ޗެއާޕާސަން އިންތިޚާބުގެ މައްސަލަ ކޯޓަށް ހުށަހެޅީ ނަޝީދުގެ ޓީމަކުން ނޫން: ތަރުޖަމާނު
އިދިިކޮޅު އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބާ ގުޅޭގޮތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅީ، ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެންޕެއިން ޓީމުން ނޫންކަމަށް އެ ޓީމުން މިރޭ ބުނެފިއެވެ. އެމްޑީޕީން އަންނަ ޖޫން މަހުގެ 12ގައި ޗެއާޕާސަނަކު ހޮވުމަށް އިންތިޚާބު ބާއްވަން މަސައްކަތްކުރާއިރު، އެ މަގާމަށް އެންމެ ބޮޑަށް ކެމްޕޭން ކުރައްވަމުން ގެންދަވަނީ ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ. އެހެންނަމަވެސް، އެ އިންތިޚާބުގެ ޓައިމްލައިން ކަނޑައަޅައިފައިވަނީ ގޯސްކޮށް ކަމަށް ބުނެ، ގާނޫނީ ވަކީލެއް ކަމަށްވާ އަބްދުﷲ ޝާއިރު ވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށަޅުއްވައިފައެވެ. އޭނާ އެދިފައިވަނީ އިންތިޚާބާ ގުޅޭގޮތުން ނެރެފައިވާ އިއުލާނާއި، އެ އިންތިޚާބުގެ ޓައިމްލައިން ބާތިލުކޮށްދިނުމަށެވެ. https://sun.mv/221514 އެ މައްސަލައާ ގުޅުވައި، މީކާއީލް މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ކޯޓަށް މައްސަލަ ހުށަހެޅީ ނަޝީދުގެ ޓީމުން ކަމަށް ދެހަވާ މޭރުމަކުން ވާހަކަދައްކަވައިފައެވެ. އެގޮތުން އެއީ ''ވާދަވެރި ޓީމުން'' ހުށަހެޅި މައްސަލައެއް ކަމަށް ވިދާޅުވެ އޭނާ ވަނީ، ކޯޓަށް އެފަދަ މައްސަލައެއް ވެއްދުމަކީ އެޕްޑީޕީގެ އަސްލު ސިފަތަކާ ވަރަށް އިދިކީލި ކަމެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. އެ ތުހުމަތުތަކާއި ގުޅިގެން ނަޝީދުގެ ކެންޕެއިންގެ ތަރުޖަމާނު އަބްދުﷲ ވަހީދު ވިދާޅުވީ، ކޯޓަށް މައްސަލަ ހުށަހެޅީ އެ ކެމްޕެއިންގެ ފަރާތުން ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއްކަމަށެވެ. މިފަދަ ދޮގު ޚަބަރުތައް ފެތުރުމަކީ ޕާޓީގެ އެތެރޭގެ އިންތިޚާބަށް އޮންނަ އިތުބާރު ގެއްލޭނެ ކަމެއް. އަދި ޕާޓީގެ އެތެރޭގެ މަސްލަހަތަށް ހިޔަނި އެޅޭނެ ކަމެއް. ކެންޕޭނުގެ ފަރާތުން އެދެނީ ވީހާވެސް އަވަހަށް ވޯޓުލުމުގެ ފުރުޞަތު ޕާޓީގެ ޢާންމު މެންބަރުންނަށް ލިބުން. ޕާޓީގެ މަގާމުތަކާއި ނިންމުންތަކަށް އިތުބާރާއި ޔަގީންކަން އަދި ސައްހަކަން ލިބޭނީ އިންތިޚާބުތަކުން. ނަޝީދުގެ ޓީމުން ބުނެފައިވާގޮތުގައި، ތުހުމަތު ކުރާ މައްސަލަ ކޯޓަށް ހުށަހެޅުއްވީ ވަކީލު އަބްދުﷲ ޝާއިރު، އޭނާގެ އަމިއްލަ ހައިސިއްޔަތުންނެވެ. ނަޝީދުގެ ކެންޕެއިން ޓީމުން ނެރެފައިވާ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ކެމްޕޭނުގެ ފަރާތުން ހިންގާ ޙަރަކާތްތަކާއި، ނިންމާ ނިންމުންތަކާއި އަޅާ ފިޔަވަޅުތައް ގަވާއިދުން ހާމަކުރަމުން ދާނެ ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި، އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބާ ގުޅޭ ގޮތުން ޚިޔާލު ތަފާތުވުންތައް ވަނީ ބޮޑުވެފައެވެ. އެގޮތުން، އެ އިންތިޚާބަށް ވާދަވެރިކަން ބޮޑުވެފައި ވަނިކޮށް ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ހުކުރު ދުވަހުގެ ރޭ، އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވަނީ، އިންތިޚާބު ފަސްކުރަން ހުށަހަޅުއްވައިފައެވެ. އެއީ މިވަގުތު ޗެއާޕާސަން ހޮވުމުގެ އިންތިޚާބު ބާއްވައިފިނަމަ، ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލި، އޭގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ވިދާޅުވެއެވެ. އެހެންނަމަވެސް، މީކާއީލް ވަނީ އެކަމާ ދެކޮޅު ކަމަށް ވިދާޅުވެފައެވެ. އަދި ނަޝީދު ވަނީ އެމްޑީޕީގެ ގައުމީ މަޖިލިސް ގަބޫލުނަމަ، ޕާޓީގެ ވަގުތީ ޗެއާޕާސަންކަމާ ހަވާލުވާން އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ