ހަނިމާދޫ އެއާޕޯޓު އެހެން ބަޔަކާ ހަވާލުކުރުމުން މާ ފައިދާވެދާނެ: ރައީސް ނަޝީދު
އެންމެ ބުއްދިވެރި ގޮތަކީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާނެ ބަޔަކު ވެސް ޓެންޑާކޮށްގެން ހޯދުން ކަމަށާއި، އެއާލައިނަކުން އެތަން ހިންގައިފިނަމަ، ލިބޭނެ ފައިދާ ބޮޑުވެދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.ތަރައްގީކޮށް ނިމެން ކައިރިވެފައި އޮތް ހަނިމާދޫ އެއާޕޯޓް އިންޑިއާގެ އަދާނީ ގްރޫޕަށް ވިއްކާލަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ތުހުމަތު ކުރައްވައިފަ އެވެ. އެކަމަކު އެ ތުހުމަތުތައް ސަރުކާރުން ދޮގު ކުރެ އެވެ.ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއާ ގުޅޭ ޓެލެގްރާމް ޗެނަލަކަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި، އެންމެ ބުއްދިވެރިވާނީ ޕްރައިވެޓް ސެކްޓާއިން އެއާޕޯޓާއި އެހެން ވިޔަފާރިތައް ވެސް ހިންގުން ކަމަށެވެ. އަދި އެ ޕްރައިވެޓް ސެކްޓާއަކީ ދިވެހި ނުވަތަ ބޭރު ބައެއްތޯ ބަލަން ރަނގަޅުވާނީ، ހުޅުވާލާފައިވާ ބީލަމަކުން ސަރުކާރަށް އެންމެ ފައިދާ ބޮޑު ބައެއް ހޯދައިގެން ކުރިއަށް ގެންދިއުން ކަމަށް ވިދާޅުވި އެވެ."އިތުރަށް ދަރަނިވެރި ވެގެން ލޯނުތައް ދައްކަން އުޅުމަށް ވުރެން އަތުގައި ހުރި އެއްޗެއް ކުއްޔަށް ދީގެން އެ ފައިސާ ހޯދިއްޖެ ނަމަ ރާއްޖެ އަށް ކުރާނެ ފައިދާ ވަރަށް ބޮޑު ކަމަށް ފެންނަނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި އެއާޕޯޓުތައް ވެސް އަދި އެހެނިހެން ވިޔަފާރިތައް ވެސް އަމިއްލަ ފަރާތްތަކުން ހިންގުން ބުއްދިވެރި އެވެ. އެ މަނިކުފާނު ވިދާޅުވީ، އެ ހާލަތުގައި ޕްރައިވެޓް ސެކްޓާއަކީ ދިވެހިންތޯ ނުވަތަ ބޭރު ބައެއްތޯ ބަލަން ރަނގަޅު ވާނީ އާންމު ބީލަމަކަށް ގޮސް ސަރުކާރަށް އެންމެ ފައިދާ ހުރި ގޮތެއް ބަލައިގެން ކަމަށެވެ.މި މައުލޫއުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ހިންގުން ޖީއެމްއާރު ކުންފުންޏަށް ދޫކުރި ދޫކުރުން ދިފާއު ކުރައްވަމުން ނަޝީދު ވިދާޅުވީ، އެ ފިޔަވަޅު އޭރު އެޅި ނަމަ "ދެ ބިލިއަން ޑޮލަރުގެ ދަރަނި ނޭޅި އާ އެއާޕޯޓު އޮޕަރޭޓް ކުރާތާ 10 އަހަރު މިހާރު އޮންނާނީ ވެފައި" ކަމަށެވެ.ހަނިމާދޫ އެއާޕޯޓް ތަރައްގީކުރަނީ އިންޑިއަން އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. މި އެއާޕޯޓްގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު މަހަށް ނިންމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވަނީ ވިދާޅުވެފަ އެވެ.ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް ނިމުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިންގް 737 ސައިޒުގެ ބޯޓުތަކަށް ހިދުމަތް ދެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ