މާދަމާ ހެނދުނު ހެނދުނާ މާލެ، ހުޅުމާލެއިން ކަރަންޓު ކަނޑަނީ

ކަރަންޓުގެ މަސައްކަތެއް ކުރުމަށް ޓަކައި މާދަމާ ހެނދުނު ހެނދުނާ މާލެ، ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑައިލާނެ ކަމަށް ސްޓެލްކޯއިން މިއަދު ބުނެފިއެވެ. ސްޓެލްކޯއިން ބުނީ ކަރަންޓު ކަނޑައިލާނީ މާދަމާ ހެނދުނު 06:00 އިން 10:00 އަށް ކަމަށެވެ. ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑެނީ، ހުޅުމާލޭ 50 މެގަވޮޓް އިންޖީނު އެ ވަގުތަށް ނިއްވައިލާތީ ކަމަށް ސްޓެލްކޯއިން ބުންޏެވެ. ސްޓެލްކޯއިން ބުނީ، ހުޅުމާލޭގެ އިންޖީނު މާދަމާ ނިވާލަނީ މާލެ ސަރަހައްދުގައި ދޭ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއް ނެތި ކަރަންޓު ދިނުމަށް ޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކުރަން ކަމަށެވެ. މި މަސައްކަތް ކުރިއަށްދާ ވަގުތު، މާލެއާއި ހުޅުމާލޭގެ ބައެއް ސަރަޙައްދުތަކުން، ކޮންމެ ސަރަޙައްދަކުން ގާތްގަނޑަކަށް ގަޑިއިރަކަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށާއި، ކަރަންޓު ކެނޑުމުގެ ކުރިން ކަސްޓަމަރުންނަށް އެސްއެމްއެސް މެދުވެރިކޮށް ދުރާލާ އަންގާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ނަމަވެސް ޚިދުމަތް މެދުކެނޑޭ ސަރަހައްދުތަކުގައި ހުންނަ މުހިންމު ޚިދުމަތްދޭ ތަންތަން ކަމަށްވާ ހޮސްޕިޓަލްތައް ފަދަ ތަންތަނުގެ ކަރަންޓަށް އަސަރެއް ނުކުރާނެ ކަމަށް، ސްޓެލްކޯއިން ބުންޏެވެ. އެ ކުންފުނިން ބުނި ގޮތުގައި، އަމާޒަކީ އިންޖީނުގެ މަސައްކަތް ނިންމުމަށް ތާވަލުކޮށްފައިވާ ވަގުތުގެ ކުރިން ނިންމައި، ވީ އެންމެ އަވަހަކަށް އާންމު ހާލަތަކަށް ކަރަންޓުގެ ޚިދުމަތް ގެނައުމެވެ. މިއީ ކުރިއަށް އޮތް ތަނުގައި ކަރަންޓުގެ ޚިދުމަތް ދިނުމުގައި ދިމާވެދާނެ މައްސަލަތަކަށް ދުރާލާ ތައްޔާރުވެ މައްސަލަތައް ހުއްޓުވުމަށް ޓަކައި ކުރާ މަސައްކަތެއް ކަމަށް ވެސް، އެ ކުންފުނިން މައުލޫމާތު ދެއެވެ. ސްޓެލްކޯއިން މިހެން ބުނެފައިވަނީ މުޅި ގްރޭޓާ މާލެ ސަރަހައްދުން އެއްފަހަރާ ކަރަންޓު ކެނޑުމުގެ ދެ މައްސަލައެއް ފާއިތުވި ތިން މަސް ތެރޭގައި ހިނގައިފައިވަނިކޮށެވެ. އަދި އެފަދަ މައްސަލަތައް ތަކުރާރުނުވާނެކަން ކަށަވަރުކުރަން މިހާރު ވެސް ފިޔަވަޅު އަޅަމުން އަންނަ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މިދިޔަ ބުދަ ދުވަހު "ސަން"އަށް ވިދާޅުވެފައި ވަނިކޮށެވެ. ނަމަވެސް އެ ފިޔަވަޅުތަކުގެ ތަފްސީލެއް އޭނާ ނުދެއްވިއެވެ. ފާހަގަކުރެވޭ ގޮތުގައި މިދިޔަ ޖޫން މަހުގެ ފުރަތަމަ ދުވަހުގެ މެންދުރު މުޅި މާލެ ސަރަހައްދުން ކުއްލިއަކަށް ކަރަންޓު ކެނޑި، ޚިދުމަތް ނުލިބި ހަ ގަޑިއެއްހާއިރު އޮތެވެ. އެއަށްފަހު، މި މަހުގެ ނުވަވަނަ ދުވަހުގެ ހެނދުނު ވެސް މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑި، ޚިދުމަތް ލިބުނީ ދެ ގަޑިއިރާއި 30 މިނެޓްހާއިރު ފަހުންނެވެ. ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެނީ މާލޭގައި ކަމަށްވާއިރު، ކުއްލިކުއްލިއަށް ކަރަންޓު ކެނޑުމުން އާންމު ޚިދުމަތްތައް ދީ، ހޯދައި ލިބިގަތުމުގައި ބޮޑު ތަކުލީފެއް އުފުލަން ޖެހެއެވެ. އަދި ގިނަ ރައްޔިތުންތަކެއްގެ ގޭބިސީގައި ހިފައި ގެންގުޅޭ އިލެކްޓްރިކް ސާމާނަށް ގެއްލުންވުން ފަދަ މައްސަލަތައް ދިމާވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ