެ ރަން ކުލަތައް ފެންނަ ހަރަކާތްތައް ހިމެނެއެވެ. ޒަމާނަށް ބަދަލު އައިނަމަވެސް މި ހަރަކާތްތަކުން ސަޤާފަތް ދެމެހެއްޓުމަކީ އަޅުގަނޑުމެން އަމިއްލަވަންތަކަށް ދަމަހައްޓަން ކޮންމެހެންވެސް ކުރަންޖެހޭ މުހިންމު ކަމެކެވެ.
އިހުގައި ސަޤާފީ ކުޅިވަރުތަކުގެ ތެރެއިން ޢީދުގެ ފޯރި ފެނިގެންދިޔަ ނަމަވެސް، މިފަހަކަށް އައިސް އެހެން ޤައުމުތަކާއި ސަޤާފަތްތަކުގެ ތެރެއިން ޢީދުގެ ހަރަކާތްތަކުގެ ތެރެއަށް ބައެއް ނޫފުޒު ވަނީ ވަދެފައެވެ. މިކަމުގެ ސަބަބުން ދީނުގެ މާތް ދުވަހެއް ފާހަކުރާއިރު ދީނީ ސަޤާފާތްތަކާއި ދުރު ކަންކަމަށް ފުރުސަތު ދެވިފައިވެއެވެ. އެހެނަަސް އަޅުގަނޑުމެން ދިވެހިންނަކީ، އަބަދުވެސް ކަންކަމުގައި ދަސްކުރާ އިސްލާހު ކުރާ ބައެކެވެ.
ދީނީ ޢިލްމުވެރިންގެ އެކި ލަފާތަކައެކު ޢީދު ފާހަގަކުރުމުގައި އެހެން ސަޤާފަތްތަކުން ވަދެފައި ހުރި ނުފޫޒުތަކާއި ދުރުވެ އިސްލާމީ ޝިޢާރުތަކަށް ރަށްރަށުގައި އިސްކަން ދޭތަން މިހާރު ދަނީ ފެންނަމުންނެވެ. ތަކުބީރު ޕެރޭޑާއި، މަދަހަކިއުމާއި ދީނީ ވާދަވެރި މުބާރާތްތަކުން ޢީދުގެ ފޯރި އިތުރަށް ގަދަކޮށްލައެވެ. ކައުންސިލްތަކުން ޢީދުގެ ހަރަކާތްތައް އިއުލާންކުރާއިރުވެސް އާންމު އިޖްތިމާޢީ މިންގަނޑާއި ދީނާ ޚިލާފު ހަރަކާތްތަކުން ދުރުވެ އީދު ފާހަގަކުރުމަށް އިސްކަން ދޭތަން މިހާރު ފެންނަމުންދެއެވެ. މި ހެޔޮ ބަދަލު ފެންނަކަން ދީނީ ޢިލްމުވެރިންވެސް މިހާރު ފާހަގަކުރެއެވެ.
ސަޤާފީ ކުޅިވަރުތަކުގެ އިތުރުން ޒަމާނީ ބަދަލުތަކާއެކު މިހާރު ރަށްރަށުގެ ކުޑަކުދިން ހަވީރުތަކާއި އިތުރުން ސްޓޭޖް އެކި ހަރަކާތްތައް ކުރިއަށް ގެންދެއެވެ. އަދި ވާދަވެރި ކުޅިވަރު ހަރަކާތްތަކާއި ޖާފަތްތަކުން މުޅި ރަށަށް އުފާވެރި މާހައުލެއް ގެނެސްދެއެވެ. މިއިން ކޮންމެ ހަރަކާތެއް ކުރިއަށްގެންދާއިރު، ދެ ޖިންސު މަސްހުނިނުވެ ހަރަކާތްތައް ކުރިއަށް ގެންދަން އިސްކަން ދޭކަން ފާހަގަކޮށްލެވެއެވެ.
މިފަހަރުވެސް ރާއްޖޭގެ އުތުރުން ދެކުނަށް ހުރިހާ ރަށަކުން، ހަރަކާތްތައް އިންތިމާޒުކޮށް ކުރިއަށްގެންދާއިރު ރަށްތަށް މިކަަމަށް ޒީނަތްތެރިކޮށް ރަށު ކައުންސިލްތަކާޢި ޖަމީއްޔާ ޖަމާޢަތްތަކާއި މުޢައްސަސާތަކާއިއެކު މުޅި ރަށުގެ ރައްޔިތުން ޝާމިލްވާހެން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އާންމުކޮށް ހަލަބޮލި މާލެ މަގުމަތި ޢީދަށް ހަމަހިމޭންވެފައި ވާއިރު މިކަމުން އެނގިގެންދާނީ ރަށްރަށުގައި ޢީދަށް އޮތް ފޯރިއެވެ.
"ޢީދުގެ ހަރާކާތްތަކުގައި، އިސްލާމީ އުޞޫލުތަކަށް އިސްކަންދޭ މިންވަރު އިތުރު"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ