މީޑިއާ ބިލުގެ މަސައްކަތްތައް ފެށީ ރަށްތަކަށް އަރާ ދޮގުތައް ފަޅާއަރަން ފެށުމުން: މެމްބަރު ދީދީ

މީޑިއާ ރެގިއުލޭޝަން މަސައްކަތްތައް ފެށިގެން އައީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށްތަކަށް ވަޑައިގެން ހައްދަވަމުންދާ ވާހަކަތަކުގެ ތެދު ދޮގު ރައްޔިތުންނަށް ފަޅާއަރަން ފެށުމުން ކަމަށް، މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީސް ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މެމްބަރު ދީދީ ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވާފައިވާ މީޑިއާ ރެގިއުލޭޝަން ބިލަކީ ހަގީގަތުގައި ދިވެހި ރައްޔިތުންގެ އަނގަތަކުގައި ތަޅު އަޅުވާ ބިލެއް ކަމަށެވެ. އަދި މި ބިލުގެ ދަށުން ގާނޫނީ ފިޔަވަޅު އެޅޭނީ ހަމައެކަނި ނޫސްވެރިންނަށް ކަމަށް ބުނަމުންދާ ނަމަވެސް، ބިލުގެ މާއްދާތައް ރަނގަޅަށް ކިޔާލުމުން ހުރިހާ ރައްޔިތުންގެ އަނގައިގައިވެސް މަލަން އެޅިގެންދާކަން ފެނިގެންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މެމްބަރު ދީދީ ވިދާޅުވީ، ޒުވާނުންނަށް ބިޑި އަނބުރަން ޖެއްސުމަށްފަހު މިހާރު ނޫސްވެރިން އަތުގައި ބިޑި އަޅުވައިފި ކަމަށެވެ. އަދި އެކަން ކުރި ސަބަބަކީ، ރައީސް ޑރ. މުއިއްޒު ރަށްތަކަށް ވަޑައިގެން ހައްދަވާ އިތުރުފުޅުތަކެއް ރައްޔިތުން ގަބޫލުނުކޮށް ފާޑުކިޔަން ފަށާފައިވުން ކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތުން ދާދި ފަހުން އުތުރުގެ ރަށްތަކަށް ރައީސް ކުރެއްވި ދަތުރުފުޅުގައި، ރަށްތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ބޮޑެތި އިތުރުފުޅުތަކެއް ހެއްދެވުމުން، ކައުންސިލަރުންވަނީ ޕޯޑިއަމްތަކުގައި އެކަމަށް ޖަވާބުދެއްވައި އެ ވާހަކަތަކުގެ ހަގީގަތް ހާމަކުރައްވާފައެވެ. އެހެންކަމުން އެ މަންޒަރުތައް ރައްޔިތުންނަށް ފެންނަން ފެށުމުން ސަރުކާރުން ކަންބޮޑުވެފައިވާ ކަމަށް ދީދީ ވިދާޅުވިއެވެ.
މީޑިއާ ރެގިއުލޭޝަން މަސައްކަތްތައް ކުއްލި ގޮތަކަށް ފެށިގެން ދިޔަ އަނެއް ސަބަބެއްގެ ގޮތުގައި މެމްބަރު ދީދީ ފާހަގަކުރެއްވީ، ބ. އަތޮޅުގެ ރަށަކަށް ރައީސް ވަޑައިގަތުމަށްފަހު، އެރަށް ހިއްކަން ފެށީ ރައްޔިތުން ބުނެގެން ކަމަށް ވިދާޅުވުމެވެ. ނަމަވެސް ރައްޔިތުންގެ ތެރޭގައި ޝަކުވާތަކުގެ އަޑުތައް ގަދަވުމުން، އެތަނުގައި ބަޔޮސްފިއާ ރިޒާވެއް އޮތްކަންވެސް ނޭނގޭ ކަމަށް ރައީސް ހެއްދެވި ކަމަށް ދީދީ ވިދާޅުވިއެވެ. އަދި އެއަށްފަހު ރައްޔިތުން އެތަން ހިއްކަން ނޭދޭ ކަމަށް ވިދާޅުވެ އިތުރުފުޅެއް ހެއްދެވި ކަމަށާއި، ނަމަވެސް ސޯޝަލް މީޑިއާގައި އާންމުކުރުމުން، ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިބި ކައުންސިލަރުންވަނީ ރައީސް ހެއްދެވީ އިތުރުފުޅެއްކަން ހާމަކޮށް ބަޔާނެއް އާންމުކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ. އެހިސާބުން ރައީސް ހެއްދެވި އިތުރުފުޅުތައް ރައްޔިތުންނަށް ފަޅާ އަރާފައިވާކަން ފަހުމުވެވަޑައިގަތުމުން، އެ ވާހަކަތައް ދެއްކޭނެ މަގު ބަންދުކުރުމަށް ނިންމެވީ ކަމަށް ދީދީ ވިދާޅުވިއެވެ.
މެމްބަރު ދީދީ އިތުރަށް ވިދާޅުވީ، ރައީސް ރަށްތަކަށް ވަޑައިގަންނަވާއިރު ކުޑަކުދިން ހިއްސާކުރާ ނޯޓުތަކަށް ރިއާޔަތްކޮށް ފިޔަވަޅުތައް އަޅުއްވަން ނިންމަވާއިރު، މީޑިއާ ބިލެއް ހުށަހެޅުމުން ވަރަށް ގިނަ އަދަދެއްގެ ފަރާތްތަކުންވަނީ ”އައްޗި މެމްބަރަކު“ ހުށަހެޅުއްވި ”އައްޗި“ ބިލެއް އޮތްކަން ފާހަގަކޮށް، ބިލު ބޭރުކޮށްލުމަށް ރައީސްގެ އަރިހުގައި އެދިފައި ކަމަށެވެ. ނަމަވެސް ޕީއެންސީއަށް ނިސްބަތްވާ މެމްބަރުންވަނީ އެ ބިލަކީ ސަރުކާރުން މަޖިލީހަށް ފޮނުވި ބިލެއްގެ ގޮތުގައި ސިފަކޮށްފައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ގާނޫނަކަށް ނުހެއްދެވުމަށް ގޮވާލެއްވީ، އެ ބިލުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީގެ އަސާސްތަކަށް އެކަމުގެ ސަބަބުން އަސަރުކުރާތީ ކަމަށްވެސް މެމްބަރު ދީދީ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ