ފިލްމު ނުކުތްތާ 50 އަހަރު ވީ އެވެ. ނަމަވެސް ޝޯލޭގެ ނަން އިންޑިއާގެ ފިލްމީ ހަނދާންތަކުން ފޮހިވިގެންނެއް ނުދެ އެވެ. މިހާރު އެ ތައްޔާރުވީ އެ ފިލްމުގެ އަސްލު ނިމުން ހިމަނައިގެން އަލުން ނެރޭށެވެ.
ތާރީހުގެ ކުރު ސަފުހާއަކަށް ޖެހިލަމާ ހިނގާށެވެ. އަމީތާބު ބައްޗަން އާއި ދަރުމެންދުރައިގެ އިތުރުން، މިހާރު މަރުވެފައިވާ، އަމްޖަދު ހާން ހިމެނޭ އާދަޔާ ހިލާފު މި ފިލްމު ނެރުނީ އިންޑިއާގައި ކުއްލި ހާލަތު އިއުލާންކޮށް މީޑިއާގެ ހުރިހާ ދާއިރާއަކަށް ސެންސަރުކުރުމުގެ ސިޔާސަތު ވަރަށް ހަރުކަށިކޮށް ގެންގުޅުނު 1975ގަ އެވެ.
އޭރުގެ ބޮޑުވަޒީރު އިންދިރާ ގާންދީ 1971ގެ އިންތިހާބުގައި ހޮވުނީ ގާނޫނާހިލާފު އަމަލްތަކެއްގެ ތެރެއިން ކަމަށް އަލާހުއާބާދުގެ ހައި ކޯޓުން ނިންމައި އޭނާގެ ކެންޑިޑެސީ ބާތިލްކުރީ އެވެ. އެހާ ހިސާބުން އިންދިރާ ގާންދީ ކުއްލި ހާލަތު އިއުލާންކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ހިފެހެއްޓި އެވެ. އެއްވެއުޅުން މަނާކުރި އެވެ. ފިލްމުތައް ސެންސަރުކުރުމުގެ އުސޫލު ވެސް ހަރުކަށިކުރި އެވެ.
ޝޯލޭއަކީ ބަދަލުހިފުމުގެ ވާހަކައެކެވެ. ކުރީގެ ފުލުސް އޮފިސަރެއްކަމަށްވާ ސަންޖީވް ކުމާރު، ފިލްމުގައި ތާކޫރު، ނުކުންނަނީ ގައްބަރު ސިންގުގެ ދުވަސް ދުއްވާލާށެވެ. އެކަމަށް ބޭނުންކުރަނީ ކުދިކުދި ކުށްކޮށްގެން ދޭތެރެދޭތެރެއިން ޖަލަށް ލާ ދެ އެކުވެރިން ކަމަށްވާ އަމީތާބާއި ދަރުމެންދުރާ އެވެ.
ފިލްމުގެ އަސްލު ނިމުން އަންނަނީ ސަންޖީވްގެ މޮހޮރު ޖަހާފައި ހުންނަ ބޫޓުން ތަޅާތަޅާ ގައްބަރު ސިންގް މަރާލާ މަންޒަރުންނެވެ. ނަމަވެސް ކުރީގެ ފުލުސް އޮފިސަރަކު އޭނާގެ އަތަށް ގާނޫނު ލައިގެން ބޭނުންހާ ގޮތަށް އުޅޭ މަންޒަރުތައް ފިލްމުގައި ނުދެއްކޭނެ ކަމަށް، ސެންސަރު ބޯޑުން އެންގީ އެވެ. އެ މީހުންނަށް ވިސްނައިދެވޭތޯ ފިލްމުގެ ބާނީ ރަމޭޝް ސިއްޕީ ވަރަށް މަސައްކަތްކުރި އެވެ. އެކަމަކު އޭނާގެ ވާހަކަތައް ގަބޫލެއްނުކުރި އެވެ.
ދެން ޖެހުނީ ގައްބަރު ސިންގް މަރާނުލައި އަލުން އެ މަންޒަރުތައް ނަގާށެވެ.
އަސްލު ނިންމުމުގެ އިތުރުން ކުރިން ނުފެންނަ އެހެން ބައެއް މަންޒަރުތަކާ އެކު ޝޯލޭ އަލުން ނެރެނީ އިޓަލީގައި އޮންނަ ފިލްމު ފެސްޓިވަލެއްގައި މިއަދު އެވެ. އޭގެ ފަހުން ދުނިޔޭގެ އެކި ސިނަމާތަކަށް ވެސް ޝޯލޭ އަލުން އަންނާނެ އެވެ.
ފިލްމުގެ އެ މަންޒަރުތައް ހޯދުނީ އިންޑިއާގެ ފިލްމު ހެރިޓޭޖް ފައުންޑޭޝަން އާއި އިނގިރޭސި ވިލާތުގެ ބްރިޓިޝް ފިލްމު އިންސްޓިޓިއުޓްގެ ވަރަށް ބޮޑު މަސައްކަތަކުންނެވެ. ޝޯލޭގެ ފިލްމު ނެގެޓިވްތައް އިނގިރޭސިވިލާތުގައި ވެސް ރައްކާކޮށްފައި ހުރިކަން، ސިއްޕީގެ ފިރިހެން ދަރިފުޅު ޝެހެޒާދު ސިއްޕީގެ ފަރާތުން އެނގުނެވެ. ޝޯލޭ އަލުން ނެރެން ފިލްމު ހެރިޓޭޖް ފައުންޑޭޝަނަށް 2022ގައި ހުށައެޅީ ވެސް ޝެހެޒާދު އެވެ.
ވަރަށް ބުރަ މަސައްކަތަކަށް ފަހު އަލުން ޝޯލޭ ސިނަމާތަކަށް ގެނައުމަކީ، އިންޑިއާގެ ތާރީހުގައި އުފެއްދި އެންމެ މޮޅު އެއް ފިލްމުގެ ހަނދާންތައް އަލުން ދިރިގެން އައުމެވެ. މި ފިލްމު މުމްބާއީގެ 1،500 ގޮނޑި ހިމެނޭ މިނެރްވާ ތިއޭޓަރުގައި ހައުސްފުލްކޮށް ފަސް އަހަރު ދެއްކި އެވެ.
ފިލްމު ނެރުނުތާ ފުރަތަމަކޮޅު އެހާ ބޮޑު ތަރުހީބެއް ނުލިބުނެވެ. ނަމަވެސް އޭގެ މިޔުޒިކާއި މަންޒަރުތަކާއި ތަޅާފޮޅުމާއި އެކްޓިން އަދި ޑައިލޮގްގެ މޮޅުކަން އެކި މީހުންގެ ފަރާތުން އިވެން ފަށައި، ގިނަ ބައެއްގެ ސަމާލުކަން އަތުލި އެވެ. ބައެއް ޑައިލޮގްތައް މީހުން ހިތުން ވެސް ކިޔަން ފެށި އެވެ. އޭގެ މާނައަކި އެއް ފަހަރަށް ވުރެ ގިނަ ފަަހަރު ފިލްމު ބެލުމެވެ.
ޝޯލޭގެ ޑައިލޮގްތައް ކައިވެނީގެ ހަފުލާތަކާއި ސިޔާސީ ވާހަކަތަކުގެ އިތުރުން އިސްތިހާރުތަކުގައި މަޖަލަކަށް ވެސް ބޭނުންކުރެ އެވެ.
ޝޯލޭގެ އަސްލު ނިމުން ހިމަނައިގެން އަލުން އަޅުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ