ޑެންގީ ކޮންޓްރޯލް ނުވާ ކަމަށް ބުނެ ބިލަތްދޫ ސްކޫލްގައި ތަޅު އަޅުވައިފި

ޑެންގީ ހުން ފެތުރުމާ ގުޅިގެން ބަންދުކޮށްފައިވާ ސްކޫލްތަކުގެ ކިޔެވުން މާދަމާ ފެށި ނަމަވެސް ޑެންގީ ކޮންޓްރޯލް ނުވާ ކަމަށް ބުނެ ފ. ބިލަތްދޫ ސްކޫލްގެ ބެލެނިވެރިން ސްކޫލްގައި ތަޅު އަޅުވައިފި އެވެ. 
ސްކޫލް ހިންގެވުމާ ހަވާލުވެ ހުންނެވި މުހައްމަދު ފިރާގު މިރޭ ވިދާޅުވީ މާދަމާ ސްކޫލްތައް ހުޅުވާ ގޮތަށް އެޑިއުކޭޝަނުން ޝެޑިއުލްކޮށްފައި އޮތް ނަމަވެސް އެރަށުގައި އަދި މުޅީން ޑެންގީ ކޮންޓްރޯލް ނުވާ ކަމަށާއި އެ ރަށުގައި ޑެންގީގެ  ހަތް ކޭހެއް މިހާރުވެސް އުޅޭ އިރު ދެ ކުއްޖަކު މިހާރުވެސް ޑެންގީ ހުން ޖެހިގެން އެޑްމިޓްކޮށްފައިވާ ކަމަށެވެ. 
އޭނާ ވިދާޅުވީ ބެލެނިވެރިން ސްކޫލް ބަންދުކޮށް ތަޅު އަޅުވާފައި ވަނީ މިރޭ ގާތްގަނޑަކަށް 7:00 ޖަހާއިރު ކަމަށާއި ނަމަވެސް ބެެލެނިވެރިންނާ ވާހަކަ ދައްކައި ތަޅު ހުޅުވައިގެން ވަދެ، އެ މައްސަލާގައި މިހާރު ބެލެނިވެރިންނާ ވާހަކަ ދައްކަމުން ގެންދާ ކަމަށެވެ. 
"އަޅުގަނޑުވާނީ މި ކަން އެޑިއުކޭޝަނަށް އަންގާފައި. މިނިސްޓްރީން ބޭނުން ވަނީ ކިޔެވުން ކުރިޔަށް ގެންދަން. ނަމަވެސް ބެލެނިވެރިން ބޭނުމެއް ނުވޭ ޑެންގީ ކޮންޓްރޯލް ނުވަނީސް ކިޔެވުން ކުރިޔަށް ގެންދާކަށް، އަޅުގަނޑު މި ބަލަނީ ބެލެނިވެރިންނާ ވާހަކަ ދައްކައިގެން މިކަން އޮމާންކޮށް ގެންދެވޭތޯ؟" އޭނާ ވިދާޅުވި އެވެ. 
މާދަމާ ސްކޫލްތައް ހުޅުވާއިރު ހެލްތު މިނިސްޓްރީން ބުރާސްފަތި ދުވަހު ބުނީ ޑެންގީ ހުން އަދިވެސް މުޅިން ކޮންޓްރޯލް ނުވާ ކަމަށާއި ނަމަވެސް ރިޕޯޓް ކުރެވޭ ކޭސްތަކުގެ އަދަދު މަދުވެފައިވާ ކަމަށެވެ.
ހެލްތު މިނިސްޓްރީގެ ތަރުޖަމާނު ތަސްލީމާ އުސްމާން ވިދާޅުވީ މީގެ ދެ ހަފުތާއެހާ ދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ޑެންގީ ހުން ޖެހިގެން ހޮސްޕިޓަލް ތަކާއި ހެލްތު ސެންޓަރުތަކަށް ރިޕޯޓު ކޮށްފައިވާ މީހުންގެ އަދަދު ވަރަށް ބޮޑުތަން ދަށަށް ގޮސްފައިވާ ކަމަށެވެ. ޖުލައި މަސް ފެށިގެން އާއިރު ހަފުތާއެއްގެ ތެރޭ ޑެންގީ ޖެހިގެން 150 މީހުން ރިޕޯޓުކޮށްފައިވާ އިރު، މިހާރު އެ އަދަދު ވަރަށް ބޮޑުތަން ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިދިއަ ދެހަފުތާގެ ތެރޭގައި ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވަނީ 140 މީހުން ކަމަށެވެ.
ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އަތޮޅުތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ޑެންގީ ހުން ޖެހިގެން ރިޕޯޓުކޮށްފައިވަނީ ބ. އަތޮޅާއި ރ. އަތޮޅާއި އަދި އދ ގެ ބައެއް ރަށްރަށުންނެވެ.
މިދުވަސްވަރު ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ޑެންގީ ހުން ކޮންޓްރޯލް ކުރުމަށްޓަކައި މަދިރި އުފެދޭ ތަންތަން ސާފުކުރުމަށް ސަރުކާރުން ވަނީ ގައުމީ ކެމްޕޭނެއް ހިންގާފަ އެވެ.
މުޅި މިއަހަރުގެ ތަފާސް ހިސާބަށް ބަލާއިރު މިހާތަނަށް 822 މީހުން ޑެންގީ ހުން ޖެހިގެން ރިޕޯޓު ކޮށްފައި ވެއެވެ. އޭގެ ތެރެއިން ހުން ޖެހިގެން މަރުވެފައި ވަނީ ތިން މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ