އުލިގަމުގައި މިއަދު ހެނދުނުއްސުރެ ކަރަންޓެއް ނެތް، ރައްޔިތުން އަނދިރީގައި
ހއ. އުލިގަމުގައި މިއަދު ހެނދުނުއްސުރެ ކަރަންޓު ކެނޑިފައިވާތީ އެރަށު ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ. އުލިގަމު ކައުންސިލުގެ ނައިބު ރައީސް އަހުމަދު ޒިޔާދު ހަސަން "ސަން"އަށް މިރޭ ވިދާޅުވީ، އެރަށުގައި މިއަދު ހެނދުނު 10:30 އެހާކަންހާއިރުން ފެށިގެން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެރަށަށް ކަރަންޓު ދެމުން އަންނަނީ ފެނަކަ ކޯޕަރޭޝަނުން ކަމަށެވެ. އަދި ވިދާޅުވީ އެރަށު ފެނަކަ ބުރާންޗުންވެސް ރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. "ފެނަކައިގެ ބޭފުޅުން އަންނަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން. ނަމަވެސް އަދި ހަމަ ރަށަށް ކަރަންޓު ދެވޭ ގޮތް ނުވޭ،" ޒިޔާދު ވިދާޅުވި އެވެ. ޒިޔާދު ވިދާޅުވީ، އުލިގަމަށް މިހާރު ކަރަންޓު ދެމުން އަންނަނީ އެންމެ ޖަނަރޭޓަރަކުން ކަމަށެވެ. އަދި މައްސަލަ ޖެހިފައި ވަނީ އެ ޖަނަރޭޓަރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ވަނީ ކަރަންޓު ކަނޑައިގެން ދިޔައީ ޖަނަރޭޓަރުގެ ބައެއް ހަލާކުވެގެން ކަމަށް،" ޒިޔާދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މިއަދު ހެނދުނުއްސުރެ ރަށުން ކަރަންޓު ކަނޑައިގެން ގޮސްފައިވާ ވާތީ ރައްޔިތުންނަށް ދަތިތައް ކުރިމަތިވާ ކަމަށެވެ. އަދި މިއަދު ސަރުކާރުގެ މުއައްސަސާތަކަށް ވެސް އެކަމުގެ ދަތިތަކާ ކުރިމަތިވި ކަމަށް އޭނާ ވިދާޅުވި އެވެ. މިކަމާ ގުޅޭގޮތުން ފެނަކައިގެ ބަހެއް އަދި ލިބޭގޮތް ވަނީ ނުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ