ފަހި ފްލެޓުތަކުގެ ރަށްވެހިންގެ ރަޖިސްޓްރީ ހެދުން އަވަސްކުރަން އާޒިމްއަށް ގޮވާލައިފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ފްލެޓުތައް ލިބުނު މީހުންނަށް މާލޭ ރަށްވެހިންގެ ރަޖިސްޓްރީ ހަދައިނުދީ އޮތް މައްސަލައަށް އަވަސް ހައްލެއް ހޯދަން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް، މާލޭގެ މޭޔަރު އާދަމް އާޒިމަށް ގޮވާލައްވައިފި އެވެ.
އެނގުން މުހިންމު - މާލޭގައި ރަށްވެހިންގެ ރަޖިސްޓްރީ ހަދައިދޭން ޖެހެނީ މާލެ ސިޓީ ކައުންސިލުންނެވެ. އެފްޑީސީ ފްލެޓު ލިބުނު މީހުންނަށް ރަށްވެހިންގެ ރަޖިސްޓްރީ ހަދައިނުދެނީ، އެ ފްލެޓުތައް ދޫކުރާއިރު ފްލެޓު ލިބޭ މީހުންނާ އެކު ކުލީގެ އެއްބަސްވުމެއް ހަދާ ކަމަށް ބުނެ އެވެ.
ވީ ކިހިނެއް؟ - މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރު މުހައްމަދު އިބްރާހިމްގެ ސުވާލަކަށް ޖަވާބު ދެއްވަމުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވީ ފަހި ފްލެޓުތަކުގެ ރަށްވެހިންނަށް ރަށްވެހިކަމުގެ ރަޖިސްޓްރީ ހަދައިނުދީ އޮތީ ސަރުކާރުގެ މައްސަލައަކުން ނޫން ކަމަށާއި އެކަން ނުވެ އޮތީ މާލެ ސިޓީ ކައުންސިލުން އެކަން ނުކުރާތީ ކަމަށެވެ.
މުއްތޮލިބު ވިދާޅުވީ ކައުންސިލުން އެކަން ނުކުރަނީ ރައްޔިތުންނަށް އުނދަގޫ ކުރުމުގެ ގޮތުން ކަމަށާއި އެއްބަސްވުމުގައި 'ސޭލް އެންޑް ޕާޗޭސް'ގެ ބަދަލުގައި 'ރެންޓް ޓޮ އޯން' މޮޑެލް އޮތުމަކީ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލެއްގެ ދަށުން ވެސް ރަށްވެހިންގެ ރަޖިސްޓްރީ ހަދައިނުދެވެން އޮތް ސަބަބެއް ނޫން ކަމަށެވެ.
ތަފްސީލު - މި މައްސަލައިގައި މެމްބަރު މުހައްމަދު އިބްރާހިމް މާލޭގެ މޭޔަރު އާދަމް އާޒިމްއަށް މިއަދު ފޮނުއްވި ސިޓީގައި މުއްތޮލިބު ދެއްވި ޖަވާބުގެ އިތުރުން މި މައްސަލައިގައި ހައުސިން މިނިސްޓްރީން 22 އޭޕްރީލް 2026ގައި އެފްޑީސީ އާއި މާލެ ސިޓީ ކައުންސިލަށް ކުރިން ފޮނުވާފައިވާ ސިޓީގެ ކޮޕީއެއް ވަނީ ހިމަނުއްވާފަ އެވެ.
ހައުސިން މިނިސްޓްރީން އާޒިމްއަށް އެޑްރެސްކޮށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެފްޑީސީ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް މާލޭ ރަށްވެހިންގެ ރަޖިސްޓްރީ ހަދައިދިނުމުގެ ހުއްދަ އެފްޑީސީއިން ދިނުމުން ކަމާބެހޭ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ރަށްވެހިންގެ ރަޖިސްޓްރީގައި އެމީހުން ހިމަނައިދިނުމަށެވެ.
އެފްޑީސީއަށް ފޮނުވި ސިޓީގައި މިނިސްޓްރީން ގޮވާލީ އެކަން ކުރަން ސިޓީ ކައުންސިލަށް ދޭން ޖެހޭ ހުއްދަ ދިނުމަށެވެ.
މެމްބަރު އިބްރާހިމް އާޒިމްއަށް ފޮނުވި ސިޓީގައި ވިދާޅުވީ ރަޖިސްޓްރީ ނުހެދި އޮތީ ކައުންސިލުން އެކަން ނުކޮށްދޭތީ ކަމަށް، މިނިސްޓަރު މުއްތޮލިބު މަޖިލީހުގައި ވަރަށް ސާފުކޮށް ވިދާޅުވި ކަމަށެވެ.
"މިއީ ރައްޔިތުންގެ ހައްގުތަކާ ގުޅޭ ހައްސާސް މައްސަލައެއްކަމުން މިކަމުގައި ތިޔަ ދެ ފަރާތުން ވާހަކަދައްކައިގެން އަވަސް ހައްލެއް ހޯދައިދެއްވުމަށް އެދި ދެންނެވީމެވެ،" މެމްބަރުގެ ސިޓީގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ