ވިނަރެސް ފުލެޓުތަކާއި އެމްޕީއެލް މުވައްޒަފުންގެ ފުލެޓުތަކުގެ ޑައުންޕޭމަންޓާއި ކުލި ކުޑަކޮށްދޭނަން: ރައީސް

ވިނަރެސް ފުލެޓުތަކާއި އެމްޕީއެލް މުވައްޒަފުންގެ ފުލެޓުތަކުގެ ޑައުންޕޭމަންޓާއި ކުލި ކުޑަކޮށްދެއްވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.
އެމްޑީޕީން މިރޭ ބޭއްވި ގަލޮޅު ކަންމަތީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގެއިން ގެއަށް ކުރާ ޒިޔާރަތުގައި ވިނަރެސް ފުލެޓުތަކުގެ ޑައުންޕޭމަންޓާއި ކުލީގެ އަގު ބޮޑުވެގެން އެކަމުގެ ކަންބޮޑުވުން މީހުން ހިއްސާކުރަމުން އަންނަ ކަމަށާއި އެކަމަށް ރަނގަޅު ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށެވެ.
"މި ކުރާ ޒިޔާރަތުގައި އަންނަ އަނެއް ޝަކުވާއެއް އެބައޮތް، ކަންބޮޑުވުންތަކެއް. ވިނަރެސްއަށް ކުރިމަތިލައިގެން ފުލެޓު ލިބިފައިވާ ފަރާތްތަކަށް ޑައުންޕޭމަންޓާއި ކުލީގެ އަގު ބޮޑުވާ ވާހަކަ. އަޅުގަނޑުމެން އެއަށް އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ، ބަދަލުތަކެއް ގެނެސް، ޑައުންޕޭމަންޓް ކުޑަކޮށް، ކުއްޔަށް ގެނެވެން އޮތް ރަނގަޅު ހެޔޮ ބަދަލެއް އަޅުގަނޑު ގެނެސްދޭނަން. އެކަން ވެސް އަޅުގަނޑުމެން އިއުލާންކުރާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމްޕީއެލް މުވައްޒަފުންނަށް ދޫކުރާ ފުލެޓުތަކުގެ ޑައުންޕޭމަންޓާއި ކުލި ބޮޑުވެގެން އެކަމުގެ ކަންޑޮވުމުން ހިއްސާކުރުމަށް އެ މުވައްޒަފުން އެމަނިކުފާނާ ބައްދަލުކުރެއްވި ކަމަށާއި އެކަމަށް ވެސް ލަސްތަކެއް ނުވެ ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ.
"އެމްޕީއެލްގެ މުވައްޒަފުން އަޅުގަނޑާ މީގެ ދެ ދުވަސް ކުރިން ބައްދަލުކުރި. އެމްޕީއެލްގެ މުވައްޒަފުންނަށް ދޫކުރާ ފުލެޓުތަކުގެ އަގު ބޮޑުވެގެން ޑައުންޕޭމަންޓް ދައްކަންވާ އަދަދު ބޮޑުވެގެން އޭގެ ކަންބޮޑުވުންތައް އެބަހުރި. މިހާރު އިރާދަކުރެއްވިއްޔާ އެއަށް އަޅުގަނޑުމެން މިވަނީ ބަދަލެއް ގެނެސްފައި. އިރާދަކުރެއްވިއްޔާ އެވެސް ކުލި ކުޑަކޮށް، ޑައުންޕޭމަންޓަށް ހެޔޮ ބަދަލެއް އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ، އަޅުގަނޑުމެން އެކަން އިއުލާންކުރާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ކުރީ ސަރުކާރުން އަޅަން ފެށި ވިނަރެސް ފުލެޓުގެ ތިން ކޮޓަރީގެ 1،344 އެޕާޓްމެންޓުގެ ތެރެއިން ގާތްގަނޑަކަށް 1،000 ފުލެޓަށް ހުޅުވާލީ މާލޭގެ ރަށްވެހިންނަށެވެ. އޭގެ އިތުރުން ގުޅިފަޅާއި ސީ ލައިފުން ފުލެޓު ގަތް މީހުންނަށާއި ހިޔާ ފުލެޓު ދޫކޮށްލި މީހުންނަށް ވެސް ވިނަރެސް އިން ފްލެޓް ދޭން ނިންމިއެވެ. އަދި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށް ވެސް 100 ފުލެޓު ހާއްސަކޮށްފައިވެއެވެ.
800-900 އަކަފޫޓު ބޮޑުމިނުގެ ވިނަރެސް ފުލެޓުތައް ތަފާތު ދެ ގޮތަކަށް ގަތުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ. އެގޮތުން ފުރަތަމަ ގޮތަކީ ފުލެޓުގެ އަގުގެ 15 ޕަސެންޓް ޑައުންޕޭމެންޓުގެ ގޮތުގައި ދައްކައިގެން 20 އަހަރުގެ ތެރޭގައި ތަނުގެ އަގު އަދާކުރުމެވެ. އަދި ދެވަނަ ގޮތަކީ 20 ޕަސެންޓް ދައްކައިގެން އެޕާޓްމެންޓުގެ ކުލި 25 އަހަރަށް ބަހާލައިގެން ދެއްކުމެވެ.
ވިހި އަހަރަށް ކުލި ބަހާލުމުން ކޮންމެ އެޕާޓްމެންޓަކަށް ވެސް މަހަކު 19،000 ރުފިޔާ އާއި 23،000 ރުފިޔާއާ ދެމެދުގެ އަގެއް ދައްކަން ޖެހެއެވެ. އެގޮތަށް ކުލި ބަހައިލުމުން ފުލެޓުގެ ޖުމުލަ އަގު 4.9 މިލިއަން ރުފިޔާ ނުވަތަ 6 މިލިއަން ރުފިޔާއަށް ބޮޑުވާނެއެވެ.
ޑައުންޕޭމެންޓުގެ ގޮތުގައި 20 ޕަސެންޓް ދައްކައިގެން، 25 އަހަރަށް ބަހާލައިގެން ދެއްކުމުން އެވްރެޖުކޮށް މަހަކު 16،700 ރުފިޔާ އާއި 20،500 ރުފިޔާއާ ދެމެދުގެ އަގެއް ފުލެޓަށް ދައްކަން ޖެހެއެވެ. އޭރުން ފުލެޓުގެ ޖުމުލަ އަގު 5.5 މިލިއަން ރުފިޔާ އާއި 7.3 މިލިއަން ރުފިޔާއާ ދެމެދުގެ އަގަކަށް ބޮޑުވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ