ރައްޔިތުންގެ އަތުގައި ވެރިކަމުގެ ބާރު ދެމެހެއްޓޭނީ ރިޔާސީ ނިޒާމެއް އޮވެގެން: ގާސިމް

ރައްޔިތުންގެ އަތުގައި އޮތް ވެރިކަމުގެ ބާރު އެ ގޮތުގައި ދެމެހެއްޓޭނީ ރިޔާސީ ނިޒާމެއް އޮވެގެން ކަމަށް ވިދާޅުވެ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތާ، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ދެކޮޅު ހައްދަވައިފި އެވެ.
އެނގުން މުހިންމު - ނަޝީދު ވަނީ، ބަރުލަމާނީގެ ކެމްޕޭން އެންމެ ފުރަތަމަ ފެއްޓެވި ދުވަސްކޮޅު، މިދިޔަ އަހަރުގެ ފަހުކޮޅު ގާސިމްގެ ސަން އައިލެންޑަށް ވަޑައިގެން ގާސިމްއާ ބައްދަލުކުރައްވާފަ އެވެ. އޭގެ ފަހުން، މިދިޔަ ޖޫން މަހުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ގާސިމްއާ ސަން އައިލެންޑުގައި ބައްދަލުކުރައްވާފަ އެވެ. 
އިތުރަށް ކިޔާލަން - ރައީސް ސޯލިހު ސަން އައިލެންޑުގައި ގާސިމްއާ ބައްދަލުކުރައްވައިފި
އެ މަޝްވަރާތަކުގެ ތަފްސީލު އެއްވެސް ބޭފުޅަކު ހާމަކުރައްވާފައި ނުވިޔަސް، ގާސިމް ވަނީ މީގެ ކުރިން ވެސް ބޮޑުވަޒީރަކު ސަރުކާރު ހިންގުމާ ދެކޮޅު ހައްދަވާފަ އެވެ. ނަމަވެސް، އޭނާ ކުރިން ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގައި ޖޭޕީން ވާދަކުރާނީ ވަކިންތޯ ނުވަތަ ކޯލިޝަނަކާ އެއްކޮށްތޯ ނިންމާނީ ޕާޓީގެ ކައުންސިލުން ކަމަށެވެ.
ވީ ކިހިނެއް؟ - ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަށް ނަޝީދު އެމްޑީޕީގެ ކޮންގްރެސްއަށް ގަރާރެއް ހުށަހަޅުއްވައި އެ ކަމުގެ ކެމްޕޭނު އަނެއްކާވެސް ފައްޓަވާފައި ވަނިކޮށް، ގާސިމް ރޭ ކުރެއްވި ޓުވީޓެއްގައި ވަނީ ނަޝީދުގެ ހުށަހަޅުއްވުމަށް ސީދާ ދެކޮޅު ހައްދަވާފަ އެވެ.
ބުނީ ކީކޭ؟ - ގާސިމް ވިދާޅުވި ގޮތުގައި، ރައްޔިތުންގެ އަތުގައި އޮތް ވެރިކަމުގެ ބާރު އެ ގޮތުގައި ދެމެހެއްޓޭނީ ރިޔާސީ ނިޒާމެއް އޮވެގެންނެވެ.
"ރައީސާއި މަޖިލިސް މެންބަރުންނަކީ ސީދާ ރައްޔިތުންގެ ވޯޓުން ހޮވާ މަގާމުތަކެވެ. ބަރުލަމާނީގައި ގައުމު ހިންގަން ހަވާލުވާ ބޮޑުވަޒީރަކީ ރައްޔިތުން ސީދާ އިންތިހާބު ކުރާ ފަރާތެއް ނޫނެވެ،" ގާސިމްގެ ޓުވީޓުގައިވެ އެވެ.
ފަސްމަންޒަރު - އަންނަ ހުކުރު ދުވަހު ފަށާ އެމްޑީޕީގެ ކޮންގްރެސްއަށް ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރު އަނބުރާ ގެންދެވުމަށް ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ އެދިވަޑައިގެންނެވި ނަމަވެސް، އެ ގޮތަށް އަމަލުކުރެއްވުމުގެ ވިސްނުމެއް ނަޝީދުގެ ނެތްކަން ރޭ ވަނީ ހާމަވެފަ އެވެ.
އިތުރަށް ކިޔާލަން - ގަރާރު ގެންދެވުމުގެ ވިސްނުމެއް ނަޝީދުގެ ނެތް؛ ބަދަލުގައި ރައީސަށް ދެއްވީ ނުސީދާ އިންޒާރު
ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ބަރުލަމާނީ ނިޒާމެއް ގެނައުމާ ދެކޮޅު ހައްދަވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ