އައިކޮމްގެ ވާޖިބަށް ހުރަސްއަޅާ ކަމަށް ބުނެ ރައީސް އޮފީސް ޖޫރިމަނާކޮށްފި
ރައީސް އޮފީހުން ހޯދަން އެދޭ މައުލޫމާތުތައް ފޯރުކޮށްދޭން ދިން މުއްދަތުތަކުގައި ޖަވާބު ފޯރުކޮށް ނުދިން މައްސަލައިގައި އިންފޮމޭޝަން ކޮމިޝަނުން ރައީސް އޮފީސް މިއަދު ޖޫރިމަނާކޮށްފި އެވެ. އިންފޮމޭޝަން ކޮމިޝަނަރު އަހްމަދު އާހިދު ވިދާޅުވީ ރައީސް އޮފީސް ޖޫރިމަނާކުރަން ނިންމީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ އޮފީހުން ހޯދަން އެދޭ މައުލޫމާތުތައް ފޯރުކޮށްދޭން ދޭ މުއްދަތުތަކުގައި ޖަވާބު ފޯރުކޮށްނުދޭތީ ކަމަށެވެ. އިންފޮމޭޝަން ކޮމިޝަނަރު އާހިދު އިތުރަށް ވިދާޅުވީ މައުލޫމާތު ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގައި ޖަވާބު ނުދީ އަދި އޭގެ ފަހުން ކޮމިޝަނުން އެންގި މުއްދަތުގައި ވެސް ޖަވާބު ފޯރުކޮށްދީފައި ނުވުމަކީ އިންފޮމޭޝަން ކޮމިޝަނަރުގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅުން ކަމަށެވެ. އެ ފަސް މައްސަލާގައި ކޮމިޝަނުން ކަނޑައެޅި މުއްދަތުގައި ޖަވާބު ނުދީ، އެކަމަށް 45 ދުވަހަށް ވުރެ ދިގު މުއްދަތެއް ހޭދަކޮށްފި ނަމަ ރައީސް އޮފީހުގެ އިންފޮމޭޝަން އޮފިސަރުގެ މައްޗަށް ދައުވާ ކުރަން ފޮނުވާނެ ކަމުގެ އިންޒާރު ވެސް ކޮމިޝަނަރު މިއަދު ދެއްވި އެވެ. އިންފޮމޭޝަން ކޮމިޝަނަރު އާންމުކޮށް އަންގަވަނީ އަޑުއެހުން ބާއްވާތާ ފަސް ދުވަހުގެ ތެރޭގައި މައުލޫމާތު ފޯރުކޮށްދޭށެވެ. ކޮމިޝަނަރުގެ އެ ނިންމުން އިސްތިއުނާފު ކުރަން 45 ދުވަހުގެ މުއްދަތެއް އިދާރާތަކަށް ލިބެ އެވެ. މީގެ ކުރިން ވެސް އިންފޮމޭޝަން ކޮމިޝަނުގެ އޮފީހުން އެކި އިދާރާތައް ޖޫރިމަނާ ކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ