ސްކޫލް ބޮޑު ޗުއްޓީ ބަދަލުކުރުމުގެ ވިސްނުމެއް އަދި ނެތް: މިނިސްޓަރު

ސްކޫލް އަހަރީ ޗުއްޓީ ބަދަލުކުރުމުގެ ވިސްނުމެއް އަދި ނުގެންގުޅުއްވާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޖޫން މަހުގެ 30 ގައި ފެށުނު ސްކޫލް ޗުއްޓީ އަށް މަހެއް ލިބުނު ނަމަވެސް، ޖޫން ޖުލައި ވިއްސާރައިގެ ސަބަބުން ކޮންމެ އަހަރަކު ވެސް މޫސުން ގޯސްވެ ޗުއްޓީގެ ބޭނުން ނުހިފޭ ކަމަށް ބުނެ ބައެއް ބެލެނިވެރިންނާއި ޓީޗަރުން ދަނީ ސޯޝަލް މީޑިއާގައި ޝަކުވާ  ކުރަމުންނެވެ. އަންނަ އާދީއްތަ ދުވަހު ސްކޫލްތަކުގެ ކިޔެވުން ފަށާއިރު، ވިއްސާރައިގެ ސަބަބުން ޗުއްޓީއަށް އެކި ރަށްރަށަށް ދިޔަ ބެލެނިވެރިން ވެސް ވަނީ ދަތުރު ނުކުރެވި، އެ ރަށްތަކުގައި ވަނީ ތާށިވެފަ އެވެ. އެހެންވެ، ބައެއް ފަރާތްތަކުން ދަނީ ކުރިން އޮތް ގޮތަށް، އަހަރުގެ ފަހުކޮޅަށް ސްކޫލް ޗުއްޓީ ބަދަލުކުރަން ގޮވާލަމުންނެވެ.
އިތުރަށް ކިޔާލަން- ޗުއްޓީ ނިމުނު އިރު ވިއްސާރަވެ، ބެލެނިވެރިންނާއި ދަރިވަރުން ރަށްރަށުގައި ތާށިވެއްޖެ
ބުނީ ކީކޭ؟ - މިއަދު މީޑީއާޔާ ބައްދަލުކުރައްވާ، ސްކޫލް ޗުއްޓީގެ މައްސަލައިގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ޗުއްޓީ ބަދަލުކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ވިސްނުމެއް ވެސް އަދި ނުގެންގުޅުއްވާ ކަމަށް އޭނާ ވިދާޅުވި އެވެ. 
އެނގުން މުހިއްމު - ކުރިން ރާއްޖޭގައި ސްކޫލު ބޮޑު ޗުއްޓީ ދެނީ ނޮވެމްބަރު މަހު ފަހުކޮޅު ނުވަތަ ޑިސެމްބަރު ކުރީކޮޅު އެވެ. ދިރާސީ އާ އަހަރަށް ސްކޫލުތައް ހުޅުވޭނީ ޖެނުއަރީ މަހުގެ ކުރީކޮޅު އެވެ. ޒަމާނުއްސުރެ އޮތް އެ އުސޫލު، އެޑިއުކޭޝަން މިނިސްޓްރީން ބަދަލު ކުރީ މިދިޔަ އަހަރު އެވެ. މި ގޮތަށް ބަދަލުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ޑިސެމްބަރު މަހަކީ ޓޫރިޒަމްގައި އެންމެ ބުރަ މަހަށް ވެފައި، އެ ދާއިރާގައި މަސައްކަތް ކުރާ ގިނަ ބަޔަކަށް އެ ދުވަސްވަރު ޗުއްޓީ ނުލިބުމެވެ.
ތަފްސީލް - މިނިސްޓަރު ވިދާޅުވީ ސްކޫލް ޗުއްޓީ އެހެން ދުވަސްވަރަކަށް ބަދަލުކުރާނަމަ، ދިރާސީ އާ އަހަރު ކުރުކޮށް، ނުވަތަ ދިގުކުރަން ޖެހޭނެ ކަމަށެވެ. އަދި އަލުން އެފަދަ ބަދަލެއް ގެނެސްގެން ވެސް ދަރިވަރުންނަށް އޭގެ އަސަރުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
" އެއީ މިހާރު އަޅުގަނޑުމެން އަނެއްކާ ބަދަލުކޮށްފިއްޔާ ޖެހޭނީ އެކެޑެމިކް އިޔާ ޝޯޓްކޮށްލަން، ނޫނީ އަނެއްކާ ދިގުކުރަން. ޝޯޓްކޮށްލައިފިއްޔާ ހަ މަސް އެ ކުދިންގެ ކިޔެވުމުން ގެއްލޭ." އައިޝަތު އަލީ ވިދާޅުވި އެވެ.
އެކަމަކު، ޖުލައި މަހު ސްކޫލް ޗުއްޓީ ދިނުމާއި އާންމުންގެ ގިނަ ބަޔަކު ދެކޮޅުހަދާ ނަމަ، ޗުއްޓީ ދުވަސްވަރު ބަދަލުކުރެވިދާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ. އެކަމަކު އެއީ މިނިސްޓަރު ވިދާޅުވި ގޮތުގައި ފަސޭހަކަމެއް ނޫނެވެ.
"ޕަބްލިކަށް ރަނގަޅު ނޫނިއްޔާ، އެ ހާލަތު މެދުވެރިވެއްޖިއްޔާ ބަދަލުކުރާނެ. ނަމަވެސް މިހާރު ކަން އޮތް ގޮތުން އެހާ ފަސޭހަ ކޮށް ބަދަލުގެނެވޭނެ ގޮތަކަށް
ނޫން މިއޮތީ،" މިނިސްޓަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ