ފިލްމު 'ޖޮލީ އެލްއެލްބީ 3'ގައި ކިޔައިދޭނީ ހަގީގީ ހާދިސާއެއް: އަކްޝޭ ކުމާރު

ގާނޫނީ ވާހަކަތަކެއް ކިޔައިދޭ ފިލްމު "ޖޮލީ އެލްއެލްބީ"ގެ ތިން ވަނަ ފިލްމަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެއް ކަމަށް އެ ފިލްމުގެ މުހިއްމު ރޯލް ކުޅޭ އަކްޝޭ ކުމާރު ބުނެފިއެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާއަށް ދިން އިންޓަވިއުއެއްގައި އަކްޝޭ ބުނެފައި ވަނީ، މި ފްރެންޗައިސްގެ ފުރަތަމަ ދެ ފިލްމުގެ ވާހަކަ ވެސް ބިނާކޮށްފައި ވަނީ ހަގީގީ ހާދިސާތަކުގެ މައްޗަށް ކަމަށެވެ. އެހެންކަމުން ތިން ވަނަ ފިލްމަކީ ވެސް ހަގީގީ ދިރިއުޅުމުގައި ހިނގާފައިވާ ހާދިސާތަކެއް ގެނެސްދޭނެ ފިލްމެއް ކަމަށް އަކްޝޭ ވަނީ ބުނެފައެވެ. ނަމަވެސް ފިލްމުގެ ޕްލޮޓް ކިޔައިދެވެން ނެތް ކަމަށް އަކްޝޭ ވަނީ މި އިންޓަވިއުގައި ބުނެފައެވެ. ތިން ވަނަ ފިލްމުގެ ވަރަށް ބޮޑު ބައެއް ޝޫޓްކޮށް ނިންމާފައިވާއިރު އަކްޝޭއާ އެކު ފިލްމުގައި މުހިއްމު ރޯލް ކުޅޭ އަރުޝަދު ވާރުސީ ތިން ވަނަ ބައިން ވެސް ފެންނާނެ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. ފިލްމު "ޖޮލީ އެލްއެލްބީ 3"ގެ ލީޑް އެކްޓަރުން ކަމަށްވާ އަކްޝޭ ކުމާރު އަދި އަރުޝަދު ވާރްސީ--ފޮޓޯ/ޕިންކްވިލާ އަރުޝަދަކީ އެކީގައި މަސައްކަތްކުރަން ވަރަށް ފަސޭހަ އެކްޓަރެއް ކަމަށާއި އަދިވެސް އަރުޝަދާ އެކު އިތުރު ފިލްމުތަކުގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް އަކްޝޭ ވަނީ ބުނެފައެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 19ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ ބްލެކް ކޮމެޑީ ލީގަލް ޑްރާމާ "ޖޮލީ އެލްއެލްބީ 3"ގެ ޑައިރެކްޓަރަކީ ކުރީގެ ދެ ފިލްމު ވެސް ޑައިރެކްޓްކުރި ސުބާޝް ކަޕޫރެވެ. އަކްޝޭ އާއި އަރުޝަދުގެ އިތުރުން މި ފަހަރުގެ ބައިން ބަތަލާ އަމްރީތާ ރާއޯ އަދި ހުމާ ގުރައިޝީ ފެންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ