އިސްތިޚާރާ ނަމާދާ ގުޅުންހުރި ބައެއް ވާހަކަ
އިސްތިޚާރާ ނަމާދަކީ އިޚްތިޔާރުކުރުމާ ގުޅުންހުރި ނަމާދެކެވެ. ދުނިޔޭގެ ޙަޔާތުގައި ދިމާވާ ބޮޑެތި ކަންކަމާމެދު ގޮތެއް ނިންމުން އުނދަގުވުމުން ކުރަން އޮތް ނަމާދަކާއި، އެއާ އެކު ކިޔަން އޮތް ދުޢާއެކެވެ. ތިމާގެ ކުރިމަތީ ގޮތް ނިންމަންޖެހޭ ބޮޑު ކަމެއް އޮވެފައި، އެ ކަމުގައި ނިންމޭނެ އެއް ގޮތަށްވުރެ ގިނަ ގޮތް އޮތިއްޔާ އެ ތަނުން އެންމެ ފައިދާ ހުރި ގޮތަކީ ކޮބައިކަން ދެނެގަންނަން ނޭނގުމުން ވެސް އިސްތިޚާރާކުރުން މުސްތަޙައްބު ވެގެންވެއެވެ. އިސްތިޚާރާ ކުރުމަކީ ކުރިމަތި ވެފައިވާ ޙާލަތާއި މެދު ދެ ގޮތުންކުރެ ގޮތެއް ޚިޔާރުކުރަން ޖެހޭ ކޮންމެ ވަގުތެއްގައި ހެޔޮކަމަށް މަގު ދެއްކެވުން އެދި ﷲގެ ޙަޞްރަތުގައި ދެންނެވުމެވެ. މާތްﷲ ރުއްސުންލެއްވި ޖާބިރުގެފާނު ވިދާޅުވިއެވެ. "ތިމަންމެންނަށް ޤުރުއާނުން ސޫރަތެއް އުނގަންނައި ދެއްވާ ފަދައިން ތިމަންމެންނަށް ދިމާވާ ހުރިހާ ކަމެއްގައި އިސްތިޚާރާ ކުރަން رسول الله صَلَّىٰ اللهُ عَلَيْهِ وَسَلَّمَ، އުނގަންނައި ދެއްވައެވެ. އިތުރު އެކަލޭގެފާނު ޙަދީޘްކުރައްވައެވެ. "ތިޔަބައިމީހުންގެ ތެރެއިން މީހަކު ކަމެއް ކުރުމަށް ގަސްތު ކޮށްފިނަމަ ފަޜުޟު ނަމާދު ނޫން ދެ ރަކުޢަތް ނަމާދެއް ކުރާހުށިކަމެވެ! އަދި އެއަށްފަހު އިސްތިޚާރާގެ ދުޢާކުރާހުށިކަމެވެ!" ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އިސްތިޚާރާކުރުން އޮތީ ދީނުގެ ވާޖިބުކަންތައްތަކާއި، ސުންނަތްތަކާއި، ޙަރާމު ޙަލާލުގެ ކަންތަކާއި މަކުރޫހަ ކަންތައް ފިޔަވައި ދެންހުރި ހުއްދަ ކަންކަމުގައެވެ. إبن القيم رحمه الله ވިދާޅުވިއެވެ. "އިސްތިޚާރާގެ އަސްލު މަޤްޞަދަކީ ކަމެއްގައި ނިޔާ ކަނޑައަޅުއްވައި ދެއްވުމަށް އެދި ﷲއަށް ދެންނެވުމާ އެކު، އެ އިލާހަށް ވަކީލު ކުރުމެވެ. އަދި ﷲގެ ކުޅަދުންވަންތަކަމުންނާއި، ޢިލްމުފުޅުން އަޅާއަށް ހެޔޮ ގޮތް އިޚްތިޔާރު ކޮށްދެއްވުމަށް އެދުމެވެ. ﷲ އެއީ އޭނާގެ ރައްބު ކަމަށް ޤަބޫލުކުރާ ކޮންމެ މީހެއްގެ މައްޗަށް މިކަން ލާޒިމުވެގެން ވެއެވެ. އެ ނޫން މީހުންގެ ކަރުގައި އީމާންކަމުގެ (ފޮނި) ރަހަ ނުލާނެއެވެ. އޭނާއަށް، ނިޔާވެވުނު ގޮތާއި މެދު ހިތުގައި ދަތިކަމެއްނެތި ރުހެވެންޏާ ފަހެ، އެއީ ބާއްޖަވެރިކަމުގެ ޢަލާމާތެކެވެ." އެހެންކަމުން އެއްވެސް ކަމެއްގައި ވަކިގޮތެއް އިޚްތިޔާރުކުރަން ދަތިވެއްޖެއްޔާ، އެ ކަމެއްގައި ތިމާ އަމިއްލައަށް ގޮތް ކަނޑައެޅުމުގެ ކުރިން އިސްތިޚާރާކުރާށެވެ! އަދި އެއިން ނިކުންނަ ނަތީޖާއަކީ، ތިމާ އެދޭގޮތް ކަމުގައި ނުވިޔަސް އެ ނަތީޖާއަށް ރުހި ޤަބޫލުވާން ވާނެއެވެ. އެހެނީ ތިބާގެ އަމިއްލަ ނަފުސަށްޓަކައި ތިބާ އެދޭގޮތަށް ވުރެ، ﷲ ތިބާއަށް ޓަކައި އިރާދަކުރައްވާ ގޮތް މާރަނގަޅުވެފައި މޮޅުވާނެތީއެވެ. އަޅުކަމެއްގެ ގޮތުގައި އިސްތިޚާރާކުރުން ޝަރުޢުކުރެއްވުނީ ވަރަށް މުހިއްމު މަޤުޞަދުތަކަކަށް ޓަކައެވެ. އިސްލާމްދީން އައުމުގެ ކުރިން ޖާހިލިއްޔަ ޒަމާނުގައި ޢަރަބީންގެ ތެރޭގައި ހަރުލާފައި ހުރި ޚުރާފީ ކަންތައްތަކެއް ހުޓުވުމަށް ޓަކައެވެ. އޭރުގެ ޢަރަބިން ބޮޑު ކަމެއް ކުރަން އެދިފައި އެކަމެއްގައި ދެފުށުއެޅޭ ގޮތް ވެއްޖެއްޔާ ފާލުބެލުމާއި ރަމަލު ޖެހުމާއި ގުރުއަތުލުން ފަދަ ކަންކަން ކޮށްގެން އޭނާއަށް ރަނގަޅު ގޮތް އިޚްތިޔާރުކުރެއެވެ. އިޚްތިޔާރުކުރުމަށް އޭރުގެ ޢަރަބީން ކޮށްއުޅޭ އެއް ކަމަކީ އެއްކޮށް ޖަމާވެގެން ތިބޭ ދޫނިތަކެއްގެ ކައިރިއަށް ގޮސް އެ ތަކެތި އުދުއްސައިލުމެވެ. ސިއްރުސިއްރުން ގޮސް ކުއްލިއަކަށް އެ ދޫނިތައް ފައްސާލަނީއެވެ. އެ ވަގުތު އެ ދޫނިތައް އުދުހިފައި ކަނާތްފަރާތަށް ގޮއްސިއްޔާ އެ މީހާ ކުރަން އުޅުނު ކަންތަކައިގެން ކުރިޔަށް ދާންވީއެވެ. ލަސްނުކޮށް އެ ކަން ކުރަންވީއެވެ. އެ ފެނުނީ އޭގެ ފެހި ސިގުނަލެވެ. އޭނާ ފައްސައިލި ދޫނިތައް އުދުހިފައި ވައަތަށް ގޮއްސިއްޔާ އެ މީހާއަށް އޮތީ އޭނާ ކުރަން އުޅުނު ކަންތަކާ ދުރައްދިޔުމެވެ. އެނޫން އެހެން ކަމަކާ ވެގެން އުޅުމެވެ. އޭނާ ހިތުއެޅިކަންތައް ކޮށްފިއްޔާ އޭނާއަށް ސުންޕާ ކަމެއް ޖެހިދާނެ ކަމުގެ ނިޝާނެއްގެ ގޮތުގައި އެ މީހުން ދެކުނީ އެ ދޫނިތައް ވައަތު ފަރާތަށް އުދުއްސައިގެން ދިޔުމެވެ. އިސްލާމްދީނަކީ އިންސާނާގެ ބުއްދިއަށް ވިސްނޭ ގޮތަށް އޮންނަ ދީނެކެވެ. އިންސާނީ ޠަބީޢަތާ ގުޅޭ ދީނެކެވެ. ޚުރާފީ ބޯދާ މިފަދަ ކަންކަމުން އިސްލާމީ ޢަޤީދާ ވަނީ ޠާހިރުވެގެންނެވެ. އުނދަގޫ ޙާލަތްތަކާއި ދަތި ކަންކަން ކޮންމެ އިންސާނަކަށް ވެސް މި ދުނިޔޭގެ ޙަޔާތުގައި ދިމާވާނެއެވެ. އެފަދަ ޙާލަތުތަކުގައި އެ މީހަކަށް އިތުބާރުކުރެވޭ މީހުންނާ މަޝްވަރާކުރާށެވެ. އަދި އެކަމަކާ ގުޅުން ހުރި ޢިލްމުގެ އަހުލުވެރިންނާ ނުވަތަ އެ ކަމުގެ މާހިރުންނާ އަދި ތިމާއަށް ހެޔޮ އެދޭ ރަނގަޅު މީހުންނާ ވެސް މަޝްވަރާކޮށް ރަނގަޅު ލަފަޔަކާއި އިރުޝާދެއް ހޯދާށެވެ. މުސްލިމުންގެ މެދުގައި ކަންކަމުގެ މަޝްވަރާހިނގުމަށް އަންގަވައި މާތް ﷲ ވަޙީކުރެއްވިއެވެ. ﴿وَشَاوِرْهُمْ فِي الأَمْرِ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللَّهِ إِنَّ اللَّهَ يُحِبُّ الْمُتَوَكِّلِينَ﴾ (آل عمران ١٥٩) މާނައީ: "އަދި ކަންކަމުގައި ކަލޭގެފާނު އެބައިމީހުންނާ މަޝްވަރާކުރައްވާށެވެ. ފަހެ (ކަމަކާމެދު) ކަލޭގެފާނު ޢަޒުމު ކަނޑައަޅުއްވައިފިނަމަ، ފަހެ ކަލޭގެފާނު اللهއަށް ވަކީލުކުރައްވާށެވެ. ހަމަކަށަވަރުން ވަކީލުކުރާ މީހުންދެކެ الله ލޯބިވެވޮޑިގެން ވެއެވެ." އިންސާނުންގެ މެދުގައި މަޝްވަރާކޮށް ގޮތެއް ނިންމަން އުނދަގޫވުމުން އިރުޝާދު ހޯދަން އެދި ﷲގެ ޙަޟްރަތުގައި ދަންނަވަން ވީއެވެ. އިންސާނާގެ ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތަކީ އޭނާ ޚަލްޤުކުރެއްވި މާތް ﷲ ކަމާމެދަކު އެއްވެސް ޝައްކެއްނެތެވެ. އަދި އެއީ ދެ ކައުނުގެ ވެރި އިލާހެވެ. ދުނިޔޭގައި ހުރިހާ ކަމެއް ރާއްވަވައި ހިންގަވާ ފަރާތަކީ އެއީއެވެ. އެހެންކަމުން އަޅުގަނޑުމެންނަށް ގޮތް ނިންމަން އުނދަގޫ ކަންކަމުގައި އަޅުގަނޑުމެންނަށް އޮތް އެންމެ ރަނގަޅު ގޮތަށް ކަންނިންމެވުމަށް ކުޅަދުންވަންތަ ފަރާތަކީ ވެސް އެއީއެވެ. އިސްތިޚާރާކުރުމުގެ އާދަ އަޅަމެންގެ ކިބައިގައި އަށަގަންނަވަމާ ހިނގާށެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ