ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ޝަރަފުގައި ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެ ދެއްވި ރަސްމީ ޖާފަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިރޭ ބައިވެރިވެ ވަޑައިގެންފިއެވެ.
މި ޖާފަތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނާއި އަނބިކަނބަލުންގެ އިތުރުން، މި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގަންނަވާ ދިވެހި ވަފުދުގެ މެންބަރުންނަށް ސްރީލަންކާ ސަރުކާރާއި ރައްޔިތުން ވިދާޅުވި ހޫނު މަރުޙަބާއާއި، އަދާކުރެއްވި ދީލަތި މެހެމާންދާރީއަށްޓަކައި ރައީސް ޑިސަނާޔަކެއަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.
ސްރީލަންކާއަކީ ދިވެހިރާއްޖެއާ ވަރަށް ގާތް، އިތުބާރު ހުރި އަވަށްޓެރި ޤައުމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި އެކުވެރިކަމަކީ ތަޢުލީމީ އަދި ޞިއްޙީ ދާއިރާގެ އިތުރުން، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ ދިގު ތާރީޚެއް އޮތް ގުޅުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މި ދަތުރުފުޅަކީ ދެ ޤައުމުގެ ބަދަހި ގުޅުން ރަމްޒުކޮށްދޭ ދަތުރުފުޅެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތަރައްޤީގައި ސްރީލަންކާއިން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، ޑިޖިޓަލް ޓްރާންސްފޯމޭޝަން، ދެމެހެއްޓެނިވި ފަތުރުވެރިކަން، އިއާދަކުރަނިވި ހަކަތަ، ތަޢުލީމު އަދި ކަނޑުތައް ޙިމާޔަތްކުރުން ފަދަ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ފަދަ ދެ ޤައުމަށް އާންމު ގޮންޖެހުންތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން ވަކާލާތު ކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިތުރަށް ވިދާޅުވީ، ދިވެހީންގެ ހިތްތަކުގައި ސްރީލަންކާގެ ރައްޔިތުންނަށް އޮތް ޤަދަރާއި އިޙްތިރާމަކީ ދެ ޤައުމުގެ ސިޔާސީ ގުޅުމުގެ ހަޤީޤީ ބާރު ކަމުގައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެއާއި ސްރީލަންކާގެ އެކުވެރިކަން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު އެރުވިއެވެ.
މި ރަސްމީ ޖާފަތުގައި ދެ ޤައުމުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
2026 މޭ 3 އިން 6 އަށް ކުރައްވާ މި ދަތުރުފުޅަކީ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސްރީލަންކާއަށް ކުރައްވާ ފުރަތަމަ، ފުރަމާނަ ދަތުރުފުޅެވެ.
ލަންކާގެ ރައީސް ދެއްވި ރަސްމީ ޖާފަތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެ ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ