ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ކޮލަންބޯގައި ހުންނަ ލޭޑީ ރިޖްވޭ ހޮސްޕިޓަލް ފޯރ ޗިލްޑްރަންއަށް ޒިޔާރަތް ކުރައްވައިފިއެވެ.
އެކަމަނާގެ މިޒިޔާރަތަކީ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ހޮސްޕިޓަލަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ، ހޮސްޕިޓަލުގެ އިސްވެރިންނެވެ. މި ޒިޔާރަތުގައި ހޮސްޕިޓަލުގެ ތަޢާރަފެއް ހިމެނޭ ޕްރެޒެންޓޭޝަނެއް ވަނީ ހުށައަޅާފައެވެ. މީގެއިތުރުން ކަށީގެ ޚިދުމަތްތަކާއި އަދި ޕްލާސްޓިކް ސާރޖަރީ ވޯޑާއި، ކުޑަކުދިންގެ ވޯޑަށް ވަޑައިގެން، އެތަންތަނުން އެވަގުތު ޚިދުމަތް ހޯއްދަވަމުން ގެންދެވި ފަރާތްތަކާ އެކަމަނާ ބައްދަލު ކުރެއްވިއެވެ.
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ހޮސްޕިޓަލުގެ މެހްމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވައި ލިޔުއްވި ބަޔާނުގައި، ކުޑަކުދިންގެ ސިއްޙަތާ ދުޅަހެޔޮކަން ކަށަވަރު ކުރުމަށްޓަކައި ހޮސްޕިޓަލުން ކުރައްވަމުން ގެންދަވާ ހަރުދަނާ، ވިލުންތެރި މަސައްކަތްތަކަށް ތަޢުރީފު ކުރައްވާފައިވެއެވެ.
ލޭޑީ ރިޖްވޭ ހޮސްޕިޓަލް ފޯ ޗިލްޑްރަންއަކީ، ސްރީލަންކާގައި ހިލޭ ސާބަހަށް ކުޑަކުދިންނަށް ޚިދުމަތް ދެމުންދާ އެންމެ ބޮޑު ހޮސްޕިޓަލެވެ.
ފަސްޓްލޭޑީ، ލަންކާގެ ލޭޑީ ރިޖްވޭ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ